އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ރޭ ހޯދައިފި އެވެ.
މީގެ ދެ އަހަރު ކުރިން ލީގު ކާމިޔާބުކުރި ސިޓީން މި އަހަރުގެ ލީގު ޗެމްޕިއަންކަން މި ހޯދީ ލީގުގެ ފަހު މެޗުގައި ވެސްޓްހޭމްގެ މައްޗަށް 2-0އިން ކުރި ހޯދައިގެންޖުމުލަ 86 ޕޮއިންޓާއެކުގަ ނެވެ. ސިޓީގެ ލަނޑުތައް ޖެހީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ސާމިރު ނަސްރީ އެވެ.
ޕްރެމިއާ ލީގުގެ ދެ ވަނަ ލިބުނީ ނިއުކާސަލްގެ މައްޗަށް 2-1އިން ކުރި ހޯދި ލިވަޕޫލަށެވެ. އެ ޓީމަށް ޖުމުލަ ލިބުނީ 84 ޕޮއިންޓެވެ. ސިޓީ އާއި ލިވަޕޫލަކީ މި ސީޒަނުގައި ލީގުގައި 100 ލަނޑު ޖެހި ހަމައެކަނި ދެ ޓީމެވެ. އަދި މިއީ 1961 ވަނަ އަހަރުގެ ފަހުން ދެ ޓީމެއް ލީގުގައި 100 ލަނޑު ޖެހި ހަމައެކަނި ސީޒަނެވެ.
ސިޓީގެ މި ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ ކޯޗު މެނުއަލް ޕެލެގްރިނީއާ އެވެ. މިއީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗުގެ ޔޫރަޕުގެ ފުރަތަމަ ކާމިޔާބީ އެވެ. އަދި މިއީ ޔޫރަޕުން ބޭރުގެ ކޯޗަކު އިނގިރޭސި ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ކޯޗު ޕްލެގްރީނީ ބުނީ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް ކަމަށެވެ.
“އަހަރުމެންގެ މެޗުތައް ފަސްވަމުންވެސްދިޔަ. އޭގެ ސަބަބުން ގިނަ އުނދަގޫތަކެއް ވެސް ކުރިމަތިވި. އެކަމަކު ކުޅުންތެރިން އަހަރެންގެ ބަސް ގަބޫލުކުރި. މިއީ އަހަރެންގެ ފުރަތަމަ ސީޒަން އިނގިރޭސިވިލާތުގައި. ވަރަށް ކާމިޔާބުކޮށް، ވަރަށް ރަނގަޅަށް ނިމިގެން މިދިޔައީ. އަހަރެންގެ ޓީމަކީ ލީގުގެ އެންމެ މޮޅު ޓީމު. ކުޅުންތެރިން އެކަން ސާބިތުކޮށްދީފި،” ޕެލެގްރީނީ ބުންޏެވެ.
އޭނާ އަދި ބުނީ އެންމެ ތައްޓަކުން ސިޓީ އަށް ފުއްދާނުލެވޭނެ ކަމަށާއި އަންނަ އަހަރުގެ ސީޒަނަށް މިހާރުން ފެށިގެން މިއަށްވުރެ ބޮޑަށް ތައްޔާރުވާނެ ކަމަށެވެ.