ފެނަކަ: މިސްރާބު އޮޅިފައޮތް އޮޑިއެއް

Bill-FENAKA-652x366.jpg

ފެނަކަ ކޯޕަރޭޝަން ގެ ކަރަންޓް ބިލެއް. ފެނަކައިގެ މިސްރާބާމެދު ބައެއް މީހުންދަނީ ކަންބޮޑުވުން ފާޅުކުރަމުން / ފޮޓޯ: އިންޓަނެޓް

ފެނަކައަކީ ރައްޔިތުންނަށް ކަރަންޓްގެޚިދުމަތް ހެޔޮއަގެއްގައި އެއްހަމައަކުން ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފެދިފައިވާ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވީހިނދު މިޚިދުމަތް ދެމުންގެންދަނީ އެމަގްސަދާ އެއްގޮތަށްތޯ މިއަދު ސުވާލުކުރެވިދާނެއެވެ. އޮބިނޯންނަވަރަށް ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓްބިލް ބޮޑުކޮށްލުމުން މި ސުވާލު އުފެދެނީއެވެ.
ތަންކޮޅެއްކުރު މާޒީއަށް ޖެހިލަމާހިނގާށެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެތެރޭގެ ކަރަންޓްގެ ހާލަތުއޮތީ ވަރަށްދެރަވަރުގައެވެ. އިރުއިރުކޮޅުން ކަރަންޓް ދިއުމާއި ކަނުއަނދިރީގައި ދެދުވަސްވަންދެން ނުވަތަ އެއަށްވުރެ ގިނަދުވަސްވަންދެންވެސް ބައެއް ރަށްރަށުގެ މީހުން ކަރަންޓާ ނުލާ އުޅެން ޖެހުނެވެެ. މިހެންވާން ދިމާވީ އެތައް ދުވަހެންވަންދެން ރާއްޖެތެރޭގެ ކަރަންޓްގެހާލަތު ރަނގަޅު ކުރުމަށް ކުރީ ސަރުކާރުން މަސައްކަތް ނުކުރާތީވެ އެތަންތަނުގައި ހުރި އިންޖީނުތައް ބާވުމުންނެވެ. އެހެންކަމުން އާސަރުކާރުން އެންމެ ފުރަތަމަވެސް އެޅި ފިޔަވަޅަކީ ރާއްޖެތެރޭގެ ރަށްތަކުގައިހުރި ބާޖަނެރޭޓަރުތަކުގެ ބަދަލުގައި އާއެއްޗެތިގެނެސް ކަރަންޓްއާމެދު ޝައްކު އުފެދިފައިތިބި އަތޮޅުތެރޭގެ ރައްޔިތުންނަށް ކަރަންޓާމެދު ޔަގީންކަން ދިނުމެވެ. މި މަޝްރޫއު އަދިވެސް ކުރިއަށްދާކަމުގައި ޚަބަރުފަތުރާ ވަސީލަތްތަކުންއެނގެއެވެ. ކުރިންއިވޭހާ ގިނައިން މިހާރަކު ރަށްރަށުން ކަރަންޓްދާވާހަކައާއި ޖެނެރޭޓަރު ހަލާކުވެގެން ކަނުއަދިރީގައި ތިބޭވާހަކައެއްނުއިވެއެވެ. އެކަމަކު އޭގެ މާނައަކީ ކަރަންޓްގެ މައްސަލަ ހައްލުވީއެއްނޫނެވެ. އަދިވެސް އަތޮޅުތަކުގެ ކަރަންޓްގެ މައްސަލަ އެބައޮތެވެ. ރަނގަޅުކުރުމަށް މެދު ނުކެނޑި މަސައްކަތްވެސް ކުރެވެމުން އެބަދެއެވެ. މިކަން މިމަގުން ހިނގަމުންދަނިކޮށް މިއަހަރުގެ މާރޗްމަހުގެ އެއްވަނަ ދުވަހުންފެށިގެން ވިޔަފާރި ކުރާތަންތަނުގެ ކަރަންްޓްގެއަގު ބޮޑުކޮށްލީ މި ބަދަލު މި ގޮތަށް ގެނައުމުން ރައްޔިތުންނަށް ލިބޭނެ ގެއްލުން ތަކަށް ވިސްނާލުމެއްނެތިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލަންކަމުގައި ބުނެވޭނެ ފުރުސަތުވެސް އެބައޮތެވެ. ސަބަބަކީ އާއްމުކޮށް އާދައިގެ ފިހާރައެއްގެ ސޭލްސްއާއި ނުބައްދަލުވާވަރުގެ ބޮޑު އަދަދެއް ކަރަންޓަށް ދައްކަން ޖެހުމެވެ. މިދައްކަނީ ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓްބިލް %50 އަށްވުރެ ބޮޑުކޮށްލިވާހަކައެވެ. މިވާހަކައަށް ރައްދު ދޭމީހުން މިކަމާ ދެކޮޅުހަދަމުން ކަރަންޓްގެ އަގު ބޮޑެއްނުކުރެއޭ ސަބްސިޑީ ކަނޑާލީއޭބުނެ ސަރުކާރު ދިފާއުކޮށް ކިތަންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތަކީމިއެވެ. ސަބްސިޑީކަޑާލިއޭ ކިޔާފައި ކަރަންޓްބިލް ދެގުނައަށްވުރެވެސް ބޮޑުކޮށްލީއެވެ. މައްސަލައަކީ ބޮޑުކުރިބައި މިއަތުލަނީ ފިހާރައަށް ވިޔަފާރިކުރަންއަންނަ ރައްޔިތުމީހާގެ އަތުންނެވެ.އޭގެ މާނައަކީ ރައްތިތުމީހާގެ ޖީބަށްވެސް ބުރަވެފައި ކަންމަތީފިހާރަތައްވެސް ހުއްޓުމަކަށް އައުމެވެ.
ރައީސް ޔާމީންގެސަރުކާރުން އެންމެބާރަށް ދައްކަމުން އަންނަ އެއްވާހަކައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރާވާހަކައެވެ. ސުވާލަކީ ސަރުކާރަށް ދެއަހަރުވާން ކައިރިވާއިރު ހުޅުވާލެވިފައިވާ ގޮތެއްގައި މިކަމަށް ކުރެވުނު އަމަލީމަސައްކަތަކީ ކޮބައިތޯއެވެ. އެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކޮށްދިންކަމަކީ ކޮބައިތޯއެވެ. މިދެންނެވީ ބައިކޮޅަށް ސަޕޯޓްކުރާ މަދުބަޔަކަށް ލޯނެއް ނުލިބޭ ވާހަކައެއްނޫނެވެ. އެހެންނަމަވެސް ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރަން މި ސަރުކާރުން ކުރާނަމޭ ބުނަމުންއައި އެއްވެސްކަމެއް ކުރަމުންދާކަން މިއުޅެނީ ހަމަ ނޭގިގެންނެވެ.މިހެން މި ދަންނަވަނީ ގެތްސެޓް ޕްރޮގްރާމްގެ މަތިންވެސް ހަނދާންކޮށް ހުރެއެވެ. އޭގެ ބަދަލުގައި ފެނުނީ ސަބްސިޑީ ކަނޑާލައިގެން ވިޔަފާރިކުރާތަންތަނުން ކަރަންޓްގެ އަގު ބޮޑުކުރިތަނެވެ. ކަރަންޓް ބިލް އެއްފަހަރާ އެހާވަރަށް ބޮޑުކޮށްލުމަކީ އޭގެސަބަބުން އިންފްލޭޝަން މައްޗަށްގޮސް ވިޔަފާރިތަކަށް ނޭދެވާއަސަރު ކުރާނެކަމެއްކަން މޮޅުއެކޮނޮމިސްޓުން ތިއްބެވި މި ސަރުކާރަކަށް ނޭގުނުތާއެވެ. މިކަމުގެ އަސަރު އެންމެބޮޑަށްކުރާނީ އެންމެ ފަގީރުނނަށްްކަންވެސް ނޭގުނުތާއެވެ. އެއީ އެގިހުރެގެންކުރިކަމެއކަމުގައިވާނަމަ އެކުރެވެނީ ރައްޔިތުންނަށް އަނިޔާކަމުގައި ގަބޫލު ކުރެވިދާނެއެވެ. ކަރަންޓްގެއަގު ހެޔޮކުރާނަމޭ ތަފާތުކުރުމެއްނެތި އެންމެންނަށް އެއްހަމައަކުން ކަރަންޓްގެޚިދުމަތް ޔަގީން ކޮށްދޭނަމޭ ކިޔާފައި އައިސް މިކުރެވެނީ ކީއްކަން ވިސްނެވުންހުއްޓެވެ.
ކަރަންޓްގެ އަގު މިގޮތަށް ހަމައެއްނެތި ބޮޑުކޮށްލުމުން ވިޔަފާރިވެރިންވަނީ ތަކެތީގެއަގު ބޮޑު ކޮށްފައެވެ. ބޮޑުކުރަންވެސްޖެހޭނެއެވެ. ބިލަށް އިތުރުވީބައި ހޯދުމަށް އެނޫންގޮތެއްނޯންނާނެއެވެ. އެހެންކަމުން މިއަދުގެ ހަގީގަތަކީ ފްރީޖްކޮށްފަހުންނައެއްޗެތިން %30 އަދި އެނޫން މުދަލުން %10 އަގު ބޮޑުވުމެވެ.
މިކަހަލަ ހުރިހާކަމެއްގައިވެސް މާލޭމީހުންނާ ރާއްޖެތެރޭމީހުން ތަފާތުކުރާފަދައިން ކަރަންޓަށް އަގު ނެގުމުގައިވެސް ތަފާތު އެބަހުއްޓެވެ. މާލޭފިހާރަތަކުން ކަރަންޓްގެ އަގުނަގަނީ 100 ޔުނިޓާ ހަމައަށް ޔުނިޓަކަށް 3.30 ރުފިޔާއެވެ. އަދި 100 ޔުނިޓުން 300 ޔުނިޓާ ހަމައަށް ޔުނިޓަކަށް 3.35 އެވެ.އެވެ. ރާއްޖެތެރޭގެ ފިހާރަތަކުން 100 ޔުނިޓާ ހަމައަށް ޔުނިޓަކަށް 4.50 ރުފިޔާ އަދި 101 ޔުނިޓުން ފެށިގެން ޔުނިޓަކަށް 5.75 ރުފިޔާއެވެ. މީގެއިތުރުން ފިއުލްސަރޗާޖްގެ ނަމުގައިނަގާ ފައިސާއަކީވެސް އެތައްސުވާލެއް އުފެދޭ ކަމެކެވެ. އަޅުގަނޑަށް އެގިފައިވާގޮތުގައި ފިއުލް ސަރޗާޖްގެ ނަމުގައި އިތުރު ޗާޖެއްނަގަންފެށީ ތެލުގެ އަގު ބޮޑުވުމާއި ގުޅިގެންނެވެ. ޑީސަލް ލިޓަރެއް.18ރުފިޔާއަށް ލިބެންހުރިއިރުއެވެ. މި ޗާޖަކީ ތެލަށް އަންނަ ބަދަލާ ގުޅިގެން ކުޑަވަމުންގާ އެއްޗެއްކަމަށް އޭރު ވާހަކަދެކެވުނެވެ. އެހެންނަމަވެސް ތެލުގެއަގު ލިޓަރެއް -/10ރުފިޔާއަށް ތިރިވުމުންވެސް މިކަމުން ސަލާމަތެއްނުވެވުނެވެ. އަޖައިބެއްނޫންތޯއެވެ.

އަޅުގަނޑުގެ ޝަކުވާއަކީ ފެނަކައިންވިޔަސް އިލެކްޓްރިސިޓީބޯޑުންކަމަށްވިޔަސް ކަރަންޓަކީ ރައްޔިތުންނަށް ކަށަވަރުކޮށްދެވިފައި އޮންނަންވާނެ އަސާސީޚިދުމަތެކެވެ. ތަފާތުކުރުމެއްނެތި ދެވެންޖެހޭނެ ޚިދުމަތެކެވެ. މާލެއަށް ވަކިއަގެއް ރާއްޖެތެރެއަށް ވަކިއަގެއް ކަނޑައެޅުމަކީ ތަފާތުކުރުމެއް ނޫންތޯއެވެ.
ރައީސްޔާމީނަށް އަޅުގަނޑުމެން މިގައުމުގެ ހުންގާނު ހަވާލުކުރީ ގައުމުގެ އިގްތިސާދީ ނައު އަމާން ދުވެއްޔެއްގައި ދަތުރުކުރަމުން އައިސް އަމާންކަމާއެކު ބަނދަރުކުރާނެކަމުގެ ޔަގީންކަމާއެކުގައެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެއުންމީދު އާކޮށްދެއްވައި އިގްތިސާދު ރަނގަޅުކޮށްދެއްވަމުންވެސް އެބަދޭމެއެވެ. އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ. އެހެންނަމަވެސް އިގްތިސާދު ރަނގަޅުކުރުމުގެ ނަމުގައި ގައުމުގެ ނިކަމެތި ރައްޔިތުން ގުރުބާންކުރެވިގެންނުވާނެއެވެ. 65 އަހަރުގެ މީހުންނަށް 5000 ރުފިޔާ ދީފައި އެފައިސާ މިކަހަލަ ނުސީދާ ގޮތްގޮތުން އަތުލެވިގެންނުވާނެއެވެ. ވިޔަފާރިތައް އަލުން ރަޖިސްޓްރީކުރަން ޖެހެނީއޭ ކިޔާފައި ކޮންމެ ވިޔަފާރިއަކުން – /500ރުފިޔާ އަނެއްކާވެސް ނެގުމަކީ އެއީވެސް މައްސަލައެކެވެ.
ރާއްޖެތެރޭގެ މީހުންނަށްބޭނުންވާނީ ރަނގަޅުބަނދަރަކާ ސިއްހީ އަދި ތައުލީމީ ރަނގަޅު ނިޒާމެކޭ ރައީސްވިދާޅުވާއިރު މަނިކުފާނު ހަނދުމަފުޅު އާކުރައްވަންވީ ތިޔަވިދާޅުވި ކަންތަކާ ހަމައަށް ދެވޭނީ އަޅުގަނޑުމެންގެ ދުވާލުގެ ފުރާގު ލިބިގެންކަމެވެ. އަޅުގަނޑުމެންގެ އަނގަޔާ އަތާ ދިމާވުމަށްފަހުގައެވެ. ފުރަތަމަ ކޮށްދެއްވަންވީކަމަކީ އެއީނޫންތޯއެވެ. ވިޔަފާރިވެރިންގެއަތުން ޓެކްސްނަގަމުން އެމީހުންގެންނަ މުދަލުން ޑިއުޓީނެގުމުގެ އިތުރަށް ކަރަންޓްބިލްވެސް އަތްނުފޯރާފަށަށް ބޮޑުކޮށްލުމުން އެހުރިހާ ބުރައެއް އުފުލަން މިޖެހެނީ ޚާއްޞަކޮށް ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުންނަށެވެ. އެމީހުންނަށް ނުލިބޭވަރުން އެހުރިހާ ފައިސާއެއް ދައްކަން މިޖެހެނީ އަހުރެމެންގެ ދިރިއުޅުން ފަހިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށެވެ.
ފެނަކައިގެ ރާއްޖެތެރޭގެ ބްރާންޗްތަކަކީ ސިޔާސީ ޕާޓީއެއްގެ ޖަގަހައެއްނޫނެވެ. އެތަނުގެ ވަޒީފާގައި އުޅެންޖެހޭނީ ޕާޓީގެމީހުންކަމަށްވިޔަސް އެއީވެސް މައްސަލައެއްނޫނެވެ. މަސައްކަތަށް އެކަށީގެންވަންޏާ އަޅުގަނޑުމެންގެ މައްސަލައެއްނެތެވެ. މައްސަލައަކީ ތަނުގައި މަސައްކަތްކުރާ ގާބިލް އަދި ޕާޓީއަށް ވަފާތެރި މީހުން އިސް މަގާމުތަކުގައިތިއްބާ ބޭނުމެއްނެތް ބޭކާރުބަޔަކު އަނެއްކާވެސް އެމީހުންނަށް އަމުރުކުރަން އިސްކުރުމެވެ. ރައްޔިތުން ބަލައިނުގެންފައިވާ މީހުންނާއި ކޮރަޕްޝަންގެ އިގިލި ދިއްކުރެވިފައިވާމީހުން އިސް މަގާމުތަކަށް ލައިގެން ތަނުގައި އުފެދޭނީ ހަމަނުޖެހުމާއި ދެކޮޅުވެރިންނޫން ދެން ކޯއްޗެއްތޯއެވެ. އެމީހުންނާމެދު ރައްޔިތުން ދެކޭނީ ކޮން ނަޒަރަކުންތޯއެވެ. އެމީހުންނަށް މުސާރައާއި އިނާޔަތް ދެނީ ޕާޓީއަކުން ނޫނެވެ. ޓެކްސް ޕޭޔަރުންގެ އަތުންނަގާ ފައިސާއިން ނާއި ރައްޔިތުންގެ ފައިސާއިން ކަމަށްވާތީއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ އެ މުވައްސަސާ ރަނގަޅަށް ހިނގިޔަނުދޭން ކުރާކަމެއްކަމުގައި ދެންނެވިދާނެއެވެ. ނުވަތަ މަސައްކަތުގައި ދެމިތިބި ،ޕާޓީއަށް ވަފާތެރިމީހުން މަސައްކަތުގެ މޯޓިވޭޝަން ނަގާލައި އެމީހުންގެ ކަންކަށީގައި އަޅާ ވޭންހުރި އެތިފަހަރެއް ކަމުގައި ބެލެވިދާނެއެވެ. މިހިރީ އަލުން ރިވިއުކުރަންޖެހޭ ކަންތައްތަކެވެ. މިހުރިހާކަމެއްގެގެއްލުން ބޮލުއަޅަންތިބީ ޕާޓީގެ މީހުންނެއްނޫނެވެ. ފެނަކަ ކޯޕަރޭޝަންއެއްވެސް ނޫނެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން ދިވެހިރައްޔިތުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top