އިސްލާމިކް މިނިސްޓްރީގެ އެންގެވުމަކަށް އެއްމަސްދުވަސްވަންދެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންރާއްޖޭގެ މިސްކިތްތަކުގައި ކޮންމެ ފަރުޟްނަމާދަކަށްފަހު ޚާއްޞަ ދުއާއެއް ކުރަން ފަށައިފިއެވެ.
މި ދުއާ މިދުވަސްވަރާ ދިމާކޮށް ކިޔަންޖެހުނު ގޮތާ ބެހޭގޮތުން އިސްލާމިކް މިނިސްޓރީގެ އޮފިޝަލަކު ވިދާޅުވީ ،އެދުޢާއަކީ ވަކި ކަމެއްދިމާވެގެން ކުރަންއެންގި ދުޢާއެއް ނޫންކަމާ ރާއްޖެއަށް އުދައެރުމާ އަދި ޓެރަރިޒަމްގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް ބޮޑުވެފައިވާތީ ކިޔަން ހަމަޖެއްސި ދުއާއެއްކަމުގައެވެ.
އެ ދުއާ ކުރެވެމުންދަނީ ރާއްޖޭގެ އިގްތިސާދު ހަލާކު ކޮށްލުމުގެ ނިޔަތުގައި ޓޫރިޒަމް ބޮއިކޮޓްކުރުމަށްގޮވާލާ ފަރާތްތަކުގެ މަސައްކަތް ކާމިޔާބުވިޔަ ނުދިނުމަށާއި ނުބައިރޭވުންތަކުންނާއި ޓެރަރިޒަމާއި މަކަރުވެރިންގެ މަކަރުތަކުންނާއި ހަސަދަވެރިންގެ ހަސަދައިން ވަލިއްޔުލްއަމްރާއި ރައްޔިތުންނާއި ރާއްޖެ ސަލާމަތްކުރައްވައި ރައްކާތެރިކޮށްދެއްވުން އެދިގެންނެވެ.
އެހެންނަމަވެސް މި ދުއާކިޔަންފެށުމާއެކު ބައެއް ރަށްރަށުގައި ޚިޔާލުތަފާތުވުން އުފެދި އެކަން މިނިސްޓްރީއޮފް އިސްލާމިކް އެފެއަރސްގެ ސަމާލުކަމަށްވަނީ ގެނެސްފައެވެ.
ޚިޔާލު ތަފާތުވެފައިވަނީ ވަލިއްޔުލްއަމްރު ރައްކާތެރި ކުރެއްވުމަށް އޮތް އިބާރާތުގައެވެ.
” ﷲ. އަޅަމެންގެ ވެރި ރަސްކަލާކޮ.ނުބައި ރޭވުންތައްރާވާ މީހުންގެ ރޭވުންތަކުންނާއި ޓެރަރިޒަމްގެ އަމަލުތަކުންނާއި މަކަރުވެރިންގެ މަކަރުމަކަރުތަކުންނާއި ހަސަދަވެރިންގެ ހަސަދަތަކުން އަޅަމެންގެ ވަލިއްޔުލްއަމުރާއި ،ރައްޔިތުންނާއި ،އަޅަމެންގެ ރާއްޖެ ސަލާމަތްކުރައްވާ ރައްކާތެރި ކުރައްވާނދޭވެ.! ” ދުއާގައި ޚިޔާލު ތަފާތުވާ އިބާރާތުގައިވަނީ މިހެންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހާލަތަށް ރިޢާޔަތްކޮށްފައި ދުޢާ ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއްކަމުގައެވެ.
ރާއްޖޭގެ ތާރީޚް ލިއުއްވި އެންމެ ފުރަތަމަ ލިއުންތެރިޔާ އިބްނު ބަތޫތާ ލިއުއްވާފައިވާ ގޮތުގައި ރާއްޖޭގެ ތާރީޚުން ނަންއެނގޭ ފުރަތަމަ ރަނިކަމަނާ ރެހެންދި ޚަދީޖާއިން ފެށިގެން ރާއްޖޭގެ ވެރިކަންކުރައްވަން އެެއިރަކު ހުންނަވާ ވެރިއެއްގެ ވެރިކަން ދިފާއުކުރެއްވުމަށާއި “ޖާހު މަތިވެރިކުރެއްވުމަށް” ދުއާކުރެއެވެ.
އަދި ކޮންމެ ހުކުރުނަމާދެއްގެ ހުކުރު ޚުތުބާގައި ރާއްޖެ އިސްލާމްވީއްސުރެ ރާއްޖޭގެ ވަލިއްޔުލް އަމްރު ރައްކާތެރިކޮށްދެއްވުމަށާއި އޭނާއަށް ނަސްރުދެއްވުމަށާއި ހެޔޮމަގަށް ވެރިކަން ކުރުމުގެ ތައުފީގު ދެއްވައި ދީނުގެ ނަންމަތިވެރިކުރައްވައި ރޯގާއާއި ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުން އެދި ދުއާކުރެއެވެ.