އާއާއްމު ހާލަތުގެ އުސޫލުތަކާއި އެއްގޮތައް ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެނިންމެވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބަދަލު ކުރައްވަައިފިއެެވެ.
މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތުން ވިޔަފާރިތައް އަލުން ފެށުމުގެ ހުއްދަ ދޭނެ ކަމަށް ރައީސް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ފަހުން ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ސަރުކާރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
އަދި އެ މުއްދަތުގައި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ، މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިނުލި ނަމަވެސް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެ އިދާރާތަކުން ދެވޭނެ ކަމަށެވެ.
ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެވޭނެ ކަމަށްވެސް ދެންނެވުމުގައި ބުނެފައިވެއެވެ.