ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ނުފޮނުވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިކަމާ ގުޅިގެން މިއަދު އެމިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ތައްޔާރީތައް ހުއްޓުމެއްނެތި ދިޔައީ ކުރަމުން ކަމަށާއި އެގޮތުން އެންމެ ފަހު ވަގުތު ހުއްދަ ލިބުނު ނަމަވެސް ދިވެހިން ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ރޭވެމުން ދިޔަ ކަމަށެވެ.
އެހެން ނަމަވެސް ސައުދީ ސަރުކާރުގެ ނިންމުމާއި އެއްގޮތަށް މިހާރު އެމަސައްކަތް ހުއްޓާލާފައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ސައުދީ ސަރުކާރުން ނިންމާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ހަމައެކަނި އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިފައެވެ. މިއީ މިފަދަ ނިންމުމެއް ސައުދީ ސަރުކާރުން ނިންމި ފުރަތަމަ ފަހަރެވެ.
ސައުދީ ސަރުކާރުން މިނިންމުން ނިންމުމުގެ ކުރިން ވެސް ބައެއް ގައުމުތަކުން ވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، އެގައުމުން މީހުން ހައްޖަށް ނުފޮނުވުމަށް ނިންމާފައެވެ. އޭގެ ތެރޭގައި މެލޭޝިއާއި އިންޑޮނޭޝިއާ ހިމެނެއެެވެ.