މަސްތުވާތަކެއްޗާއެކު ބ.ދަރަވަންދޫން މީހަކު ހައްޔަރު ކޮށްފިއެވެ.
މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރު ކުރީ ދަރަވަންދުއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ދަރަވަންދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަނެއްގައެވެ.
ފެބުރުވަރީ 22 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، ދަރަވަންދޫ އެއަރޕޯރޓުން މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މިމީހާގެ ފުރަގަސްފަރާތުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މިމައްސަލަ މިހާރު ދަނީ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.