ބ.މުއްދޫގައި ހިންގާ ދުސިތުތާނީ މޯލްޑިވްސް ރިސޯޓު، ކޮވިޑް އާ ގުޅިގެން ބަންދު ކޮށްފައި އޮތުމަށް ފަހު މި މަހު 1 ވަނަ ދުވަހު އަލުން މިހާރު ވަނީ ހުޅުވާލާފައެވެ. ނިއު ނޯމަލް ގައި ރިސޯޓު އަލުން ހުޅުވުމުގެ ގޮތުން ރިސޯޓުން ގެސްޓުންނަށް މަރުހަބާ ކިޔާފައިވަނީ ރީތި ލަވައަކާވެސް އެކުގައެވެ. މި ލަވައިގާ ދައްކަނީ ރިސޯޓްގެ އެންމެ އިސް ވެރިން ފެށިގެން އެންމެ އާދައިގެ މުވައްޒަފާ ހަމައަށް ލަވައިގާ ބައިވެރިވެ ގެސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވެ، އެކަމުގައި އުފަލުގައި ތިބި މަންޒަރެވެ.
ބ. އަތޮޅުގެ ޔުނެސްކޯ ބައޯސްފިއާ ރިޒާވްގެ ތެރޭގައި ހިމެނޭ މުއްދޫގައި ތަރައްގީކޮށްފައިވާ 94 ވިލާގެ ދުސިތު ތާނީ ރިސޯޓުގެ އިތުރުން ވެސް ބ.އަތޮޅުގެ އިތުރު ރިސޯޓުތަކެއްވެސް ވަނީ ހުޅުވާފަ އެވެ.
އެހެންނަމަވެސް ގިނަ ރިސޯޓްތަކަށް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ނޮވެމްބަރު ޑިސެމްބަރުގަ އެވެ. މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެވެ އެވެ.