8 ވަނަ ދިވެހި ފިލްމް އެވޯޑްސް ރޭ ބާއްވައިފިއެވެ.
ރޭ އޮލިމްޕަހުގައި ބޭއްވި ފިލްމް އެވޯޑް ހަފްލާގައި އެންމެ މޮޅު ފިލްމަކަށް ހޮވާފައިވަނީ 21 ކެޓަގަރީއަކުން ނޮމިނޭޓްވެ، ޖުމްލަ ނުވަ އެވޯޑާ އެކު ޑާކް ރެއިން އެންޓަޓައިންޓްމެންޓްގެ ފިލްމް “ވާށޭ މަށާއެކީ” އެވެ.
އެންމެ މޮޅު އަންހެން އެކްޓްރެސް އަކަށް ހޮވާފައިވަނީ މި ފިލްމްގެ ބަތަލާ މަޖުދާ އެވެ. އެންމެމޮޅު ފިރިހެން އެކްތަރކަށް ހޮވާފައިވަނީ މި ފިލްމްގެ ބަތަލް ޖުމައްޔިލް އެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ ޕީޕީއެމް ޕީޖީ ގުރޫޕް ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެން މަނިކުއެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓްގެ މި ފިލްމަކީ މަޖޫ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމެވެ. އަދި އެއީ ޖުމައްޔިލްގެ ދެ ވަނަ ފިލްމެވެ.
ޖުމައްޔިލް މި އެވޯޑް ހޯދީ، ހަސަން މަނިކު (ހުޅުދާން) އާއި އަލީ ސީޒަން (ވަފާތެރި ކެހިވެރިޔާ) އާއި އިބްރާހިމް ޖިހާދު (4426)އާ ވާދަކޮށެވެ. ޖުމައްޔިލް ވަނީ ފިލްމް އެންމެފަހު ވިންދާޖެހެންދެން އިން ވެސް ނޮމިނޭޓްވެފައެވެ. މަޖޫ މި އެވޯޑް ހޯދާފައިވަނީ ތަޖްރިބާ ހުރި ކުޅަދާނަ ދެ އެކްޓްރެސްއިން ކަމަށްވާ ނިއުމާ މުހައްމަދު (އާދޭސް) އާއި އައިޝަތު ރިޝްމީ ރަމީޒް (މިކޮއެ ބައްޕަ ބައެ ބައެ)އާ ވާދަކޮށްގެންނެވެ. މަޖޫ ވަނީ ފިލްމް ހުޅުދާން އަދި އެންމެފަހު ވިންދާ ޖެހެންދެން އިން ވެސް އެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ. މިކާމިޔާބާއެކު އެންމެ މޮޅު އާ ދެ ތަރިންގެ އެވޯޑް ވެސް ލިބިފައިވަނީ މަޖޫ އަދި ޖުމައްޔިލް އަށެވެ. އެއީ މަޖޫގެ ފުރަތަމަ ފިލްމް ހުޅުދާންގައި ދެއްކި ރޯލަށާއި ޖުމައްޔިލްގެ ފުރަތަމަ ފިލްމް، އަނިޔާއިން ދެއްކި ރޯލުންނެވެ.
އެންމެ މޮޅު ޑައިރެކްޓަރަކަށް ޖަޖުން ނިންމަވާފައިވަނީ ވާށާމަށާއެކީގެ ޑައިރެކްޓަރު އަލީ ޝިފާއު އެވެ.
ފީޗާ ފިލްމްގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑް ހޯދީ ފިލްމް އަހްޝަމްއިންނެވެ. އެ އެވޯޑް ގެންދިޔައީ، އެ ފިލްމްގައި ތަފާތު އެކްޓިންނެއް ދެއްކި ޒީނަތު އައްބާސް އާއި އަހުމަދު ސައީދެވެ.
ފީޗާ ފިލްމް ބައިން އެންމެ މޮޅު ސަޕޯޓިންގ އަންހެން އެކްޓަރަކަށް ހޮވާފައިވަނީ ފިލްމް ވީބޭވަފާ އިން ޒީނަތު އައްބާސް އެވެ. ފިިރިހެން އެކްޓަރަކީ ފިލްމް އަހުޝާމް ގެ އެކްޓަރ އަހުމަދު ސައީދުއެވެ.
އަށް ވަނަ ފިލްމް އެވޯޑްސް ހަފުލާގައި ރޭވަނީ ބައެއް ފަންނާނުންގެ ސްޓޭޖް ހަރަކާތްތަކެއްވެސް ދައްކާލާފައެވެ. އޭގެ ތެރޭގައި ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް ވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ތަރިންނަށް ޓްރިބިއުޓެއް ދީފައެވެ.
މީގެ އިތުރުން އެންމެ ފާހަގަ ކޮށްލެވުނީ ޖާދުﷲ އިސްމާއީލް (ޖާދު) އާއި އަޒޫގެ ހުށަހެޅުމަކާ އެކު ބަތަލާ ނިއުމާ މުހައްމަދަށް މަރިޔަމް އައްޒަ އާއި އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު އިސްމާއީލް ޖުމައިހް (ޖުމާ) ހުށަހަޅައިދިން ޓްރިބިއުޓެވެ.
މި ޓްރިބިއުޓާއެކު އުފަލުން ރޮވިފައި ހުރި ނިއުމާ ބުނީ އޭނާ އަށް ބުނާނެ އެއްޗެއްވެސް މިހުރީ ނޭގިފައިކަމަށާ ބަސް ހުއްޓިއްޖެ ކަމުގައެވެ.
“އަޅުގަނޑަކަށް މިކަހަލަ ބޮޑު ޝަރަފެއް ނުލިބޭ. އަޅުގަނޑަށް ފިލްމީ ދާއިރާގެ ބަޔަކު އަޅުގަނޑަށް ހަމައެކަނި އަޅުގަނޑު ކުރި މަސައްކަތް އެޕްރިސިއޭޓްކޮށް އަޅުގަނޑަށް ކޮށްދިން މަސައްކަތަށް ވަރަށް އުފާކުރަން. އަޅުގަނޑަށްވުރެ ދާއިރާއަށް ފަހުން ނުކުތް އަޅުގަނޑުގެ ކުދިން އަޅުގަނޑަށްޓަކައި މިވަރުގެ ކަމެއްކޮށްދިނުމުން ވަރަށް އުފާ ކުރަން. އެވޯޑެއް ލިބުމަށްވުރެ މާބޮޑު އުފަލެއް ހަގީގަތުގައި އެންމެންގެ ލޯބި ލިބުމަކީ”. ނިއުމާ ބުންޏެވެ.
ނިއުމާއަށް ޓްރިބިއުޓެއްގެ ގޮތުގައި އައްޒަ އާއި ޖުމާ ދައްކުވައިދީފައި ވަނީ ނިއުމާ ޑައިރެކްޓްކޮށް ބަތަލާގެ ރޯލުން ފެނިގެން ދިޔަ “ނިއުމާ” ފިލްމްގެ ލަވަ އާއި މަންޒަރެވެ. ފިލްމް ނިއުމާގައި މަރިޔަމް އަޝްފާ ކިޔާދީފައިވާ “ނިއުމާ” ލަވައާއި، އެ ފިލްމްގެ ބައެއް ޑައިލޯގްތަކެވެ.