މިއަހަރުގެ ދޮންފަނު އިންވިޓޭޝަން ކަޕަށް ނުކުންނާނީ އޭދަފުށި ބަލިކުރެވޭނޭ ގޭމް ޕްލޭނެއް ހިފައިގެންކަމަށާ، ޗެމްޕިއަންކަން ނޫން އެހެން އެއްޗެއް ބޭނުން ނޫންކަމަށް ކިހާދޫ ޓީމްގެ މެނޭޖަރ ބުނެފިއެވެ.
ދޮންފަނު އިންވިޓޭޝަން ކަޕަށް ވަމުންދާ ތައްޔާރީތަކާބެހޭގޮތުން ކިހާދޫ ޓީމްގެ މެނޭޖަރ އިބްރާހީމް ފަޒީލް އީވީއަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ އަމާޒަކީ ސީދާ ޗެމްޕިއަންކަން ކަމަށާ، އެކަމަށްޓަކައި ނުފުރޮޅާ އެއްމެ ގާކޮޅެއްވެސް ނުބާއްވާނެކަމަށެވެ. އޭނާ ބުނީ ޗެމްޕިއަން ކަން ހޯދަން އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނީ އޭދަފުށީ ޓީމުންކަމަށްވާތީ އެޓީމްގެ ގޭމްޕްލޭން ވަރަށް ރަނގަޅަށް ދިރާސާ ކުރަމުން އަންނަކަމަށެވެ.
“މިފަހަރު ތަށި ނުލިބިއްޖެއްޔާ ދެން ނުލިބޭނެކަމަށް މިބަލަނީ. އެހެން މިބުނީ މިއަހަރު އޮތް ވަރުގަދަ ޓީމް އަންނަ އަހަރު އުމުރު ހަމަވާނެ. ސެމީގައި ނޫނީ ފައިނަލުގައި އޭދަފުއްޓާ ޖެހޭނެކަމަށް ބަލަނީ. އޭދަފުށީގެ ގޭމް ޕެލޭން އޮންނަގޮތުން އެމީހުން ބަލިކުރުމަކީ ވަރަށް ޓަފް ކަމެއް. އެކަމަކު ކިހާދޫ ޓީމް މިއަހަރު ރާވާނީ ސީދާ އެމީހުންގެ ގޭމް ޕްލޭން ހަލާކުކޮށްލައިގެން އޭދަފުށި ބަލިކުރެވޭނެ ގޮތަކަށް” ދެހާހުގެ އަހަރުތަކުގައި ކިހާދޫގައި އުފެދުނު އެންމެމޮޅު ކުޅުންތެރިޔާ އަދި ކައުންސިލްގެ މިހާރުގެ ރައީސް ފަޒީލް ބުންޏެވެ.
ފަޒީލް ބުނީ މިއަހަރަށް ޓީމް ވަރުގަދަކުރުމަށް ކައުންސިލުން 47000ރ ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާ، އިތުރު އެހީތަކާއެކު 60000 ރުފިޔާ ޓީމަށް ހަރަދުކުރާނެކަމަށެވެ. އަދި ޓީމްގެ ބަލިކަށި ޑިޕާޓްމަންޓްތައް ވަރުގަދަ ކުރުމަށް ރަށުން ބޭރުން ތިން ކުޅުންތެރިންވެސް ގެންނަން ނިންމާފައިވާކަމަށެވެ.
“ޖުމްލަ ފަސްދޮޅަސް ހާސްވަރު ހަރަދުވާނެ. ބަޖެޓް ބޮޑުކުރީ ރަށުން ބޭރު ކުޅުންތެރިން ގެނެސް ޓީމް ވަރުގަދަކުރުމަށާ، އިތުރަށް ޓީމް ވަރުގަދަކުރުމަށް”
ދޮންފަނު އިންވިޓޭޝަން ކަޕް އާދީއްތަދުވަހު ފަށާއިރު އެދުވަހު ދޮންފަނާ ބައްދަލުކުރާނީ އޭދަފުއްޓެވެ. ކިހާދޫގެ ފުރަތަމަ މެޗްގައި އަންގާރަ ދުވަހު ގޮއިދޫއާ ބައްދަލުކުރާނެއެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި ގްރޫޕް ބީގައި ހިމެނުނު އިރު އެގްރޫޕްގައި ދެންއޮތީ ދޮންފަނާއި، ދަރަވަންދޫ އަދި ކެންދޫއެވެ. ގްރޫޕް އޭގައި އޮތް ކިހާދޫއަކީ 2016 ވަނަ އަހަރު މިމުބާރާތުގެ ޗެންޕިއަނެވެ. މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވޭ އޭގްރޫޕްގައި ގޮއިދޫއާ ކިހާދޫގެ އިތުރުން ދެން އޮތީ މާޅޮހެވެ.