މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ޚިދުމަތް ލިބޭ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފި އެވެ.
ކާޑުގެ މުއްދަތު އިތުރުކުރި ނަމަވެސް އޮންލައިންކޮށް ކާޑު ހައްދަން ހުށަހެޅޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.
މުއްދަތު ހަަމަވެފައިވާ އައިޑީ ކާޑުން ޚިދުމަތް ލިބޭގޮތަށް ހަމަޖެއްސީ، ކޮވިޑް-19 އާއި ގުޅިގެން އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް މެދުކަނޑާލާފައިވާތީ އައިޑީކާޑު ނެތުމުން، އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެމުން އަންނާތީ އެވެ.
އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ އަންގާފައެވެ.