އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2

albaqarah-6-7-fiabqr.jpg

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް

އިސްވެދިޔަ ހަފްތާގައި ހުށަހަޅާލެވުނު ބަޤަރާ ސޫރަތުގެ ވަށަރޮނގުގައި، ސޫރަތުގެ އާޔަތްތައް ފަސްބަޔަށް ބަހާލެވުނެވެ. މިފަސް ބައިގެ ތެރެއިން ފުރަތަމަ ބައިގެ ތަފްސީރު، މިހަލަގާގައި ލިޔަން ފަށަން ގަސްދުކުރަމެވެ.

މިބައިގައި ހިމެނެނީ އެއްވަނަ އާޔަތުން ފެށިގެން އަށާވީސްވަނަ އާޔަތުގެ ނިޔަލަށްވާ އަށާވީސް އާޔަތެވެ. ކުރިންވެސް ނަންގަނެވިދިޔަ ފަދައިން، މިބައިގައި މިސޫރަތުގެއާ އަދި ކީރިތި ޤުރްއާނުގެ ވެސް މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅައިލެވިފައި ވެއެވެ. އަދި އެއަށްފަހު، މިބައިގައި، މި ހިދާޔަތް، މީސްތަކުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެ ހިދާޔަތް ބަލައިގަންނަ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، މީސްތަކުން ތިން ބަޔަށް ބަހާލެވިފައި ވެއެވެ. ފުރަތަމަ ބަޔަކީ އިލާހީ ހިދާޔަތް ގަބޫލުކޮށް، އެކަން ބަލައިގަންނަ މީހުންނެވެ. އާދެ، މުއިނުންނެވެ. ދެވަނަ ބަޔަކީ އިލާހީ ހިދާޔަތަށް ފުރަގަސްދީ އެކަމަށް އިންކާރުކުރާ މީހުންނެވެ. އާދެ، ކާފިރުންނެވެ. ތިންވަނަ ބަޔަކީ، އިލާހީ ހިދާޔަތު ގަބޫލުކޮށް ބަލައިގަތުމާއި ނޫނީ އެކަމަށް ފުރަގަސްދީ، އިންކާރުކުރުމާއި، ދެ ގޮތުންކުރެ އެމީހުން ދެކޭ ހަގީގޮތް ފޮރުވައި ވަންހަނާކޮށްގެން އުޅޭ މީހުންނެވެ. ބޭރުފުށުން އެމީހުންނަކީ އިލާހީ ހިދާޔަތް ބަލައިގަނެ، ގަބޫލުކުރާ މުއުމިނުންގެ ގޮތް ދައްކައި، އެމީހުންގެ ހަގީގަތް، އާދެ، އެމީހުންނަކީ އިލާހީ ހިދާޔަތް ބަލައިނުގަންނަ ބައެއްކަން، ސިއްރުކޮށްގެން އުޅޭ މީހުންނެވެ. އާދެ، ދެފުށް ދެގޮތް މުނާފިގުންނެވެ.

މީގެ ތެރެއިން މުއުމިނުންނާ ބެހޭ ވާހަކަ، އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށް ބަޔާންކުރެވިފައި ވެއެވެ. މުއުމިނުންނާއި ބެހޭގޮތުން، އެންމެ ފުރަތަމަ، ބަޔާންކުރެވިފައި ވަނީ، އެމީހުންނަކީ ‘ތަގުވާވެރިން’ ކަމުގައެވެ. މާތްﷲއަށް އީމާންވެ، އެމީހުންގެ ހަށިގަނޑު ތެރޭގައި މި އީމާންކަމުގެ ހުޅުކޮޅު ރޯކޮށް، ދަމަހައްޓުވައި، އެ އީމާންކަމާއި އެއްގޮތްވާ ގޮތުގެ މަތިން، އެމީހުންގެ ހުރިހާ އަމަލުތަކެއް ވެސް ބަހައްޓަން މަސައްކަތްކުރާ މީހުންނެވެ. ހެޔޮއަމަލުކޮށް، އެމީހުން އީމާންވާ އީމާންވުމާ ތައާރުޒުވެ، ފުށުއަރާ ކަންކަމުން ދުރުހެލިވެގެން އުޅެން މަސައްކަތްކުރާ މީހުންނެވެ. މީގެ އިތުރުން، އެމީހުންގެ ސިފަތަކުގެތެރޭގައި ޣައިބަށް އީމާންވުމާއި ނަމާދު ގާއިމުކުރުމާއި، އެމީހުންނަށް މާތްﷲ ދެއްވި އެއްޗެތީން އެހެން މީސްމީހުނަށް ހޭދަކުރުމާއި، ކީރިތި ޤުރްއާނަށާއި އަދި އެހެނިހެން އިލާހީ ފޮތްތަކަށް ވެސް އީމާންވުމާއި އަދި އާޚިރަތް ދުވަހަކީ އަންނާނޭ ދުވަހެއްކަމާ މެދު ޔަގީންކޮށް ކަށަވަރުކުރުން، ހިމެނެއެވެ.

ބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ މިފަސް އާޔަތުގެ މައްޗަށް ތަފްސީލުކޮށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ މިފަސް އާޔަތުގެ ދިވެހި ތަރުޖަމާއެކެވެ. ދެން އެއަށްފަހު، މިއާޔަތްތަކުގެ އިތުރު ތަފްސީލު ހުށަހަޅާލެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަމެވެ.

ތަރުޖަމާ

بسم الله الرحمن الرحيم

ރަޙުމަތް ވަންތަ، ރަޙުމަތް ލައްވާ (މާތް)ﷲގެ އިސްމުފުޅު ނަންގަނެ (ބަރަކާތް ލިބުން އެދި ފަށަމެވެ)

1 ألم

  1. އަލިފް، ލާމް، މީމް. (ތިރީގައި، ‘އިތުރު ތަފްސީލު’، މިސުރުޚީގެ ދަށުގައި، މިއަކުރުތަކުގެ މާނައާ މެދު ވާހަކަކޮޅެއް ލިޔެވިފައިވާނެއެވެ.)

2 ذلك الكتاب لا ريب فيه هدى للمتقين

މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި (އެބަހީ، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ މީހުންނަށްޓަކައި) އޮތް މަގުދެއްކުމެވެ. (އެބަހީ، ތެދު މަގު ބަޔާންކޮށް، ދެއްކިފައިވާ ފޮތެވެ.)

3 الذين يؤمنون بالغيب ويقيمون الصلوة ومما رزقناهم ينفقون    އެމީހުންނަކީ (އެބަހީ ތަޤުވާވެރިންނަކީ) ޣައިބަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ތިމަން ރަސްކަލާނގެ، އެމީހުންނަށް، ދެއްވި ރިޒުގުން (ތަކެތީން ނުވަތަ ކަންކަމުން، އެހެން މީހުންނަށްޓަކައި ހެޔޮގޮތުގައި،) ހޭދަކުރާ މީހުންނެވެ.

4 والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون

އަދި އެމީހުންނަކީ ކަލޭގެފާނު، (އެބަހީ، މުހައްމަދުގެފާނު) މައްޗަށް ބާވާލެއްވުނު ފޮތަށާއި (އެބަހީ ކީރިތި ޤުރުއާނަށާއި) އަދި ކަލޭގެފާނުގެ ކުރީގެ (ރަސޫލު ބޭކަލުންގެ މައްޗަށް) ބާވާލެއްވުނު ފޮތްތަކަށް ވެސް (އެބަހީ އެބޭބޭކަލުންގެ މައްޗަށް ބާވާލެއްވުނު ޒަބޫރު، ތައުރާތު އަދި އިންޖީލު ފަދަ، ފޮތްތަކަށް ވެސް) އީމާންވާ މީހުންނެވެ. އަދި އާޚިރަތް ދުވަސް، (އެއީ އަންނާނޭ ދުވަހެއްކަމާއި މެދު،) އެމީހުން ޔަގީންކޮށް، ކަށަވަރު ކުރެއެވެ.

5 أولئك على هدى من ربهم وأولئك هم المفلحون

އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ (ދެއްކެވި) ތެދުމަގުގައިވާ މީހުންނަކީ އެމީހުންނެވެ. އަދި (އާޚިރަތް ދުވަހުން) ދިންނެވުން ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ.

އިތުރު ތަފްސީލު

ފާހަގަކޮށްލެވޭނޭ ފަދައިން، ބަގަރާ ސޫރަތުގެ ފުރަތަމަ ބައި ފެށިފައިވަނީ އަލިފް، ލާމް، މީމް. މިތިން އަކުރުންނެވެ. ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ މިފަދަ އަކުރުތަކަށް ‘އަލްޙުރޫފު އަލްމުޤައްޠަޢާ’، (‘ވަކިކުރެވިފައިވާ އަކުރުތައް’،) މިނަމުންނާއި އަދި ‘އަލްފަވާތިޙު’، (‘ފެށުންތައް’،) މިނަމުން ވެސް ނަންދެވިފައި ވެއެވެ. މިއަކުރުތަކުގެ މައްޗަށް އަވަސް ކަޅިއެއް ހިންގާލަމާތޯއެވެ.

އެންމެ ފުރަތަމަ، ކީރިތި ޤުރުއާނުގައި ‘ވަކިކުރެވިފައިވާ އަކުރުތައް’ އައިސްފައިވާ ގޮތުގެ މައްޗަށާއި އަދި އެއަކުރުތައް ހިމެނޭ ސޫރަތްތަކުގެ މައްޗަށް، ބަލާލާނަމެވެ. ދެން، މި އަކުރުތަކުގެ މާނައާއި ބެހޭ ގޮތުން މުފައްސިރުން (ކީރިތި ޤުރުއާނުގެ މާނަ ބަޔާންކޮށްދެއްވާ އިލްމުވެރިން) ދައްކަވާފައިވާ ވާހަކަތަކުގެ ކުރު ޚުލާސާއެއް ހުށަހަޅާލެވޭތޯ ވެސް ބަލާލާނަމެވެ.

އަރަބި ބަހުގެ އަލިފުބާގައި އަށާވީސް އަކުރު ހިމެނެއެވެ. (މިއަދަދު ކަނޑައަޅާ ލެވެނީ ‘ހަމްޒާ’، އަޅުގަނޑުމެން ދިވެހިން ކިޔާގޮތުން ނަމަ ‘ކުރުއަލިފު’ ހިމަނައި ނަމަވެސް ‘އަލިފަ’ކީ އަކުރެއް ކަމުގައި ނުހިމަނައެވެ. އަރަބި ބަހުގައި އަލިފު ހިމެނެނީ ދެމޭ ފިއްޔެއްގެ ގޮތުގައެވެ. އަކުރެއްގެ ގޮތުގައެއް ނޫނެވެ. ދިވެހި ބަހުގެ އާބާ ފިއްޔާ ދާދި އެއްގޮތަކަށެވެ. ތަފާތަކީ ކިޔުމުގެ ތަފާތެވެ. އަރަބި ބަހުގައި އާއްމު ގޮތެއްގައި ‘އާ’ ކިޔާއިރު ތުންފަތް ހަރަކާތްކުރަނީ ދިވެހި ބަހުން ‘އޭބޭ ފިލި’ ކިޔާއިރު ތުންފަތް ހަރަކާތް ކުރާ ގޮތަށް ހުރަހަށެވެ.) އަރަބި ބަހުގެ އަލިފުބާގެ އަށާވީސް އަކުރުގެ ތެރެއިން، ދެބައިކުޅަ އެއްބައި އަކުރު، އާދެ، ސާދަ އަކުރު، ‘ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އެއީ أ، ح، ر، ص، ط، ع، ف، ق، ك، ل، م، ن، هـ، ي މިއަކުރުތަކެވެ.

‘ވަކިކުރެވިފައިވާ އަކުރުތައް’ ކީރިތި ޤުރުއާނުގައި އައިސްފައިވާ ސޫރަތްތަކާއި އަދި އައިސްފައިވާ ގޮތުގެ މައްޗަށް ބަލާލަމާތޯއެވެ. ކީރިތި ޤުރްއާނުގެ އޮނަތިރީސް ސޫރަތެއްގެ، އާދެ، ގާތްގަނޑަކަށް، ކީރިތި ޤުރްއާނުގެ ހަތަރުބައި ކުޅަ އެއްބައި ސޫރަތުގެ، ފެށުމުގައި، މިއަކުރުތައް އައިސްފައި ވެއެވެ. ބައެއް ސޫރަތްތަކުގައި، ބޭނުންކުރެވިފައިވަނީ މީގެ ތެރެއިން، އެންމެ އަކުރެވެ. އެއީ ޞާދު ސޫރަތުގައި ص އާއި ޤާފު ސޫރަތުގައި ق އާއި އަލްޤަލަމު ސޫރަތުގައި ن އެވެ. އަދި ދިހަ ސޫރަތެއްގައި މި އަކުރުތަކުގެ ތެރެއިން ދެ އަކުރު އައިސްފައި ވެއެވެ. އެއީ ޠާހާ ސޫރަތުގައި طه އާއި އައްނަމްލު ސޫރަތުގައި طس އާއި ޔާސީނު ސޫރަތުގައި يس އާއި އަދި حمގެ ދެއަކުރު، ހަތް ސޫރަތެއްގައެވެ. އެ ހަތްސޫރަތަކީ ޣާފިރު ސޫރަތާއި ފުއްޞިލަތު ސޫރަތާއި އައްޝޫރާ ސޫރަތާއި އައްޒުޚްރުފު ސޫރަތާއި އައްދުޚާނު ސޫރަތާއި އަލްޖާޘިޔާ ސޫރަތާއި އަލްއަޙްޤާފު ސޫރަތެވެ. އަދި ‘ވަކިކުރެވިފައިވާ އަކުރުތަކު’ގެ ތެރެއިން ތިން އަކުރެއް ތޭރަ ސޫރަތެއްގައި ބޭނުންކުރެވިފައި ވެއެވެ. އެއީ ألم މިތިން އަކުރު ހަ ސޫރަތެއްގައެވެ. އަލްބަޤަރާ ސޫރަތާއި އާލު ޢިމްރާނު ސޫރަތާއި އަލްޢަންކަބޫތު ސޫރަތާއި އައްރޫމު ސޫރަތާއި ލުޤްމާނު ސޫރަތާއި އައްސަޖިދާ ސޫރަތުގައެވެ. އަދި ألر ފަސް ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ ޔޫނުސު ސޫރަތާއި ހޫދު ސޫރަތާއި ޔޫސުފު ސޫރަތާއި އިބްރާހީމު ސޫރަތާއި އަދި އަލްޙިޖްރު ސޫރަތުގައެވެ. އަދި މީގެ އިތުރުން طسم ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ އައްޝުޢަރާއު ސޫރަތާއި އަދި އަލްގަޞަޞު ސޫރަތުގައެވެ. އަދި ހަތަރު އަކުރެއް ދެ ސޫރަތުގައި އައިސްފައި ވެއެވެ. އެއީ އަލްއަޢުރާފު ސޫރަތުގައި ألمص މި ހަތަރު އަކުރާއި އައްރަޢުދު ސޫރަތުގައި ألمر މި ހަތަރު އަކުރެވެ. އަދި ފަސް އަކުރެއް ދެ ސޫރަތެއްގައި އައިސްފައި ވެއެވެ. އެއީ މަރްޔަމް ސޫރަތުގައި كهيعص މި ފަސް އަކުރާއި އައްޝޫރާ ސޫރަތުގައި حم عسق މި ފަސައަކުރެވެ.

ދެން ‘ވަކިކުރެވިފައިވާ އަކުރުތަކު’ގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. މިއަކުރުތަކުގެ މާނައާއި މެދު މުފައްސިރުން ތަފާތު ވާހަކަތަކެއް ދައްކަވައިފައިވެއެވެ. މިވާހަކަތަކުގެ ތެރެއިން އާއްމުގޮތެއްގައި ތަކުރާރުވާ ދެތިން ރައުޔުއެއް މިތާ ހުށަހަޅާލަމެވެ.

ބައެއް މުފައްސިރުންގެ ރައުޔުގައި ވަކިކުރެވިފައިވާ އަކުރުތަކަކީ ކީރިތި ޤުރްއާނަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ. މިމާނައިގެ މައްޗަށް ރިއާޔަތްކޮށް،  އަލްބަޤަރާ ސޫރަތުގެ ألم ذلك الكتاب…، މިއާޔަތުގެ މާނައަކަށް ވާނީ ‘(މި އަކުރުތައް ފަދަ އަކުރު ތަކުން އެކުލެވޭ ކީރިތި) ޤުރްއާނެވެ. މިފޮތަކީ…،[ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].’ މިއެވެ. ބައެއް މުފައްސިރުން، މިފަދައިން، އެބަހީ، މި އަކުރުތަކަކީ ކީރިތި ޤުރުއާނަށް ދެވިފައިވާ ނަންނަން ކަމުގައި މާނަކުރައްވައި، މިތަނުގައި ވަނީ މާތްﷲ ކުރައްވާ ހުވައެއް ކަމުގައި ވިދާޅުވެއެވެ. އެފަދަ މުފައްސިރުން މިނަންގަތް އަލްބަޤަރާ ސޫރަތުގެ އާޔަތް މާނަ ކުރައްވަނީ މިފަދައިންނެވެ. ‘(މިއަކުރުތައް ފަދަ އަކުރު ތަކުން އެކުލެވޭ ކީރިތި) ޤުރުއާން ގަންދެއްވައި (ވަހީ ކުރައްވަމުއެވެ). މިފޮތަކީ… [ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].’

އަނެއްބައި މުފައްސިރުންގެ ރައުޔުގައި، ‘ވަކިކުރެވިފައިވާ އަކުރުތަކަކީ’، އެއަކުރުތައް އައިސްފައިވާ ސޫރަތް ސޫރަތުގެ ނަންނަމެވެ. މިސާލަކަށް، ص، ق، طه، يس މިއީ ސޫރަތް ސޫރަތުގެ ނަންނަމެވެ. ވަކިކުރެވިފައިވާ އަކުރުތައް މިފަދައިން މާނަ ކުރެވޭއިރު، ބައެއް ސޫރަތްތަކުގައި އެއް އަކުރުތަކެއް ތަކުރާރު ވެފައިވާތީ، ތަފާތު ސޫރަތްތަކަށް އެއްނަމެއް ކިޔޭގޮތް ދިމާވެއެވެ. ކީރިތި ޤުރްއާނުގައި، މިއަކުރުތައް އައިސްފައިވާ ގޮތުގެ ވާހަކަ މަތީގައި ލިޔެވިދިޔަ ބަޔާނުން ފާހަގަކުރެއްވޭނޭ ފަދައިންނެވެ. މިސާލަކަށް، ألم ހަ ސޫރަތެއްގައި އަދި حم ހަތް ސޫރަތެއްގައި އައިސްފައިވެއެވެ. މިހެންވުމުން، އެއް ސޫރަތް އަނެއް ސޫރަތާއި ވަކިނުކުރެވޭ ގޮތް ދިމާވެއެވެ. މިއަށް ރައްދު ދެއްވަމުން، މިފަދަ އަކުރުތަކަކީ ސޫރަތް ސޫރަތުގެ ނަންކަމަށް ދެކެވަޑައިގަންނަވާ ބޭކަލުން ވިދާޅުވަނީ، އެއް އަކުރުތަކެއް ބައެއް ސޫރަތްތަކުގައި ތަކުރާރުވެފައި ހުރުމަކީ، މައްސަލައެއް ނޫންކަމެވެ. އެއަކުރު ތަކާއި، ސޫރަތުގެ އެހެން ބަޔަކާއި ނުވަތަ ނަމަކާއި ގުޅުވައިލައިގެން، އެސޫރަތް އެހެން ސޫރަތްތަކާ ވަކިކުރެވިދާނެތީއެވެ. މިސާލަކަށް، ألم މިތިން އަކުރުން އަލްބަޤަރާ ސޫރަތާ އެކު ހަސޫރަތެއް ފެށިފައި ވިޔަސް، މިއަކުރު ތަކަކީ އަލްބަޤަރާ ސޫރަތުގެ ނަމެއް ކަމުގައި ބަލާނަމަ، އަލްބަޤަރާ ސޫރަތަކީ ألم ذلك الكتاب ސޫރަތޭ ކިޔައި، މި ސޫރަތާއި މިއަކުރުތަކުން ފެށޭ އެހެން ސޫރަތްތައް ވަކިކުރެވިދާނެއެވެ. އަދި ހަމައެހެންމެ، حم. މިދެ އަކުރު، ހަތް ސޫރަތެއް ފެށުމުގައި ތަކުރާރުވެފައި ވިޔަސް، މިދެއަކުރުން ފެށޭ އައްސަޖިދާ ސޫރަތް އެއީ ‘ޙާމީމް އައްސަޖިދާ’ އޭ ކިޔައި، އެސޫރަތް، އެހެން ސޫރަތްތަކާއި ވަކިކުރެވިދާނެއެވެ.

މި ދެ ރައުޔުގެ އިތުރުން، ބައެއް މުފައްސިރުންގެ ދެކެވަޑައިގަންނަވާ ގޮތުގައި، ‘ވަކިކުރެވިފައިވާ އަކުރުތަކު’ގެ ތެރެއިން ކޮންމެ އަކުރެއް ވެސް ރަމްޒުކޮށްދެނީ ކަލިމައެކެވެ. ނުވަތަ މާތް ﷲގެ އިސްމުފުޅެއް ނޫނީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އެކަލިމައިގައި ހިމެނޭ އެހެން އަކުރުތައް ވަނީ ޙަޛްފުކުރެވި، އުނިކުރެވިފައެވެ. މިގޮތުން، ألم ގައި ހިމެނޭ އަލިފާއި ލާމައި އަދި މީމު ރަމްޒުކުރަނީ أنا الله أعلم (ތިމަންﷲއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ،) މިތިން ކަލިމައަށެވެ. ނޫނީ ألم ގައިވާ ތިން އަކުރު ރަމްޒުކޮށްދެނީ الله (މާތްﷲ)އާއި، اللطيف (ފޮރުވި ވަންހަނާކުރެވިފައިވާ އެންމެ ކުދި ކުދި ކަންތައްތަކަށް ދާންދެންވެސް ދެނެވޮޑިގެންވާ، އަދި ހީނުކުރާހާ ގޮތްގޮތަށް އެކަލާނގެ އަޅުތަކުންނަށް ދީލަތިވެވޮޑިގަންނަވާ ކަލާނގެ،) އާއި އަދި  المجيد (ނުހަނު ދީލަތި، މާތް، ރަސްކަލާނގެ،) އަށެވެ.

އަދި ހަތަރުވަނަ ރައުޔެއްގެވެރި މުފައްސިރުން ދެކިލައްވަނީ ވަކިކުރެވިފައިވާ އަކުރުތަކުން އިޝާރަތް ކުރެވެނީ ތަހައްދީ އަކަށެވެ. ގޮންޖެހުމަކަށެވެ. ކީރިތި ޤުރްއާނަކީ އިލާހީ ފޮތެއްކަމަށް އިންކާރުކޮށް، ކީރިތި ރަސޫގެ ރިސާލަތާ ދެކޮޅު ހެދި އަރަބީންނަށް ކުރެވުނު ތަހައްދީ އަކަށެވެ. މިއަކުރުތައް، މަތީގައި ބަޔާން ކުރެވިފައިވާ ފަދައިން، ސޫރަތްތަކުގެ ފެށުމުގައި، އައިސްފައިވަނީ އެއް އަކުރާއި ފަސް އަކުރާއި ދެމެދުގެ އަދަދަކަށެވެ. މިރައުޔުގެވެރި މުފައްސިރުން ފާހަގަ ކުރައްވާ ގޮތުގައި، މިއަދަދު އިޝާރާތް ކުރަނީ އަރަބި ލަފްޒު ލަފްޒު އުފެދުމުގައި، އާއްމު ގޮތެއްގައި، ލަފްޒެއްގެ މަސްދަރަށް، އަސްލަށް، އަކުރު އިތުރު ކުރެވޭ އަދަދެވެ. އަދި، ކީރިތި ޤުރުއާން ވެސް އެކުލެވިގެން ވަނީ އަލިފުބާގެ މިފަދަ އަކުރުތަކުން، މި ގޮތުގެ މަތިން ލަފްޒުތައް އެކުލަވައި، އެލަފްޒުތަކުން އެއަމުނާލެވޭ ޖުމްލަތަކުންނެވެ. ކީރިތި ޤުރުއާނަކީ، މައްކާގެ މުޝްރިކުން ހީކުރާ ގޮތަށް، މުހައްމަދުގެފާނުގެ އުފެއްދެވުމެއް ކަމަށް ވަންޏާ، އެމީހުންނަށް ވެސް، މިކަން ކުރެވެން ޖެހޭނެއެވެ. އަރަބި އަކުރުން ލަފްޒުތައް އެކުލަވައި، އެލަފްޒުތަކުން ޖުމްލަތައް އަމުނައި ކީރިތި ޤުރްއާނާއި އަދަބީ ގޮތުން އެއްފަދަ ފޮތެއް އެމީހުންނަށް ވެސް، އެކުލަވާލެވި، އުފެއްދެން ވާނެއެވެ. ސަބަބަކީ، އެމީހުން ދެކޭގޮތުގައި، އެމީހުންނަކީ، ސާފުކޮށް، އަދި އެހެން މީހުނަށް އަސަރުކުރާ ފަދަ ބަލާޣާތްތެރިކަމާއެކު، އެމީހުންގެ އިހުސާސުތަކާއި ޝުއޫރުތައް، ޚިޔާލުތަކާއި ފިކުރުތައް، އިބާރާތްކޮށް ހުށަހަޅާލުމުގެ އިންތިހާއީ ކުޅަދާނަކަށް ލިބިގެންވާ ބައެކެވެ. އަދި، މިކަމުގައި އިންތިހާއަށް ފަޚުރުވެރިވާ ބައެއް ވެސް މެއެވެ. އާދެ، އެމީހުން ދުށް ގޮތުގައި، އެހެން އުއްމަތްތަކުގެ މީހުންނަކީ ‘ޢަޖަމުން’ނެވެ. އަމިއްލަ ހިތުގައި ހިނގާ ޝުއޫރުތަކާއި ފިކުރުތައް ސާފުކޮށް ބުނެދޭން ނޭނގޭ ޖަނަވާރުން ފަދައިން މައް ބައެކެވެ. އެހެންވެ، ބައެއް މުފައްސިރުން ދެކިލައްވަނީ، ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވަނީ، އަދަބިއްޔާތުގެ ރޮނގުގައި މިދަރަޖައަށް ފަޚުރުވެރިވާ، ކީރިތި ރަސޫލާއާ ދެކޮޅުވެރިވެގަތް، އަރަބީންނަށް، ކީރިތި ޤުރުއާނާއި އަދަބީ ގޮތުން އެއްފަދަ، އެބަހީ، މާނަތައް ރީތިކޮށް، ސާފުކޮށް، އަސަރުކުރުވާ ގޮތަށް އިބާރަތްކުރެވިފައިވާ، އުފެއްދުމެއް ގެނެސްގަތުމަށް އިޝާރަތްކޮށް، ތަހައްދީކުރުމުގެ ގޮތުންނެވެ.

އަދި މީގެ އިތުރުން، ވަރަށް ގިނަ މުފައްސިރުން ދެކިލައްވާ ގޮތުގައި ކޮންމެ އިލާހީ ފޮތެއްގައިވެސް ފޮރުވި ވަންހަނާ ކުރެވިފައިވާ ސިއްރެއް ވެއެވެ. ކީރިތި ޤުރްއާނުގައި ފޮރުވިފައިވާ ސިއްރަކީ މިއަކުރުތަކުގެ މާނައެވެ. އެކަން ދެނެވޮޑިގެންވަނީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތްﷲއެވެ. އެހެންވެ، މިރައުޔުގެ ވެރި މުފައްސިރުން މި އަކުރުތައް މާނަ ކުރެވުމުގައި ވިދާޅުވަނީ ‘والله أعلم’، ‘މީގެ މާނަ އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ’، މިފަދައިންނެވެ.

އާދެ، މަތީގައި ބަޔާން ކުރެވި ދިޔައީ ‘ވަކިކުރެވިފައިވާ އަކުރުތަކުގެ’ މާނައާއި ބެހޭ ގޮތުން ތަފްސީރު ފޮތްތަކުގައި އާއްމުކޮށް ނަންގަނެވޭ މަޝްހޫރު ރައުޔުތަކުގެ ޚުލާސާ އެކެވެ. މި މައްސަލައާއި ބެހޭ އިތުރު ތަފްސީލު ހޯއްދަވަން ބޭނުންފުޅުވެލައްވާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެ ފޮތަކަށް އިޝާރަތްކޮށްލާނަމެވެ. ފުރަތަމަ ފޮތަކީ މި މައްސަލައާ ބެހޭ ގޮތުން އިހުގެ މުފައްސިރުންގެ ތެރެއިން އެންމެ ތަފްސީލުކޮށް ލިޔުއްވި އެއް މުފައްސިރެއް ކަމުގައިވާ އައްރާޒީގެ އައްތަފްސީރު އަލްކަބީރެވެ. މި ފޮތުން މި މައްސަލައިގެ އިތުރު ތަފްސީލު ލިބިވަޑައިގަންނަވާނެއެވެ. ދެވަނަ ފޮތަކީ މި ޒަމާނުގެ މުފައްސިރެއް ކަމުގައިވާ މުހައްމަދު އަސަދުގެ ‘ދަ މެސެޖް’އެވެ. މި ފޮތުގައި މުލްހަގެއްގެ، (އިތުކޮށްލުމެއްގެ) ގޮތުގައި މި މައްސަލައިގެ ޚުލާސާއެއް ހުށަހަޅާލެވިފައި ވެއެވެ. މައްސަލައިގެ ކުރު ޚުލާސާއެއް، މިކަން ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް، މި ފޮތުން ލިބިވަޑައިގަންނަވާނެއެވެ. (މި ދެ ފޮތް ވެސް ލައިބުރަރީތަކުގައްޔާއި އަދި ‘އިންޓަރނެޓު’ން ވެސް ލިބެން އޮވެއެވެ.)

މިއަކުރުތަކާ ބެހޭ ވާހަކަކޮޅު ނިންމާލުމުގެ ގޮތުން ދެ ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ. އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ ވަކިކުރެވިފައިވާ އަކުރުތަކުގެ މާނަ ބަޔާންކުރުމާ ބެހޭގޮތުން ދެކެވޭ ހުރިހާ ވާހަކައަކީ ވެސް މުފައްސިރުންގެ އަމިއްލަ، ޚާލިސް ފިކުރީ، ވާހަކަތަކެއް ކަމެވެ. އެ ބޭކަލުންގެ އިޖުތިހާދުގެ މައްޗަށް ބިނާވާ ވާހަކަތަކެއް ކަމެވެ. ބަހުގެ މާނައިގެ އަސްލެއްގެ މައްޗަށް، ނުވަތަ ހަދީސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫންކަމެވެ. ދެވަނަ ކަމަކީ، މިއަކުރުތަކުގެ ހަގީގީ މާނައަކީ ކޮބައިކަން އެނގިފައި ނެތުމަކީ، ކީރިތި ޤުރުއާނުގެ މައިގަނޑު ވާހަކަ، އާދެ، ހިދާޔަތުގެ ވާހަކަ، ފަހުމްކޮށް ވިސްނައިގަނެ، ދެނެގަތުމަށް ހުރަސްއަޅާ ކަމެއް ނޫންކަމެވެ. (ނިމުނީ )

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top