މޯލްޑިވްސް މީޓިއޮރޮޖިކަލް ސަރވިސް (މެޓްއޮފީސް) އިން މި މަހުގެ 28ން ފެށިގެން އުދައަރާނެކަމަށް ލަފާކުރާ ރަށްރަށުގެ ލިސްޓުގައި މިއަތޮޅުގެ ފުޅަދޫއާއި ފެހެންދޫ ހިމެނޭތީ އެދެރަށުގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ތައްޔާރީ ހާލަތަށް އަތުވެއްޖެއެވެ.
އެގޮތުން އުދައެރުމުގެ ސަބަބުން ލިބިދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން އެކަމަށް އިސް ނަގައިގެން މަސައްކަތްކުރާ ޓާސްކުފޯހެއް އެކުލަވާލާފައިކަމަށް ފުޅަދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވިއެވެ.
އުދައެރުމުގެ ސަބަބުން ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ޓާސްކްފޯހުގެ އިރުޝާދުގެ ދަށުން ހުރިހާ ކަމެއްވެސް ކުރުމަށް ކައުންސިލުންވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ޓާސްކްފޯހުން މިހާރުވަނީ އިންޖީނުގޭގެ ވަށައިގެން ވެލިގޯނި ޖައްސައި ލޮނު ނުވަންނާނެގޮތް ހަދާފައެވެ. އަދި ހާދިސާއެއް ދިމާވެއްޖެނަމަ ރަށުގެ ސްކޫލް ވަނީ ވަގުތީހިޔާގެ ގޮތުގައި ބޭނުންކުރުމަށް ކަނޑައަޅާފައެވެ.
އުދައެރުމުގެ ސަބަބުން ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވެތިބުމަށް ހެލްތުމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މެޓްއޮފީހުން ބުނީ ރަށުފެންވަރުގައާއި އަމިއްލަ ފަރުދީ ފެންވަރުގައިވެސް މިކަމަށް ތައްޔާރުވެ ތިބުމަށެވެ.
އުދަ އަރާނެކަމަށް ލަފާކުރެވެނީ މި މަހުގެ 28ން ފެށިގެން 30އާ ދެމެދުގައެވެ. މި ފަހަރު އުދައެރުމުގެ ސަބަބަކީ ކުރިންފެންނަވަރަށްވުރެ ދުނިޔެއާކައިރިން ހަނދުފެންނާތީކަމުގައި މެޓްއޮފީހުން ބުނެއެވެ.