ކަރައަކީ ރާއްޖޭގައި ހަމަ ވަރަށް އާންމު މޭވާއެކެވެ. ކުރިން ދިވެހިން ދެކޭ ގޮތުގައި ކަރައަކީ ހަމައެކަނި ރޯދަ މަހަށް ހާއްސަ މޭވާއެކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރޯދަ ވީއްލާ ގަޑިއަށް ކަރާ ފަނި ތައްޔާރު ކުރުމަކީ އާންމު ކަމެކެވެ. އަދި ރޯދަ މަހުގެ އެންމެ މަގު މަގުބޫލް އަދި އެންމެ ގިނައިން ބޮވޭ ފަންޏަކީ ވެސް ހަމަ ކަރާ އެވެ.
އެކަމަކު މިހާރު ޒަމާން ބަދަލުވެއްޖެ އެވެ. ދިވެހި ދަނޑުވެރިންގެ މަސައްކަތުގެ ވައްޓަފާޅި ވެސް ބަދަލުވެއްޖެ އެވެ. އެއާ އެކު ކަރަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މިހާރު ލިބެން ހުންނަ މޭވާއެކެވެ.
އަދި ބާޒާރުގައި ދިވެހި ކަރާގެ އިތުރަށް ބޭރު ކަރައަކީ ވެސް އާންމުކޮށް ލިބެން ހުންނަ މޭވާއެވެ. އެހެންވެ ރޯދަ މަހެކޭ އެއްގޮޮތަށް ކަރާ އާދައިގެ މަތިން ބޭނުން ކުރާ މީހުން މިހާރު ގިނަ އެވެ.
ދާދި ފަހުން އެމެރިކާގައި ކޮށްފައިވާ އާ ދިރާސާއަކުން ހާމަވި ގޮތުގައި ދުވާލަކު އެއް ފޮތި ކަރާ ކެއުމުން ބަރުދަން ކޮންޓްރޯލް ކުރެވި އަދި ހިތުގެ ބަލިތައް ޖެހުމުން ވެސް ދުރުކޮށްދެ އެވެ. މިހެން ދިމާވަނީ ކަރާ ކެއުމުން ގެއްލުން ހުރި ކޮލެސްޓްރޯލް ޖަމާވުމަށް ހުއްޓުމެއް ގެނެވޭތީ ކަމަށް ވެސް މި ދިރާސާ އިން ދައްކަ އެވެ.
މީދާ ބޭނުން ކޮށްގެން މި ދިރާސާ ހެދި ސައިންޓިސްޓުން ދިރާސާއަށްޓަކައި ބޭނުން ކުރި މީދާތަކަށް ސަރުބީ ވަރަށް ގިނަވާ ޒާތުގެ ކާނާ ކާން ދިނެވެ. އަދި މިއާ އެކު ކަރާ ކާން ދިނުމުން “ބޭޑް” ލޯ ޑެންސިޓީ ލިޕޯޕްރޮޓީން ނުވަތަ އެލްޑީއެލް ގިނަވާ ރޭޓް ދެބައިކުޅަ އެއްބަޔަށް ދަށްވެގެން ދިޔަ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައިވެ އެވެ.
އެލްޑީއެލް އަކީ ކޮލެސްޓްރޯލްގެ ބާވަތެކެވެ. މި ކޮލެސްޓްރޯލް ގިނަވުމުން ލޭ ހޮޅިތައް ބެދި ހިތުގެ މައްސަލަތައް ކުރިމަތިވެ އެވެ.
އެމެރިކާގެ ޕާޑިއު ޔުނިވަސިޓީގެ ސައިންސްވެރިން ކުރި މި ދިރާސާ އިން އިތުރަށް ހޯދުނު އެއް ހޯދުމަކީ ގަވާއިދުން ކޮންމެ ދުވަހަކު ކަރާ ކެއުމުން ބަރުދަން އިތުރު ނުވެ ހިފެހެއްޓި އަދި ލޭ ހޮޅިތަކުގައި ސަރުބީ ޖަމާވާ މިންވަރު ވެސް ދަށްވާ ކަމެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކަރާ އިން ސިއްހަތަށް އެންމެ ރަނގަޅު ފައިދާއެއް ކުރަނީ ކަރާގެ ދިޔައިގައި ހުންނަ ސިޓްރޫލިން ކިޔާ ކެމިކަލްއެއްގެ ސަބަބުންނެވެ.
ކަރާ ކެއުމުން ލޭގެ ޕްރެޝަރަށް އެއްވެސް ކަހަލަ ބަދަލެއް އަންނަކަން މި ތަހުލީލުން ހާމަވެފައި ނެތަސް ހިތަށް ނުރައްކާވާ އެހެނިހެން ކަންތައްތަކަށް ވެސް ކަރާ ކެއުމުން އެކަށޭނަ ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ވެ އެވެ.
އެހެންވެ ކަރައަކީ ދުވަހުގެ ސުފުރާގައި ކޮންމެހެން ވެސް ބޭނުން ކުރަން ޖެހޭ މޭވާއެކެވެ. ކަރައަކީ އަގު ވެސް ބޮޑު މޭވާއެއް ނޫނެވެ. އެހެންކަމުން ކޮންމެ ދުވަހަކު ކަރާ ކެއުން އާދަ ކުރުން ކިހިނެއް ވާނެތޯ އެވެ؟