ބ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފަށައިފި

25659963_956152721205370_7042020362296462676_n.jpg

ބ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިހިދްމަތް އެހޮސްޕިޓަލްގައި މިއަދު ފެށީ ދަތުގެ ހާއްސަ ޑޮކްޓަރަކާއި، އެކަމާބެހޭ ގިނަ ވަސީލަތްތަކާ، މެޝިނަރީ އިންސްޓޯލް ކުރުމަށްފަހު ކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ ވިދާޅުވީ ދަތުގެ ފަރުވާ ފެށުމާއެކު ބ. އަތޮޅުގެ ސިއްހީ ހިދްމަތަށް މިއަދު މިހުޅުވުނީ އާ ސޮފްހާއެއްކަމަށާ، މިއީ އަދުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ދެމުންދާ ސަމާލުކަމުގެ ކުޑަކުޑަ މިސާލެއްކަމަށެވެ.

“އަދުގެ ރައީސް ޔަމީންގެ ދުރުވިސްނެވުމާއި، ހިކްމަތު އަމަލީ އިނގޭތޯމިއީ. އަޅުގަނޑުމެން ކުރިން އުއްމީދެއް ނުކުރަން މިހިދްމަތް މިހާ އަވަހަށް މިހޮސްޕިޓަލްގައި ފެށިދާނެކަމަކަށް.” ސިދުގީ ވިދާޅުވިއެވެ

ސިދުގީ ވިދާޅުވީ ޑެންޓަލް ކެއާގެ ހިދްމަތާއެކު، ދަތަށް ދިމާވާ ސިއްހީ އާންމު ހުރިހާ މައްސަލައަކަށްވެސް މިހާރު އެހޮސްޕިޓަލްގައި ފަރުވާ ދޭނެކަމަށެވެ. ނަމަވެސް ހާއްސަ ފަރުވާތައް ފެށުމަށް އަދި ވަގުތު ބޭނުންވާނެކަމަށް ސިދުގީ ވިދާޅުވިއެވެ.

“މިހާރު އާންމު ހުރިހާ ހިދްމަތެއް މިފެށުނީ، މިސާލަކަށް ދަތްފަނިކެޔަސް، ދަތެއް އުފުރަން ޖެހުނަސް ނުވަތަ އެކަހަލަ އާންމު ކަންކަމަށް މިހާރު ކޮންމެ ދުވަހަކުވެސް ފަރުވާ ދެމުންދާނެ. އެހެންނަމަވެސް ދަތްޖެހުންކަހަލަ ބޮޑެތި ކަންކަން އަދި ނުކުރެވޭނެ”

އޭނާ ވިދާޅުވީ ދަތުގެ ފަރުވާފެށުމާއެކު ދެން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާނީ ޕްރައިވެޓް ރޫމްތަކެއް އެޅޭތޯ ކަމަށާ، ހޮސްޕިޓަލްގެ ހިދްމަތްތައް ކުރިއެރުވުމަށް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

24 ގަޑިއިރު ހިދުމަތް ދެމުންއަންނަ ބ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ އިތުރުން 4 ދާއިރާއެއްގައި މިވަގުތުވެސް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އެއީ އަންހެނުންގެ ހާއްސަ ޑޮކްޓަރާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަދި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން މިއަހަރު އަލަށްފެށި ސާޖަރީ ޑޮކްޓަރުގެ ހިދުމަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top