ހެނދުނު ހޭލެވޭއިރު ބަރުދަން އިތުރުވެއްޖެހެން ހީވެދޯއެވެ. އެއީ ހަގީގަތެއްވެސް މެއެވެ.
ގަވާއިދުން ކަސްރަތުކޮށް ރަނގަޅު ކާނާ ބޭނުން ކުރިޔަސް ރޭގަނޑު ގެންގުޅެވޭ ބައެއް ނުރަނގަޅު އާދަތަކުގެ ސަބަބުން ބަރުދަން އިތުރުވެއެވެ. އެއާދަތައް ބަދަލު ކުރަމާ ހިނގާށެވެ.
ރޭގަނޑު ގެންގުޅެވެ ބައެއް ނުރަނގަޅު އާދަތައް
- ހަށިގަނޑު ބޭނުންވާ ވަރަށް ނިދި ނުލިބުން
ހަށިގަނޑުގެ ކޮންމެ ބަޔަކަށްވެސް ވަކިވަރަކަށް ނިދި ބޭނުންވާނެއެވެ. އެ ވަރަށް ނިދި ނުލިބޭކަމަށްވާނަމަ ގުނަވަންތައް މަސައްކަތް ކުރުން ލަސްވެއެވެ. އެއާއެކު ވަރުބަލިވެ ކަންނެތްވެ ކޮލެސްޓްރޯލް ލެވެލްވެސް މައްޗަށް ހިނގައިދެއެވެ. މިހެން ވުމުން ބަރުދަން އިތުރުވެއެވެ. އެހެންކަމުން ކޮންމެ ރެއަކުވެސް މަދުވެގެން އަށް ގަޑިއިރު ނިދަން ޖެހޭނެއެވެ.
2. ރޭގަނޑު ކެއުން ނިމުމާއެކު އަވަހަށް ނިދުން
ރޭގަނޑު ކައި ނިމުމާއެކު އަރާއޮށޯވެ ނިދުމަކީ ބައެއް މީހުން ގެންގުޅޭ ގޯސް އާދައެކެވެ. ކާނާ ހަޖަމުކުރަން ދަތިކުރާ ކަމެކެވެ. ހަޖަމު ކުރާ ނިޒާމަށް ގެއްލުން ތަކެއްވެސް ލިބިދާނެ އެވެ. ނިދުމާއެކު ހަޖަމުކުރުމުގެ ބާރު ދަށްވެގެންދާނެއެވެ. އެހެންކަމުން ރޭގަނޑު ކައި ނިމުމާއެކު ހަޖަމުކުރުމަށް މަދުވެގެން ދެ ގަޑިއެއްހައި އިރު ނުދީ ނިދުމަކީ ރައްކާތެރި ގތޮެއް ނޫނެވެ. އަދި ހަމަމިއާއެކު ރޭގަނޑު ކެއުން ލުއި ކުރެވޭތޯ ބަލާށެވެ.
3. ނިދަން ކައިރިވުމުން ފޯނާއި ލެޕްޓޮޕް ސްކްރީނަށް ބެލުން.
ދިރާސާތަކުން ދައްކާގޮތުގައި ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް އާލަތްތަކުގައި ހުންނަ ނޫ ކުލައިގެ އަލިން ހަށިގަނޑަށް ގެއްލުން ލިބެއެވެ. ނިދަން ތައްޔާރު ވުމުގެ ކުރިން މި ތަކެތި ބެލުމުން ދުރުވާން ޖެހެއެވެ. މިކަމުން ލިބޭ ގެއްލުމުގެ އިތުރުން ނިދި ނައުން ހިމެނެއެވެ. ރަނގަޅު ގޮތަކީ ނިދުމުގެ މަދުވެގެން ގަޑިއެއްހައިއިރު ކުރިން ސްކްރީން ނިއްވާލުމަށް މިކަމުގެ މާހިރުން ނަސޭހަތްތެރިވެއެވެ. އޭގެ ބަދަލުގައި ހިމޭން މިއުޒިކެއް ނުވަތަ ވާހަކައެއް ކިޔާލުން މާ ރަނގަޅުވާނެއެވެ.
4. ރޭގަނޑު ނުކައި ނިދުން
ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ރޭގަނޑު ނުކައި ނިދުމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. މިއީ ރަނގަޅުވާހަކަ އެއް ނޫނެވެ. ނުކައި ނިދުމުން ހަޖަމު ކުރުމުގެ ނިޒާމް މަސައްކަތް ކުރުން ލަސްވެއެވެ. އަދި ބޭނުންވާ ވަރަށް ޕްރޮޓީންސް ވެސް ނުލިބޭނެއެވެ. އެހެންވީމާ އަނެއް ދުވަހު ހޭލެވޭއިރު ބަނޑުހައިވެފައި ހުންނަވަރުން ގިނައިން ކެވޭގޮތް ވުމަކީ ގިނަފަހަރު ދިމާވާ ގޮތެކެވެ.
ރޭގަނޑު އެއްގޮތަކަށްވެސް ނުކައި ހުރެ ނިދުމުގެ ބަދަލުގައި ކުޑަކޮށްނަމަވެސް ކެއުމަކީ ސިއްހަތަށް ރަނގަޅު ކަމެކެވެ.
5. ކާބޯހައިޑްރޭޓްސް ގިނަ ކާނާ ކެއުން
ކާބޯހައިޑްރޭޓްސް އިން ހަށިގަނޑަށް ހަކަތަ ނުވަތަ ބާރު ހޯދައިދެއެވެ. އެކަމަކު ނިދާފައި އޮންނައިރު އެ ބާރުގެ ބޭނުމެއް ނުކުރެވޭނެ އެވެ. އަދި ކާބޯހައިޑްރޭޓްސް ގިނަ ކާނާގައި ހަކުރު އެކުލެވިގެން ވެއެވެ. މިއީވެސް ބަރުދަން އިތުރު ކުރުމަށް އެހީވާ މާއްދާއެކެވެ. ވީމާ މިކަމުގެ މާހިރުންގެ ލަފައަކީ ރޭގަނޑު ޕްރޮޓީންސް އެކުލެވޭ ކާނާ ބޭނުން ކުރުމެވެ.
6. ލަހުން ނިދުން.
ދަންވަރު ހޭލާ ހުރުމަކީ ވެސް ބަރުދަން އިތުރުވާ ކަމެކެވެ. ވިސްނާށެވެ. ކޮންމެ އިންސާނެއްގެ ހަށިގަނޑުގައިވެސް ގަޑިއެއް އޮވެއެވެ. ދަންވަރު ނުނިދާ ހުރުމުން މި ގަޑިއަށް ނޭދެވޭ ބަދަލު އައިސް ހޯމޯން ލެވެލްތަކަށް ނުބައި އަސަރުކުރެއެވެ. މިހެންވެ ބަރުދަން އިތުރުވުން އެކަށީގެން ވެއެވެ. އެހެންކަމުން އަވަހަށް ނިދާފައި ފަތިހު ތެދުވަން އާދަކުރުމީ ސިއްހަތަށް އެންމެ ފައިދާހުރި އެންމެ ރަނގަޅު ގޮތެވެ. .