ދިވެހިންނަށް ބަންޑާރަ ގޯތި ދިނުމުގެ ބަދަލުގައި ގޯތި ވިއްކުމަށް ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފި އެެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ ބިން ވިއްކައިގެން ދައުލަތަށް ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވާ ކަމަށެވެ.
އެ އަދަދު އިތުރު ކުރެވޭނެ ގޮތެއްކަމަށް އަސްލަމަށް ފެނިވަޑައިގަތީ ޒަމާނުން ފެށިގެން ދިވެހިންނަށް ހިލޭ ދެމުން އައި ބަންޑާރަ ގޯތީގެ ބަދަލުގައި ގޯތި ވިއްކުމެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ހިލޭ ބަންޑާރަ ގޯތި ދޫކުރުން ހުއްޓައިލަން ޖެހޭ ކަމަށެވެ. އެއީ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރާ ވަރަށް ރާއްޖޭގެ ރަށްރަށުގައި ބިން ނެތުމުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
ހަމަމިއާއެކު ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލައި ސޯޝަލް ހައުސިން ރައްޔިތުންނަށް ދޫކުރަން ޖެހޭ ކަމަށާއި، އަދި އެ ތަންތަނުން އަތް ފޯރާފަށުގެ އަގެއް ނަގަން ޖެހޭ ކަމަށެް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ގޯތި ދޫކުރުން ހުއްޓާލައި ބިން ވިއްކަން ފަށައިފި ނަމަ މިހާރު ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ ދޮޅު ބިލިއަން ރުފިޔާއަށް އިތުރުވެެގެންދާނެއެވެ.