އަތޮޅުތެރެއިން މާލެ އަންނަ އުޅަނދު ފަހަރުގެ މީހުން، މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މާލެއަށް ފައިބާ ނަމަ އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރާނެ ކަމަށް އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އެ އުސޫލްތަކާ ހިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށާ އެ އުސޫލުގެ ދަށުން ގަވާއިދާ ހިލާފަށް ބަނދަރު ކުރާ އުޅަނދުގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ އަތޮޅުތަކުން މާލެ އަންނަ އުޅަނދުތަކަށް މާލެއާ ކައިރި ކުރެވޭނެ ވަކި ސަރަހައްދު ތަކެއް ކަނޑައަޅާފަ އެވެ. މިނޫން ސަރަހައްދެއް ބޭނުން ނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލެއަށް އައިސް ފުރާ އުޅަނދުތައް އެ އުސޫލަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.
މާލެއަށް އަންނަ އުޅަނދު ފަހަރު ލަފާ ފުރަން ހަމަޖެހިފައިވާ ސަރަހައްދު ތައް:
- މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުން ކުރުން
- މާލެ އަންނަ އަދި މާލެ އިން ފުރާ ސްޕީޑު ލޯންޗު ތައް އެއްނަންބަރު ޖެޓީ ބޭނުން ކުރުން
- މަސް އުޅަނދު ފަހަރާއި އެހެނިހެން އުޅަނދު ލަފާ ފުރަން ހުޅުމާލެ ބަނދަރު ބޭނުން ކުރުން
- އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ތިލަފުށި ބަނދަރު ބޭނުން ކުރުން
- ރިސޯޓުތަކުން މާލެ އައިސް ފުރާ ސްޕީޑު ލޯންޗު ފަހަރު 5 ނަންބަރު ޖެޓީ އާއި 6 ނަންބަރު ޖެޓީ ބޭނުން ކުރުން