ސައްޓު ގައުމީ ޓީމަން ނުނަގާތީ ކަންބޮޑެއްނުވޭ – އޭދަފުށީ ކޯޗް ބައްޓޭ

sattu.jpg

ސްރީން ސްޓްރީޓްގެ ޝާފީއަތުން ބޯޅަ ހޯދަން ސައްޓު މަސައްކަތް ކުރަނީ / ފޮޓޯ: މިހާރު.ކޮމް

ދިވެހި ޕްރިމިއަރ ލީގުގައި މިލަންދޫ ޓީމަށް މޮޅު ކުޅުމެއް ކުޅެމުންއަންނަ ބ. އޭދަފުށި ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ގައުމީ ޓީމަށް ނުނެގުމަކީ ކަންބޮޑުވާންޖެހޭ ކަމެއްނޫންކަމަށް އޭދަފުށީ ފުޓްބޯޅަ ޓީމްގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުނެފިއެވެ.

ސައްޓު ގައުމީ ޓީމަށް ނުނަގާ މައްސަލާގައި ރާއްޖޭގެ ބޮޑެތި މީޑިޔާތަކުން ފާޑުކިޔަމުންދާ މައްސަލާގާއި ބައްޓޭ ބުނީ ސައްޓުއަކީ ވަރަށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެއްކަމަށާ، ނަމަވެސް މިވަގުތު ގައުމީ ޓީމުން ސައްޓުއަށް ޖާގަނުލިބުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށެވެ. އޭނާ ބުނީ ސައްޓުއަށް ގައުމީ ޓީމުން ޖާގަ ނުލިބޭ މައިގަނޑު ސަބަބަކީ އޭނާކުޅޭ ޑިޕާޓްމަންޓަށް ވާދަކުރާ ކުޅުންތެރިންގެ ފެންވަރު މަތިވެފައި، އެލެވެލްގައި ސައްޓުގެ ތަޖުރިބާވެސް މަދުވުން ކަމަށެވެ.

“މިސާލަކަށް ބަލަމާ ގައުމީ ޓީމްގެ އެޓޭކިންގް ޑިޕާޓްމަންޓް. ސައްޓު ވާދަކުރަން މިޖެހެނީ ދަގަނޑޭ، ސެންޓޭ، ހަމްޕު، ދާދު މިކަހަލަ ވަރަށް މޮޅު ކުޅުންތެރިންތަކަކާ. މިއީ ގައުމީ ޓީމަށް ކުޅޭތާ ގިނަދުވަސްވީ އަދި ތަޖުރިބާހުރި ކުޅުންތެރިންތަކެއް. ސައްޓުއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. ނަމަވެސް މިފެންވަރުގެ ކުޅުންތެރިންނާ ވާދަކޮށް ގައުމީ ޓީމުން މިފަހަރު ސައްޓުއަށް ޖާގަނުލިބުމަކީ ގަބޫލުކުރެވޭކަމެއް” ކުރިން ފުރަތަމަ ޑިވިޜަންގައި މޮޅު ކުޅުމެއް ދެއްކި ބައްޓޭ ބުންޏެވެ.

ބައްޓޭ ބުނީ ރާއްޖެ މިފަހަރު ކުޅެންޖެހޭ ފެންވަރާއި، ހާލަތަށް ބަލާފައިވެސް ސައްޓުކަހަލަ ކުޅުންތެރިންނަށް މިފަހަރު ސްކޮޑުން ޖާގަދޭން ކޯޗުން ޖެހިލުންވާނެކަމަށެވެ.

“ފަލަސްތީނާއެކު ރާއްޖެއިން ބޭރުގައި ކުޅެން މިޖެހެނީ. ވަރަށް ބޮޑަށް އިންޓަނޭޝަނަލް ތަޖުރިބާ ހުރެގެން މިކަހަލަ މެޗަކަށް ކުޅުންތެރިން ނަގާނީ. އަނެއްކާ ފިޒިކަލީވެސް ވަރަށް ފިޓް ކުޅުންތެރިންނަށް ބޮޑަށް ބަލާނެ”

ބައްޓޭ ބުނީ ސައްޓު މިހާރު ކުޅެމުންދާ ފެންވަރަށް ބަލާނަމަ، ކުރިޔަށް އޮތްތަނުގައި އޭނާ ގައުމީ ޓީމްގެ ސްކޮޑަށް އަރާނެކަމަށް ވަރަށްބޮޑަށް ލަފާކުރެވޭކަމަށެވެ.

ގަމުމީ ޓީމްގެ ސްކޮޑުގައި އަތޮޅުތެރޭގެ ޓީމްތަކުގެ މޮޅު ކުޅުންތެރިން ނުހިމެނި މައްސަލާގައި ގައުމީ ކޯޗް ސްޓެވާޓް ބުނީ އޭނާ އަށް ވެސް 10 ކުޅުންތެރިއަކު ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުޅުންތެރިން މާލޭ ލީގުގައި ކުޅެފިނަމަ ގައުމީ ޓީމުގެ ޖާގަ ލިބޭނެ ފުރުސަތު އެބައޮތް ކަމަށެވެ.

“އަހަރެމެން ބޭނުމެއް ނުވޭ ކުއްލިއަކަށް ކުޅުންތެރިން ގެނެސް ސީދާ މި ކަހަލަ މެޗަކަށް އަރުވަން. މިސާލަކަށް މިއީ ބޫޓާން މެޗު ކަހަލަ މެޗެއް ނަމަ ރަނގަޅު،” އޭނާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top