
އޭދަފުށި ޕޮލިސް ސްޓޭޝަންގެ ބައެއް މުވައްޒަފުން ބައްދަލުވުމެއްގައި. އޭދަފުށީގެ އިތުރުން ދަރަވްންދޫއާ، ތުޅާދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުން. / ފޮޓޯ: ޕޮލިސް ލައިފް ޑޮޓްކޮމް
ބ. އަތޮޅު ދަރަވަންދޫއާ، ތުޅާދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ ބ. އަތޮޅު އޭދަފުއްޓަށް މިއަދު ވަޑައިގެން ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.
މިއަދު ހަވީރު ބޭއްވި މިބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރަކު އީވީއަށް ވިދާޅުވީ ކޮމިޝަނަރުގެ މިބައްދަލުކުރެއްވުމުގައި ބޮޑަށް މަޝްވަރާކުރެވުނީ ޕޮލިހުންގެ ދައުރު އަދާކުރުމުގައި މިހާރަށްވުރެ ކަންކަން ހަރުދަނާ ކުރެވޭނެގޮތްތަކާ، އަދި މިހާރު ކުރިޔަށްދާ ޕްރޮޤްރާމްތަކާ ގުޅޭގޮތުންކަމަށެވެ. އަދި އަތޮޅުގައި ޕޮލިހުންގެ ދައުރު ފުޅާކުރުމަށް ދަރަވަންދޫ އަދި ތުޅާދޫގައި ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށްވެސް ވިދާޅުވިކަމަށެވެ.
ބ. އަތޮޅުގެ ތުޅާދޫއަކީ ކުރިންވެސް ޕޮލިސް ބްރާންޗެއް ހިންގަމުން އައިރަށެކެވެ. ނަމަވެސް އެރަށުގެ ބްރާންޗް 2012 ފެބްރުއަރީ 8 ގެ ހާދިސާއަށްފަހުވަނީ ބަންދުކޮށްފައެވެ. މިވަގުތު ބ. އަތޮޅުގައި ޕޮލިސް ސްޓޭޝަނެއް ހުރީ ހަމައެކަނި އޭދަފުށީގައެވެ.