އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް އިއްޔެ ބޭއްވި އެޕާޓީގެ އޭދަފުށި ދާއިރާގެ ޕްރައިމަރީ ، މއ.އެވަރގްލޯރީ އަހްމަދު އާރިފް (އާއްޓޭ ) ކާމިޔާބު ކުރައްވައިފިއެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވިޔަފާރިވެރިޔާ، އާއްޓޭ އާއި ޕްރައިމަރީގައި ވާދަ ކުރައްވާފައިވަނީ އޭދަފުށީ މީނާޒް މަބްރޫކް ނަސީރު އާއި ހިތާދޫ ޔޫސުފް ގާސިމް އެވެ.
އިއްޔެ މެންދުރު 2.30 ން ފެށިގެން މާލެ އާއި އޭދަފުށީ ދާއިރާގެ ތިން ރަށުގައި (އޭދަފުށި، ހިތާދޫ ، މާޅޮސް ) ބޭއްވި އިންތިޚާބު އާއްޓޭ ކާމިޔާބު ކުރެއްވީ 277 ވޯޓުންނެވެ. އޭނާ އާ އެންމެ ކައިރިން ވާދަ ކުރެއްވި ޔޫސުފް ގާސިމަށް ލިބިވަޑައިގެންނެވީ 136 ވޯޓެވެ. މަބްރޫކަށް ލިބިވަޑައިގެންނެވީ 118 ވޯޓެވެ.
އޭދަފުށީގައި ބެހެއްޓި ވޯޓް ފޮށިން އާއްޓޭ ވަނީ އޭދަފުއްޓަށް އުފަން އަދި އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް އާއި ވާދަކޮށް 114 ވޯޓް ހޯއްދަވާފައެވެ. މަބްރޫކަށް ލިބިފައިވަނީ 59 ވޯޓެވެ. ޔޫސުފް ގާސިމަށް 3 ވޯޓެވެ.
މާޅޮހުގައި ބެހެއްޓި ވޯޓްފޮށިން އާއްޓޭ 68 ވޯޓް ހޯއްދެވިއިރު، މަބްރޫކަށް ހޯދުނީ 9 ވޯޓެވެ. ޔޫސުފް ގާސިމަށް 16 ވޯޓެވެ.
ހިތާދޫގައި ބެހެއްޓި ވޯޓް ފޮށިން ކުރި ހޯއްދެވީ އެރަށަށް އުފަން ޔޫސުފް ގާސިމްއެވެ. އޭނާ 78 ވޯޓް ހޯއްދެވިއިރު، އާއްޓެއަށް ހޯއްދެވުނީ 34 ވޯޓެވެ. މަބްރޫކަށް 8 ވޯޓެވެ.
މާލޭގައި ބެހެއްޓި ވޯޓް ފޮށިން ވެސް 61 ވޯޓާއެކު ކުރި ހޯއްދެވީ އާއްޓޭ އެވެ. މަބްރޫކަށް ލިބުނީ 42 ވޯޓެވެ. ޔޫސުފް ގާސިމަށް 39 ވޯޓެވެ.
މި ކާމިޔާބާ ގުޅިގެން އާއްޓޭ ވިދާޅުވީ އޭނާގެ ފިކުރު ގަބޫލު ކުރައްވައި ވޯޓް ދެއްވި ހުރިހާ ފަރާތްތަކަށާ ވޯޓު ދޭން ބޭނުންފުޅު ނުވި ފަރާތްތަކަށް ވެސް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމުގައެވެ. އަދި އުއްމީދު ކުރައްވަނީ މިދާއިރާގެ ރައްޔިތުން ކުރިއަށް އޮތް މަޖުލިސް އިންތިޚާބުގައިވެސް ޕްރައިމަރީގައި އޭނާ އަށް ކުރެއްވި އިތުބާރު ކުރައްވާނޭ ކަމުގަ އެވެ.