ބޮލީވުޑްގެ ގިނަ ފިލްމް ތަކެއްގައި ކޮމޭޑިއަން އެއްގެ ބައި އަދާކޮށްފައިވާ މަޝްހޫރު ކޮމޭޑިއަން، ޖަގްދީޕް މަރުވެއްޖެއެވެ. ޖަގްދީޕަކީ މިހާރުގެ ބައެއް ފިލްމް ތަކުގެ ކޮމޭޑިއަން ރޯލުތަކުން ފެންނަ ޖާވީދު ޖެފްރީއާއި ޓީވީ ޕްރޮޑިއުސަރ ނަވީދު ޖެފްރީގެ ބައްޕަވެސް މެއެވެ.
އުމުރުން 81 އަހަރުގައި ޖަގްދީޕް މަރުވީ ސިއްހީ މައްސަލަތަކެއް ދިމާވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަގްދީފްގެ އަސްލު ނަމަކީ ސައްޔިދު އިޝްތިއާގް އަހްމަދު ޖެފްރީއެވެ. އޭނާއަކީ މުސްލިމް އާއިލާއަކުން އުފެދުނު މުސްލިމެކެވެ.
ޖަގްދީޕްގެ ފިލްމީ ހަޔާތް ފަށާފައިވަނީ 1951 ގައި ނުކުތް “އަފްސާނާ ” އިންނެވެ. އޭގެ ފަހުން މިހާތަނަށް 400އަށްވުރެ ގިނަ ފިލްމް ކުޅެ ފަސްދޮޅަސް އަހަރަށްވުރެ ގިނަދުވަސް ވަންދެން އޭނާވަނީ ފިލްމްތަކުގައި ހެއްވާ ބައި ކުޅެ އެތައް ބައެއްގެ ލޯބި ހޯދާފަ އެވެ. އޭޏާގެ އެންމެ މޮޅު ފިލްމްތަކުގެ ތެރޭގައި އަދިވެސް ފަނޑުވުމެއް ނެތް ފިލްމު ޝޯލޭ ހިމެނެއެެވެ. އެފިލްމުގައި އޭނާގެ އެންމެ މަޝްހޫރުވި ޑައިލޮގުގެ ގޮތުގައި “މޭރާ ނާމް ސޫރްމާ ބޯޕާލީ އެއިސޭހީ ނެހީހޭ” މީހުންގެ ހަނދާނުގައި އަދިވެސް ހަރުލާ ހުރެއެވެ. މި ޑައިލޮގް ކޮޅު މަޝްހޫރުވީލެއް ބޮޑު ކަމުން އޭނާ ވަނީ ”ސޫރްމާ ބޯޕާލީ” ގެ ނަމުގައި 1998ގައި ފިލްމެއްވެސް ހަދާފައެވެ. މީގެއިތުރުން ފިލްމު ‘އަންދާޒް އަޕްނާ އަޕްނާ’ އާއި ޤުރުބާނީއަދި ޝެހެންޝާހް ފަދަ އެތައް ފިލްމަކުންވެސް ޖަގޭ ވަނީ އާންމުންގެ މަޤުބޫލުކަން ހޯދާފައެވެ.
އިއްޔެ ޖަގްދީޕް ނިޔާވިއިރު އޭނާ ކޮށްފައިވާ 3 ކައިވެނިން ވަނީ 6 ދަރިން ލިބިފައެވެ. އަދި ކާފަކިޔާ 3 ކުދިންވެސް އެބަތިއްބެވެ.