ބ.ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާ ސާމާނު ހިތާދޫއަށް ގެންގޮސްފި އެވެ.
ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި މަސައްކަތަށް ބޭނުންވާ ސާމާނުގެ އިތުރުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި މޮބިލައިޒް ވެފައިވާ ކަމަށެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. 35.3 މިލިޔަން ރުފިޔާ އަށް މަސައްކަތް ހަވާލުކޮށްފައިވަނީ 2 އަހަރުތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން، ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގާ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ގާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
https://twitter.com/MoNPImv/status/1281830846073171970?s=20
ހިތާދުއަށް މިވަގުތު ދިމާވެފައިވާ އެއްމެ ބޮޑު އެއް ދައްޗަކީ ރަށުގައި ފެނާއި ނަރުދަމާ ގާއިމުވެފައި ނެތުން ކަމަށް ރަށުގެ ކައުންސިލުން ބުނެއެވެ. ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންގެ މި ކަންބޮޑުވުން މިދިޔައަހަރު ވަނީ ރަޢީސުލްޖުމްހޫރިއްޔާއާވެސް ހިއްސާ ކޮށްފަ އެވެ.
މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ފެނާއި ނަރުދަމާ ނާޅާ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ.




