އަންނަ ރަމަޟާން މަހަށް ކާއްޓާއި މިރުސް އަދި ކަރާ ފަދަ އާއްމުން ކޮންމެހެން ބޭނުން ކުރާ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހަށް ވާވަރަށް ރާއްޖޭގައި ކާޑުގެ ބާވަތްތައް ސްޓޮކް ކުރެވިފައި އެބަހުރި ކަމަށެވެ. އަދި ރޯދަ މަހާ ދިމާކޮށް ކާޑުގެ ބާވަތްތަކާއި ފިޔާ އަލުވި އަދި ބިސް ފަދަ ތަކެތީގެ އަގުތައް ހެޔޮ ކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ކަރާ، ކާށި އަދި މިރުސް ފަދަ ތަކެތިވެސް ކޮންޓްރޯލް އަގެއްގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
“ކަރާ ކާށި މިރުސް މިފަދަ ތަކެތީގެ އަގުތައް ރަނގަޅު ހިސާބަކަށް ކޮންޓްރޯލް ކުރުން. އެގޮތުން އެގްރޯނެޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން 363 ދަނޑުވެރިންނާއި ކޮންޓްރެކްޓް ހެދި އަމަލީ މަސައްކަތް ކުރިއަށް އެބަދޭ. އަދި ސަރުކާރުން ކައުންސިލްތަކާ ގުޅިގެން މިރުސް، ކަރާ ތަކެތީގެ ސަޕްލައި ރަނގަޅަށް ރާއްޖޭގައި ހިފެހެއްޓޭނެ ކަހަލަ ގޮތަކަށް މަސައްކަތް ކުރަމުން އެބަދޭ،” މަބްރޫކު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކާބޯތަކެއްޗާއި ތަރުކާރީގެ ބާވަތްތަކުގެ އަގު މައްޗަށް ދެއެވެ.