ތައުލީމް ހާސިލްކުރުމަށް އޭދަފުއްޓަށް އަންނަ ފަރާތްތައް، އާއިލާއާއެކު ދިރިއުޅެވޭގޮތަށް އޭދަފުށީގައި ހަދާފައިވާ ރެސިޑެންޝަލް ލާނިންގް ސެންޓަރު (ދަނާލު) އިން އަންނަ އަހަރު ޖާގަހޯދުމަށް ގިނަ ބަޔަކު ހުށައަޅަމުންދާކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ދަނާލު ހުޅުވީއްސުރެ ކޮންމެ އަހަރަކުވެސް އިތުރު ބަޔަކު އެތަނުގެ އެޕާޓްމެންޓްތައް ހޯދުމަށް އެދެމުންދާކަމަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ (ދޮންބޭބެ) ވިދާޅުވީ އަންނަ އަހަރަށްވެސް ޖާގައަށް އެދި ރާއްޖޭގެ ހުރިހާ ދިމާލަކުންވެސް ހުށައެޅުންތައް ލިބެމުންދާކަމަށާ، އެހެންނަމަވެސް އަންނަ އަހަރު އިތުރު ބަޔަކަށް ޖާގަދެވެން ނެތްކަމަށެވެ.
“ވަރަށް ގިނަމީހުން އެބަގުޅާ. މިއަދުވެސް ގުޅި ހއ ން ބަޔަކު. ދެން ރާއްޖޭގެ އެކިހިސާބުން އެބައާދޭ ކޯލްތައް ނެތްހެއްޔޭ ޖާގައެއް ކިޔާފަ. އަޅުގަނޑު ބުނެފިން ނެތްޖާގައެއް ކިހިނެއްހޭ ދޭނީ. ކިތަންމެހާވެސް ދޭން ބޭނުމޭ. އެކަމަކު އަންނަ އަހަރު ދެވޭކަށްނެތޭ” އަހްމަދު އަލީ ވިދާޅުވިއެވެ.

ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ. އޭނާ ވިދާޅުވީ އަންނަ އަހަރު ދަނާލުން އިތުރު ޖާގަ ދެވެންނެތްކަމަށް / ފައިލް ފޮޓޯ
ވޯލްޑްބޭންކާ، ޔޫއެންޑީޕީގެ އެހީގައި އިމާރާތްކޮށް 2010 ވަނައަހަރު ހިދްމަތްދޭންފެށި އޭދަފުށީ ދަނާލުގައި 20 އެޕާޓްމެންޓް ހުރެއެވެ. އެއީ 4 ކޮޓަރީގެ 4 އެޕާޓްމެންޓާއި، 3 ކޮޓަރީގެ 16 އެޕާޓްމެންޓެވެ. މަހުކުލި ދައްކާގޮތަށް ދޫކުރާ މިއެޕާޓްމެންޓްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުން މިވަގުތު ދިރިއުޅެއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިވަގުތު ދަނާލުގައި 250 ހެއްހާ މީހުން ދިރިއުޅެމުންދާ ކަމަށެވެ.
ދަނާލުން ޖާގަ ނުދެވި އެތަނަށް ބާރުބޮޑުވަމުންދާއިރު، އޭދަފުށީގައި އިތުރު ސްކޫލަކާއި ދަނާލެއް އެޅުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖެނުއަރީމަހު ވަނީ ބުނެފައެވެ.