ބ.އަތޮޅު ކައުންސިލްގެ ފަރާތުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ރަންނާ އެވޯޑް 2018 ” އަށް ނަން ހުށަހެޅުމުގެ މުއްދަތު 20 ޖެނުއަރީ 2018 އާ ހަމައަށް އިތުރު ކޮށްފިއެވެ.
މި ގޮތަށް ނިންމެވީ މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރެއްކަމަށްވާތީ ގިނަ ޓީޗަރުންނާއި ބެލެނިވެރިންގެ ގިނަބަޔަކު ރަށުން ބޭރުގައި ވުމާއެކު އެޕްލިކޭޝަންގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ދަތިތަކެއް ހުރެދާނެކަމަށް ދެކޭތީއާއެކު މިއީ ރިސޯޓްތަކާ ގެސްޓް ހައުސްތަކުގެވެސް ޕީކް ދުވަސްވަރު ކަމަށްވާތީ އެކަމަށްވެސް ވިސްނެވުމަށްފަހު ގިނަ ބައެއްގެ އެދުމަކަށް ކުރެއްވި ކަމެއްކަމަށް އަތޮޅު ކައުންސިލުން ވިދާޅު ވެއެވެ.
ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށްރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބ. އަތޮޅު ކައުންސިލުން ރަންނާ އެވޯޑް ތައާރަފްކޮށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.