ޝައިޚް މަޖީދުގެ ދަރެސް: މުދަލު ޒަކާތް ފައިސާއިން ދައްކާނީ ކިހިނެއް؟

memberi-03.jpg

ޒަކާތަކީ، އިސްލާމްދީނުގެ ރުުކުން ތަކުގެތެރެއިން އެއްރުކުނެވެ. މިއީ، މުދަލުން އަދާކުރަންޖެހޭ އެންމެމުހިންމު ޙައްޤެވެ. ވަކި މިންވަރަކަށް ތިމާގެ އަތުގައި ހުރި މުދާ ގިނަވެ އިތުރުވެއްޖެނަމަ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ވަކިމިންވަރެއް ޒަކާތުގެގޮތުގައި ނެރެންޖެހޭނެއެވެ. ސޫރަތުއްތަޥްބާގެ 103ވަނަ އާޔަތުގެ މާނައިގައިވަނީ، “އޭގެ ސަބަބުން ކަލޭގެފާނު އެއުރެން ޠާހިރުކުރައްވާނޭ ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”

މުދާހޭދަކުރުމުގެ މާތްކަން ބަޔާންކުރައްވާ، ސަބައުސޫރަތުގެ 39ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، “އަދި ތިޔަބައިމީހުން(އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެއެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒްޤު ދެއްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.”

ފައިސާއިން ޒަކާތްދިނުމުގައި މިއަހަރުގެ ނިޞާބަކީ، 4944 ރުފިޔާ 45 ލާރިއެވެ.

މިސާލަކަށް، މީހެއްގެ އަތުގައި ނިޞާބު ހަމަވެ، އެއަށްވުރެ މަދުނުވެ، އެއް އަހަރު ފުރުނުއިރު، ހުރީ އަށްޑިހަހާސް ރުފިޔާއެވެ. އެހެންވިއްޔާ އޭނާ ޒަކާތަށް ދައްކާނީ، ދެހާސްރުފިޔާއެވެ. އެއީ ނިޞާބުހަމަވެ، ނިޞާބަށްވުރެ މަދުނުވެ، އަހަރުވީއިރު އޭނާގެ އަތުގައި ހުރި، ހުރިހާ ފައިސާއެއްގެ ސާޅީސްބައިކުޅައެއްބައެވެ. ނުވަތަ %2.5 އެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، އޭނާގެ ރައްޓެއްސަކަށް ދަރަނީގެގޮތުގައި ވިހިހާސް ރުފިޔާ ވަނީ ދީފައެވެ. އެފައިސާ އޭނާގެއަތުން އަނބުރާ ލިބޭނީ މިއަންނަ އަހަރުއެވެ. އެހެންވިއްޔާ މިއަހަރު ޒަކާތް ދޭންޖެހޭނީ، އެ ވިހިހާސްރުފިޔާ ހިމަނައިގެންހެއްޔެވެ؟ ޖަވާބަކީ، އެވިހިހާސް ރުފިޔާ ހިމަނާކަށް ނުޖެހޭނެއެވެ. އެއީ އެހެންމީހަކަށް ދަރަނީގެގޮތުގައި ދީފައިވާ އެއްޗަކަށްވާތީއެވެ.

ޒަކާތް ދިނުމަކީ ފަރްޟަކަށްވީ ހިނދު، ޒަކާތްނުދީ އެ މުދާތައް ހިފެހެއްޓުމަކީ، ވަރަށްބޮޑު ފާފައެކެވެ. އެކަން ބަޔާން ކުރައްވައި، ކީރިތިޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، “އަދި ރަނާއި،ރިހި ޚަޒާނާކޮށް ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވިޢަޛާބު ހުރި ކަމުގެ ޚަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތިން އޭނާ، އެއްކޮށް ޚަޒާނާ ކުޅަ ، ރަން ރިހި، އެދުވަހުން ނަރަކައިގެ އަލިފާނުންދޮންކުރައްވައި،އެތަކެތިން، އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަ ލައްވަމުން ގެންދަވާނެތެވެ. (އަދި އަންގަވާނެތެވެ.)މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ!” (ސޫރަތުއްތަޥްބާ 34 އަދި 35 ވަނަ އާޔަތުގެ މާނަ)

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ޒަކާތްނުދޭ މީހުންނަށް، ޤިޔާމަތްދުވަހުން މާތްﷲ ދެއްވާނޭ ޢަޛާބުގެ ގަދަފަކަމެވެ.

އަޅަމެންނީ، ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށީ! އާމީން.

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top