ޝަހްސިއްޔަތު: އޭދަފުށީގެ ފެހުމުގެ ރާނީ

20190126_174427.jpg

އާއިޝަތު ރަޝީދާ އޭދަފުށީ ވޮއިސްއަށް އިންޓަވިއު ދެނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

މިއީ އޭދަފުށީ އަލަމާގޭ އައިޝަތު ރަޝީދާ (އައިސަ)ގެ ދިރިއުޅުމުގެ އެއް ސޮފްހާއެވެ. އުފާވެރި ދިރިއުޅުމަކަށް އުއްމީދު ކުރާ ކޮންމެ ޖިންސުއްލަތީފަކަށް ވެސް އައިސަގެ ދިރިއުޅުމަކީ ފިލާވަޅެކެވެ. އަޑު އަހަން ޖެހޭ ދަރުސެކެވެ.

އައިސަ ބޮޑުވެފައިވަނީ އެކަނިވެރި މައެއްގެ ހިތާމައާއި އާހުގެ ތެރޭގައެވެ. ޒުވާން އުމުރުގައި މަންމަގެ އުފާވެރިކަން ގެއްލި ޑިޕްރެޝަނަށް ދިޔައީ ފިރިމީހާ މިދުނިޔެ ދޫކުރުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ. ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ދޫކޮށް ބައްޕަ ޔޫސުފް ސިދްގީ ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރިއިރު ބައްޕަގެ އުމުރުން 30 އަހަރު ނުފުރެއެވެ. ދުނިޔެއާ ވަކިވެ ދިޔައިރުވެސް ހުންނެވީ ރައްޔިތުންނާއެކު ރައްޔިތުންގެ ޚިދުމަތުގައެވެ. 1968ވަނަ އަހަރު އޭދަފުއްޓަށް ބަދަލު ކުރި މީހުންނަށް ގެ އަޅައިދިނުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި އޭދަފުށީގެ ވާކޮށާ ސާފުކުރަން ހުންނަވަނި ކޮށް ހަމަ ކުއްލިއަކަށެވެ.

ބައްޕަގެ ކުއްލި މަރާއެކު މަންމަގެ ހިތް ވިރި އޮހޭތަން އެންމެ ގާތުން ފެންނަނީ އޭނާއަށެވެ. އެކަމަށް އޭނާ އަށް ކޮށްދެވޭނެ ފަރުވާއެއް ނެތެވެ. ތަގުދީރުގެ ކުރިމަތީގައި އިންސާނާގެ ބަލިކަން ފުރަތަމަ ފަހަރަށް އައިޝާ އަށް އިހުސާސްކުރެވުނެވެ. އެކަމަކު އޭނާގެ ތައުލީމީ ހަޔާތަށް މި ކަމުގެ ހިޔަނި އެޅިއްޖެނަމަ ދެން ގެއްލިގެންދާނީ މުސްތަގްބަލްކަން ބުނެދިނީ ވަގުތުކައްޓެވެ. އެހެންވެ ކިޔެވުމަށް ސަމާލުކަންދިނެވެ.

އައިސައާއެކު ފަސް ކުދިން ހިމެނޭ އާއިލާ ބަލަހައްޓަމުން ގެންދިޔައީ ބޮޑުބޭބެ އަބްދުއްރައްޒާގުއާއި ބޮޑުދައިތަ ޖަމީލާއެވެ. ބޮޑުބޭބެގެ އަންހެނުން ،ފަހަރި ޝަފީގާއަކީ މޮޅު ފެހުންތެރިއެކެވެ. ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ ހެދުމެވެ. ފަހަރި ، ފަހަން އިންނައިރު ގާތުގައި އައިސަ އިނދެއެވެ. އަތުން އަނބުރާ ސިންގަރު ފަހާފޮއްޓަކުން ޓަކަޓަކަ ލައްވަމުން އެ ބޮޑުބުރު އަނބުރަމުން ގެންދާއިރު އެއަޑު އައިސައަށް ވީ ރީތި ރާގަކަށެވެ. އެރާގު އެންމެ ފަހުން އޭނާގެ ހަޔާތުގެ ތީމް އަށް ވެގެން ފެހުމުގެ ދުނިޔެ އަށް ވެއްދީއެވެ.  ޝަފީގާ ހެދުން ކަނޑާފައި ހުންނަ ބާކީ ފޮތިކޮޅުތައް ބޭނުންކޮށްގެން ފުރަތަމަ ޖަނގިޔާއެއް ކެނޑި ހަނދާން އާކުރަމުން އައިސަ ބުނީ އެހިސާބުން ، ކުރާ ހިތްވާ މަސައްކަތަކަށް ވެއްޖެކަމުގައެވެ.

“ފުރަތަމަ ޝަފީގައްތަ ފަހާތަން ބެލީ. ދެން ބެލީ މިއީ ކުރެވިދާނެ ކަމެއްތޯ. އެގޮތުން މީހުންގެ ހެދުން ކަނޑާފައި ބާކީ ހުންނަ ފޮތިން ޖަނގިޔާއާއި ކުޑަކުދިންގެ ހެދުމާއި ރުމާފަދަ ތަކެތި ފަހަން ފެށީ “އައިސަގެ ދުރު ހަނދާންތައް އީވީއާ ހިއްސާ ކުރިއެވެ.

އެވަރަކުން ވެސް ނުފުދުނެވެ. ޝައުގުވެރިކަން ބޮޑުވީއެވެ. ފެހުމުގެ ރޮނގުން ބ.އަތޮޅުގައި އެންމެ އަޑު ކިޔަމުން ދިޔަ ދަރަވަންދޫ ސައީދު މޫސާގެ އަންހެނުން އަޒީޒާއަކީވެސް އޭނާގެ އެދުރެކެވެ. މައިންބަފައިންގެ ގާތް ރަހުމަތްތެރިއަކަށް ވެފައި އޭދަފުށިގައި ފެހުމުގެ މަސައްކަތް ކުރާތީ އޭނާ ގާތުންވެސް އައިސަ “ފޮޅުވަތް” އެޅިއެވެ.

އައިސަގެ ޒުވާންކަން މޯޅިއަށް ދެމިދެމި އޮއްވާ އަނެއްކާވެސް ކުރިމަގު ބަނަކޮށްލި އެވެ. ކަންފަތުގެ އިވުން މަޑުމަޑުން ގެއްލެން ފެށީއެވެ. އެންމެ ފަހުން އިވުމުން މަހްރޫމް ވެފައިވާ މީހެއްގެ ގޮތުގައި ދުނިޔެ އުޅެން ޖެހުނީއެވެ. އެއީވެސް މައްސަލަ އަކަށް އައިސްއަކަށް ނުވިއެވެ. ގުދުރަތުގެ ނިންމެވުމެވެ. ކެތްތެރިވުމުގެ ހިތްވަރުހޯދީ އެހެން މީހުންގެ ދިރިއުޅުމުންނެވެ. އޭނާއަށް ވުރެ މާބޮޑަށް ނުކުޅެދުމާއެކު މުޅި އުމުރު ވޭނުގައި އުޅޭ އެތައް ބަޔަކު ތިބިކަން އެނގެއެވެ. އެގޮތުން އޭނާއަކީ ކިހާ ނަސީބު ރަނގަޅު މީހެއްކަމަށް އަމިއްލައަށް ގަބޫލު ކުރިއެވެ. އެކަމަށް ޝުކުރުވެރިވުމާއެކު ފެހުމުގެ ރޮނގުގައި އޭނާއާ ވާދަކުރެވޭނެ އެކަކުވެސް ނެތް ވަރަށް ކުރިއަރައިގެން ދިޔައެވެ.

އެއީ އެދުވަހެވެ. ސިންގަރާ ޕެފް ބްރޭންޑްގެ އަތުން އަނބުރާ ބޮޑުބުރުލީ ފަހާފޮށިން ދިގު ހެދުމާ ހެދުން ބުރި ފެހި ޒަމާނެވެ. އެޒަމާން ފާއިތުވެގެން ގޮސް މިއަދަށް ބަލާއިރު އޭނާ ހުރީ މިއަދަށް ވެސް ފިޓްވެގެންނެވެ.

މިއަދު އައިސަ އަކީ އޭދަފުށީގެ ކަނބަލުންގެ ހެދުންތައް އެންމެ ރީތިކޮށް ޑިޒައިން ކުރާ އެކެކެވެ. އެކި މުނާސަބަތުތަކަށް އެކި ތީމް އާ ގުޅުވައިގެން ކޮންމެ ޑިޒައިން އަކަށް ފެހުމަކީ އޭނާއަށް ހަމަ މެޓައެވެ. އެ ކުޅަދާނަކަން ލިބިފައިވާ އޭދަފުށީގައި ހުރި ހަމައެކަނި ފެހުން ތެރިޔާއޭ ބުނުމަކީ އެހެން ފެހުންތެރިންނަށް ބުނެވޭ ބަދު ބަހަކަށް ނުވާނެ އެވެ. ކުޑަކުދިންގެ ހެދުމާ ބޮޑެތިމީހުންގެ ހެދުމާ މިހާރު މަޑުމަޑުން އުވެމުންދާ ފާސްކުރި ހެދުމާ ލިބާސް ފެހުމުގައިވެސް މިއީ ހަމަ ލާމަސީލެވެ.

އާއިޝަތު ރަޝީދާ އޭދަފުށީ ވޮއިސްއަށް އިންޓަވިއު ދެނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

މިމަސައްކަތުން ރަނގަޅު އާމްދަނީ އެއްވެސް ލިބެއެވެ.

“ބައެއް މަސްމަހު ދިހަވަރަކަށް ހާސް ރުފިޔާ ލިބޭ. އަނެއްބައި މަސްމަހު އެއަށްވުރެ ދަށް ކޮށްލިބުނު ނަމަވެސް ފަސްހާހަށް ވުރެ ދަށަކަށް ނުދޭ.” އައިސަ ބުންޏެވެ.

ކޮންމެ އީދަކާ ބޮޑު ޗުއްޓީގެ ދުވަސް ވަރަކީ އެންމެ ބާރުބޮޑުވާ ދުވަސްވަރެވެ.

“ފަހައިގެން ލިބޭ ފައިސާއިން ގޭގެ ހުރިހާ ޚަރަދެއް ބެލެހެއްޓުމަށްފަހު ރާއްޖެއިން ބޭރުގައި ކިޔަވަން ހުރި ދަރިފުޅަށްވެސް ޚަރަދު ކުރަން.” ފަޚްރުވެރިކަމާއެކު އައިސަގެ މަސައްކަތުގެ ނަފާ ކިޔައިދިނެވެ.

އޭނާއަށްވުރެ ވަކިން ރީތިކޮށް ފަހާ އެހެން މީހަކު މި އޭދަފުށީގައި ނެތްކަން އަންގައިދިނީ ބ.އަތޮޅު ތައުލީމީ މަރުކަޒުން އެދިގެން އެސްކޫލްގެ ދަރިވަރުންނަށް ހިންގި ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބާ އެކު ނިންމާލުމުންނެވެެ. އެއީ މިރޮނގުން ލިބުނު އެންމެ ބޮޑުއުފާވެސް މެއެވެ. އެއީ އޭނާ ނެތް ދުވަހަކުން މި ފަންނު އެހެން ބަޔަކަށް ދަސް ކޮށްދެވުނީތީވެ ލިބޭ އުފަލެވެ.

އައިސަގެ ފެހުންތެރިކަމަށް ތައުރީފުކުރާ ހަމަ ކޮންމެ މީހަކުވެސް އެއްބަސްވާ ކަމެއް އޮވެއެވެ. އޭނާ ގާތު ފަހާ ނިންމާއިރު ހުންނަން ޖެހޭނީ މިގޮތަށޭ ބުނުމުން ނިމުނީއެވެ. ދެން އެއެއްޗެއް އަތަށް ލިބޭއިރު އިތުރަށް ބުނާނެ އެއްޗެއް ނޯންނާނެއެވެ.

“އައިސަގެ އެޕިޗް އެހެން މީހަކަށް ގެނެވޭނެހެން ހަމަ ހިއެއް ނުވޭ. އަމިއްލަ ޑިޒައިނެއްވިޔަސް ނޫނީ ފޮޓޯއެއް ދައްކާލާފައި މިގޮތަށް ފަހާށޭ ބުނި ނަމަވެސް ހަމައެގޮތަށް ފަހާލާނެ. އެހާވެސް ފުރިހަމަ ވާނެ.” ތައުލީމީ މަރުކަޒުގެ އަންހެން ޓީޗަރަކު ބުންޏެވެ.

އާއިޝަތު ރަޝީދާ އޭދަފުށީ ވޮއިސްއަށް އިންޓަވިއު ދެނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އެހެން އަންހެނަކު ބުނީ އައިސައަކީ ހަމައެކަނި މޮޅު ފެހުންތެރިއެކޭ ބުނެފައި ފުއްދާލުމަކި އިންސާފު ނޫންކަމުގައެވެ. އޭނާއަކީ މުނާސަބަތާ ގުޅޭހެން ހެދުން ޑިޒައިން ކުރުމުގެވެސް މާހިރެކޭ ބުނެވޭނީ. ”

އައިސަ އެހުނަރު ދަސްކުރީ ކިހިނެއް ހެއްޔެވެ؟

ޖަވާބު ދިނީ ކޮއްކޮ މަރްޔަމް ރަޝީދާ އެވެ. “ދައްތައަށް އެރޮނގުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެމުން ގެންދަނީ ތުއްތަ (ޒީނިޔާ ކޮއްކޮ ). އޭނާ އިންޓަނެޓުން ސާޗްކޮށް އެކި ޑިޒައިންތައް ހޯދައިގެން ދެބެއިން މަޝްވަރާކޮށްގެން އެގޮތަށް ފަހަނީ. ”

އެކަމަކު އެގޮތަށް ފެހޭނީ މިފަންނުވެސް ޒަމާނާ އެއްވަރަށް ތަރައްގީ ކުރެވިގެން ކަމަށް ވާތީ އިތުރު ވަސީލަތްތަކާއެކު މިހާރު މަސައްކަތް ކުރަނީ ތިންބެއިން ބައިވެރިވެގެން ޓީމެއްގެ ގޮތުގައެވެ.

“ފަހާ ފޮއްޓާ ގޮތްހަދާ މެޝިނާ ފަހަން ބޭނުންކުރާ އެހެނިހެން އާލާތްތައް ހޯދައިދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ކޮއްކޮ ނިޒާމު. ޚާއްސަކޮށް ކޮއްކޮ ޒީނިޔާއަކީ ދައްތައާއެކު އަމަލީ ގޮތުން ފެހުމުގައި ބައިވެރިވާ މީހެއް. “މަރީ ތަފްސީލު ކޮށްދިނެވެ.

މަރީ ބުނީ ހެދުމެއް ފަހާނޭ ގޮތް ކިޔައިދިނުމަށް މިހާރު މިގެއަށް އަންނަން ނުޖެހޭނެކަމުގައެވެ. “ފަހަންވީ ގޮތުގެ ފޮޓޯއެއް ކޮއްކޮ ޒީނިޔާގެ ފޯނަށް ފޮނުވާލަންވީ. ކޮއްކޮ އެފޮޓޯ ދައްތައަށް ދައްކާލާފައި ދެމީހުންގެ މަޝްވަރާ އާއެކު ހަމައެގޮތަށް ފަހާލާނެ. ”

އައިސަގެ ހެދުންތަކުގެ ރީތި ޑިޒައިންނާ ފެހުމުގެ މޮޅުކަމުގެ އަޑު އޭދަފުށީގެ އިތުރުން އަތޮޅުގެ ރަށްތަކުގެ އަންހެނުނުންގެ ހެދުން އަލަމާރިއާ ހަމައަށް ވެސް ވަނީ ފޯރާފައެވެ. އެކަނބަލުންގެ ހެދުން އަލަމާރި މުއްސަނދިކޮށްލުމަށް އައިސަގެ އެންމެ ހެދުމެއްވެސް ފުދެއެވެ. އަތޮޅުތެރޭގެ ހުރިހާ ރަށަކުން ވެސް އާއްމުކޮށް އަދި ޚާއްސަ މުނާސަބަތުތަކަށްވެސް އޯޑަރުތައް ލިބެނީ އެހެން ވެގެންނެވެ.

އަތުން އަނބުރާ އެންމެ ފަހާފޮއްޓަކުން އައިސަ ފެށި މި މަސައްކަތް މިއަދު ވަނީ އިލެކްޓްރޯނިކަށް ބަދަލުވެފައެވެ. މިވަރަކުންވެސް އަދި ނުފުދެއެވެ. އިތުރަށް ފުޅާކުރަން ޖެހެއެވެ. ލިބޭ އޯޑަރުތައް އިތުރުވެ ކަސްޓަމަރުންގެ ކިޔުވެސް ދިގުވީއެވެ. އެކަމަކު ދެން އޮތީ ފޭނުން ނަށް އޮތް ހިތާމަވެރި ޚަބަރެކެވެ. އެއީ މިކަން ފުޅާކުރުމުގެ ޚިޔާލެއް އައިސަ ނުގެންގުޅާ ވާހަކަ ބުނުމެވެ.

“މަސައްކަތް ކުރުމުގައިވެސް މިންވަރެއް މިންގަނޑެއް އޮންނަންވާނެ. އަބަދު މަސައްކަތުގައި ބުރަކޮށް އުޅުމުން ކުރަންޖެހިފައިވާ އެހެން ކަންކަމާމެދު އިހުމާލު ވެވިދާނެ.” އޭނާގެ ކުރު ޖަވާބުން އެބުނަނީ ބައިވަރު ވާހަކަ އެވެ.

މޫނުމަތިން އަބަދުވެސް ހިނިތުންވުން ފެންނަން ހުންނަ އުމުރުން 60 އަހަރުގެ އައިސަގެ މިވާހަކައާމެދު ފުންކޮށް ވިސްނާލައިފިނަމަ އައިސަގެ ދިރިއުޅުން ތަފާތުކަން އެނގިގެންދާނެއެވެ. މި އުމުރުގައި އޭނާ ފެންނަނީ އުމުރަށްވުރެ އެތައް ތަނެއް ހަގު މީހެއްގެ ގޮތުގައެވެ. އެއީ ހަމައެކަނި ސިއްހަތަށް ބަލައިގެން އުޅޭތީއެއް ނޫނެވެ. ދިރިއުޅުމުގެހުރިހާ މަރުހަލާއެއްގައިވެސް ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭތީއެވެ. ކެތްތެރިކަމާއެކު ކޮންމެ ކަމަކާވެސް ކުރިމަތިލައިގެން ކޮންމެ ކަމެއްވެސް ހިނގާނީ އެންމެ ރަނގަޅަށް ކަމުގައި ގަބޫލުކޮށްގެން ބޭކާރު ވިސްނުންތަކާ ދުރުވެގެން އުޅުމުގެ ހެޔޮނަތީޖާ އެވެ.

އައިސަގެ ދިރިއުޅުން އުފާވެރިއެވެ. ފުރަތަމަ ކައިވެންޏާއެކު ލިބިފައިވާ ދެކުދިންނާ އެކުދިންގެ ބައްޕައާއެކު ދިރިއުޅުމުގައި އިތުރަށް ވިސްނަންޖެހޭ ކަމެއް ނެތެވެ. ދޮށީ ދަރިފުޅު ނަޝާޔާ ޖީސީއީ އޯލެވެލްގެ ޓޮޕް10ގައި ހިމެނިގެން މަތީ ތައުލީމަށް މެލޭސިއާގައި ކިޔަވަނީއެވެ. ހަގު ދަރިފުޅު ނަޝާދު ވެސް ޓޮޕް 10ގައި ހިމެނި މިހާރު އުޅެނީ ޒިންމާދާރު ވަޒީފާއެއްގައެވެ.

ވިސްނުން ހުއްޓެވެ. އައިސައަށް ބައްޕަ ހަނދާން ވަނީ އެންމެ ދުރު ހަނދާނުގެ ގޮތުގައެވެ. އެބައްޕަގެ  ލޯބި ނުލިބި ވަކިވެދިޔައީއެވެ. އެހިތާމައިގާ މަންމަގެ ޒުވާން އުމުރުވެސް ގެއްލި ނިމިދިޔައީ އައިސަ އާމެދު ފިކުރުކޮށްލާނެ ވަގުތުކޮޅެއްވެސް ނުލިބިއެވެ. ކުރުކޮށް ބުނާނަމަ އައިސަ އުޅެ ބޮޑުވީ މައިންބަފައިންގެ ލޯބި ނުލިބި ޔަތީމު ހާލުގައި އަޑުއިވުމުން މަހުރޫމުވެފައިވާ ކުއްޖެއްގެ ގޮތުގައެވެ. އެކަމަކު ދުނިޔެ ދިން މިއަނިޔާ އަށް ގޭގައި ރޯން އޮތުމުގެ ބަދަލުގައި އޭނާ ތެދުވީ ދުނިޔެދިން އަނިޔާ އާ ދެކޮޅަށެވެ. މިއަދު އޭނާ މަޝްހޫރު މޮޅު ފެހުން ތެރިއެއްގެ އިތުރުން އޭދަފުށީގެ ފެހުމުގެ ރާނީއެއްގެ ލަގަބު ހައްގުވީ އެ އަނިޔާ އާއި ދެކޮޅަށް ތެދުވެ ދިރިއުޅުމަށް ކުރި ވަރުގަދަ ‘ހަނގުރާމަ ‘އިން ކާމިޔާބު ހޯދުމުންނެވެ. ތަރުބިއްޔަތު ކުރާނެ މީހަކުވެސް ނެތް ހާލު ރީތި އަޚުލާގަކާއެކުއެވެ. މިއީ ދުނިޔެ ދައްކައިދޭ އިބުރަތެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top