ކަސްރަތުން ލިބިދޭ ފައިދާ ގުނާ ހުސްނުވާހާވެސް ގިނައެވެ. މިގޮތުން ކަސްރަތުން ލިބޭފައިދާތައް އެކި ބައިބަޔަށް ބަހާލެވިވެސް ދާނެއެވެ. މިގޮތުން ކަސްރަތުން ޖިސްމާނީ ފައިދާއިން ފެށިގެން، ނަފްސާނީ ފައިދާއާއި ޞިއްޙީ ފައިދާ ހިމެނެއެވެ. ހަމައެހެންމެ، ރޫޙާނީ ފައިދާތަކެއް ވާކަމަށްވެސް ޤަބޫލު ކުރެވެއެވެ. ރޫޙާނީ ފައިދާތަކަށް ބަލާލައިފިނަމަ، ނިމިގެން މިދިޔަ ރަމަޟާންމަހު އާންމުކޮށް ކާވަގުތުތައް ބަދަލުވުމުން ހަށިގަނޑު ކުރި ތަޖުރިބާތަކަށް ބަލައިލަމާތޯއެވެ. މިގޮތުން ފުރަތަމަ ކަމަކަށް، ރޯދަހިފަން ފެށުމުން ފުރަތަމަ ދެތިން ދުވަހު ކުޑަކޮށް އުނދަގޫވެލާފައި، ހެނދުނުގެ ވަގުތުތަކުގައި ނުކައި ނުބޮއެ ހުރުމަށް ހަށިގަނޑު ހޭނުނެވެ. މިބަދަލުގެ އިތުރުން، އެހެން މައްސަރުތަކުގައި ވިސްނުން ހުންނަގޮތަށްވުރެ ތަފާތު ގޮތަކަށް ވިސްނުންވެސް ބަދަލުވެއެވެ. އިސްކަންދޭ ކަންކަމުގެ ތަރުތީބުވެސް ބަދަލުވެއެވެ.
ހަމައެހެންމެ، އިސްލާމުންގެ ތެރެއިން ވަކިން ޚާއްޞަކޮށް ދީނީލޯބި ހުންނަ ފަރާތްތައް ދީނީކަންކަމަށް އިސްކަންދީ، ޤަވައިދުން އަޅުކަންކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރެއެވެ. މިގޮތަށްގޮސް އެތަކެއް ތަފާތު، އަދި އެހާމެ މުހިންމު ކަންކަމުގައި ގިނަ އަދަދެއްގެ މީހުން އުޅުމަށްފަހުގައި ރަމަޟާންމަސް ހުސްވެ އާމަހެއް ކުރިމަތިލައެވެ.
އިސްވެދެންނެވުނު ކަންކަމުގެ އިތުރުން، ރޯދަމަހާއި ހަށިހެޔޮކަން ނުވަތަ ދުޅަހެޔޮކަމާއި ގުޅުމެއްވޭތޯ ބެލުންވެސް މުހިންމެވެ. އާއްމުކޮށް ކައިބޮއެ އުޅޭ ވަގުތުތައް ބަދަލުވުމުން، ހަށިގަނޑުގެ ހަޖަމްކުރުމަށްވާ ގުނަވަންތައް އެތައް ގުނައެއް އެބަދަލުގެ ސަބަބުން ދުޅަހެޔޮވާތަން ސާބިތުވެއެވެ. ހަމައެހެންމެ، ކެތްކުރަން ޖެހުމުން، ނަފްސާނީގޮތުން އެލިބޭ ހިތްވަރުން، އެބުރި ކަސްރަތަށް އައުމުން ކަސްރަތުކުރުމުގެ ހިތްވަރު އިތުރުވާގޮތްވެސް މެދުވެރިވެއެވެ.
އެހެންކަމުން ރަމަޟާންމަހުގައި ކަސްރަތާއި ދުރުހެލިވުމުގެ ފުރުޞަތު ބޮޑުނަމަވެސް، އަދި ކަސްރަތާއި ދުރުވިނަމަވެސް، އަލުން އެބުރި ކަސްރަތަށް އައުމުން މާބޮޑު ދައްޗަކާއި ނުލައި ކަސްރަތުގެ ތެރެއަށް ވަދެ ފަސޭހައިން ހަށިހެޔޮވުމަށް މަގުފަހިވާނެއެވެ.