މިއަހަރުގެ ރަމަޟާން މަހަށް ހަނދުބެލުން އަންނަ އާދީއްތަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 17:30 އިން ފެށިގެން ހަނދު ބެލުމުގެ ކަންތައް، ވަކިގޮތަކަށް ނިމެންދެން މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލުތަކުގެ އިދާރާތަކާއި، އަތޮޅު ކައުންސިލުގެ އިދާރާތަކާއި، އަދި އެ ޑިޕާރޓްމަންޓު ހުޅުވިފައި ހުންނާނެ ކަމަށެވެ.
ހަނދު ސާބިތުކުރުމުގެ ގޮތުން ހަނދު ފެނިގެން މައުލޫމާތު ދޭއިރު ބޭނުންވާ މުހިންމު މައުލޫމާތުގެ ތެރޭގައި ހަނދު ފެނުނު ވަގުތާއި، ހަނދު ހުރި އުސްމިނާއި، ހަނދު ދަތުރު ކުރަމުންދާ މިސްރާބުގެ މައުލޫމާތު ހުށަހަޅަންޖެހެ އެވެ.
މާލޭގައި ހުރި މީހަކަށް ހަނދު ފެނިއްޖެނަމަ ހެކިބަސް ދޭން ހަމަޖެހިފައިވަނީ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގަ އެވެ. އަތޮޅުތަކުގެ ރަށެއްގައި ނަމަ ހެކިބަސް ދޭން ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓެ ކޯޓުގެ ގާޒީގެ ކުރިމަތީ އެވެ. އެހެން ނަމަވެސް، ގާޒީއަކު ނެތް ރަށެއްނަމަ ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލް އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ކުރިމަތީ އެވެ.