ހެދިބޮޑުވަމުން އަންނަގޮތް މިއީ ފުރާވަރު ކުދިންގެ ވިސްނުމާއި، އިހުސާސްތަކާއި، އެހެން މީހުންނާއި އޮންނަ ގުޅުމާއި، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ގިނަ އަންހެންކުދިން މިއުމުރު ފުރާގައި ތިބޭނީ ޖިސްމާނީ ގޮތުން ފުރާ ފުރިހަމަވެފައެވެ. ނަމަވެސް ބައެއް ފިރިހެން ކުދިން މިއުމުރުގައި އަދި ވެސް ޖިސްމާނީ ގޮތުން ފުރިހަމަވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ހަށިގަނޑުގެ މިނާއި، ބައްޓަމާއި، ބަރުދަނާއި މެދު މިއުމުރުގައި ފުރާވަރުގެ ކުދިން ކަންބޮޑުވުމަކީ ނޫނީ ވިސްނުމަކީ އެކަށީގެންވާ ކަމެކެވެ. ކެއުމާއި ގުޅުން ހުރި މައްސަލަތައް ޚާއްޞަކޮށް އަންހެންކުދިންގެ ފުށުން ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ. މިދުވަސްވަރަކީ ކޮންމެ ކުއްޖެއް ވެސް އެކުއްޖެއްގެ ކިބައިގައި ހުންނަ ޚާއްޞަ ކަންތައްތަކެއް އުފެދިގެން އަންނަ ދުވަސްވަރެވެ.
ރަހުމަތްތެރިންނާއި އޮންނަ ގުޅުން ބަދަހިވެ، ގާތް ގުޅުންތައް ގާއިމުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އަމިއްލައަށް އިސްނަގައިގެން، އަމިއްލައަށް ޒިންމާ ނަގައިގެން ކަންކަން ފަށާ، ބައެއް ކުދިން މަސައްކަތްކުރަން ފަށާ ދުވަސްވަރު ވެސް މެއެވެ. ބައެއް ފަހަރު ބައެއް ކުދިން ސުކޫލް ނިމުމާއެކު އިތުރަށް ކިޔެވުމަށްޓަކައި ރަށްރަށުން މާލެއަށް ނޫނީ ރާއްޖެއިން ބޭރަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ކުދިން އުޅެންޖެހޭނެ ރަނގަޅު ގޮތްތައް މައިންބަފައިންގެ ކިބައިން އެނގި ދަސްވެފައި ހުރުމަކީ މުހިއްމު ކަމެކެވެ.
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
- ދަރިފުޅުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ދަރިފުޅަށް އަންނަ ބަދަލުތައް ގާތުން ބަލަމުން ގެންދާށެވެ. ދަރިފުޅު މާބޮޑަށް ދެރަވެ މާޔޫސްވެގެން އުޅޭނަމަ އެކަން މެދުވެރިވި ސަބަބު ހޯދާށެވެ.
- ޞިއްޙީ އެހީތެރިއަކަށް ދައްކަން ޖެހިއްޖެ ހިނދެއްގައި އެފަދަ ފަރާތެއްގެ ލަފާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
- ދަރިފުޅު ސުކޫލްގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއަޅައި އެކަމަށް ހިތްވަރުދީ އެހީތެރިވެދޭށެވެ.
- ދަރުމަވެރިވުމުގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ހިތްވަރުދޭށެވެ.
- ދަރިފުޅަށް ލިބޭ ކާމިޔާބީތައް އުފަލާއެކު ފާހަގަކޮށް، އެކަމަށް މަރުހަބާ ކިޔާށެވެ.
- ދަރިފުޅާއެކު ވަގުތު ހޭދަކޮށް، ދަރިންނަށް މައިންބަފައިންގެ ފުށުން ބޭނުންވާ ލޯބި ދޭށެވެ.
- ދަރިފުޅުގެ ޚިޔާލާ ފިކުރަށް އިހުތިރާމް ކުރާށެވެ. ދަރިފުޅުގެ ކަންބޮޑުވުން އަޑުއަހައި، އެކަމުގައި އެހީތެރިކަން ފޯރުކޮށް ދޭށެވެ.
- ކުރިމަތިވާ ދެބަސްވުންތަކާ، އަރާރުންތައް އަމިއްލައަށް ހައްލުކުރުމަށް ހިތްވަރުދޭށެވެ. ކަންކަމުގައި ރަގަޅު ނިންމުންތައް ނިންމަން ދަރިފުޅަށް އެހީތެރިވެދޭށެވެ. އަމިއްލައަށް ގޮތްނިންމަންޖެހޭ ކަހަލަ ފުރުޞަތުތައް ފަހިކޮށްދޭށެވެ. އަދި އެފަދަ ހާލަތްތަކުގައި ގޮތް ނިންމުމަށް އެހީތެރިވެދޭށެވެ.
- ރަގަޅު ފައިދާހުރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ބާރުއަޅާށެވެ. ފޭސްބުކް ފަދަ ތަކެތި ބޭނުންކުރާއިރު ބަލައިގެން އުޅުމަށް، އަދި ވަކި ވަގުތެއް އެކަމަށް ހޭދަކުރުމަށް ބާރުއަޅާށެވެ.
- ކުރިމަތިވާ ގޮށްޖެހުންތަކުގައި ކެތްތެރިކަމާއެކު ކުރިޔަށް ދިއުމަށް ލަފާދީ، އެގޮށްޖެހުންތަކާ އެކު ވެސް ދިރިއުޅުން ވޭތިކުރާނެ ރަގަޅުގޮތްތައް ބުނެ އޮޅުން ފިލުވައިދޭށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
- މިއުމުރުގައި އެކަނި ސައިކަލް ދުއްވުމަކީ މަނާކަމެއްކަން ދަރިފުޅު ގާތުގައި ބުނާށެވެ. ބައިސްކަލް ދުއްވުން، ކުޅިވަރުތަކުގައި ބައިވެރިވުން، މޫދަށްއެރުން ފަދަ ކަންތައްތަކުގައި ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންޖެހޭ އުސޫލްތަކަށް ތަބާވުން މުހިއްމެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ނަހަމަގޮތުގައި ޖިންސީ ގުޅުންހިންގުން ފަދަ ކަންކަމުގައި ހުރި ނުރައްކާތެރިކަން ދަރިފުޅަށް ވިސްނާދީފައި ބާއްވާށެވެ. މިކަންކަމާ ގުޅޭގޮތުން ދަރިފުޅުގެ ޚިޔާލު ހޯދައި، ތިބާއަށް ފެންނަގޮތް، އަދި އަމަލުކުރަންޖެހޭގޮތް ދަރިފުޅަށް ކިޔާދީފައި ބާއްވާށެވެ. ދަރިފުޅު ކުރާ ދައްކާ ވާހަކަތައް އަޑުއަހައި، ކުރާ ސުވާލުތަކަށް ބީރުކަންފަތެއް ނުދީ، ތެދުވެރިކަމާއެކު، ސީދަލަށް ޖަވާބުދޭށެވެ.
- ރަގަޅު ކަންކަމަށް ޝައުގުވެރިކަން ހުންނަކުދިން ރަހުމަތްތެރިންގެ ގޮތުގައި ޚިޔާރުކުރުމާއި ގެންގުޅުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
- ދަރިފުޅު އެހެން މީހަކު/ބަޔަކާއެކު ފޮނުވާނަމަ ދާތަނެއް/އުޅޭތަނެއް އެގެންވާނެ އެވެ. އަދި ތަނަކަށް ފޮނުވާނަމަ ފޮނުވަންވާނީ އިތުބާރުކުރެވޭ، ޒިންމާ ނެގޭވަރުގެ މީހަކާ އެކުގައެވެ. ސުކޫލް މަދަރުސާގެ ހަރަކާތަކަށް ދާނަމަ، ނިމޭގަޑިއާއި، ބަލައިދާންޖެހޭ ވަގުތާއި، ގެއަށް އަންނާނެ ވަގުތު ހޯދާފައި ބޭއްވުން މުހިއްމެވެ.
- ގޭގައި އެކަނި ހުންނަން ޖެހިއްޖެނަމަ އަމަލުކުރަންޖެހޭގޮތް ރަގަޅަށް ކިޔާދީފައި ބާއްވާށެވެ. ގެއަށް ރައްޓަހި ކުދިން ގެނައުމާއި، ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރަންޖެހޭގޮތް ކިޔާދީފައި ބާއްވާށެވެ. ގޭގައި ހަދަން ދީފައި ހުންނަ ފިލާވަޅުތައް ހަދައި މުތާލިއާކޮށް، ގޭތެރޭގެ ހުންނަ ކުދިކުދި މަސައްކަތްތައް ކުރުމަށް ބާރުއަޅާށެވެ.
ދުޅަހެޔޮ ހަށިގަނޑު
- ރަގަޅަށް ނިދުމަށް ބާރުއަޅާށެވެ. ފައިދާހުރި ކާނާ ބޭނުންކުރުމަށް ބާރުއަޅާށެވެ. ހަރަކާތްތެރިވެ އުޅުމަށް ބާރު އަޅާށެވެ. ދުވާލަކު މަދުވެގެން 1 ގަޑިއިރު ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަށް ބާރުއަޅާށެވެ.
- ދަރިފުޅު ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ.
- އާއިލާގެ އެންމެން އެކުގައި ކެއުމުގެ އާދަ އަށަގަންނުވާށެވެ. ދިރާސާތަކުން ދައްކާގޮތުގައި މައިންބަފައިންނާއި އެއް ސުފުރާމަތިން ދަރިން އެއްވަގުތެއްގައި ކައި ހެދުމަކީ ސުކޫލްގައި ރަގަޅު ނަތީޖާ ހޯދުމަށް އެހީތެރިވެދޭ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ އާދަތަކުން ދުރުކޮށްދޭނެ ކަމެކެވެ. މައުލޫމާތު:
- ސިއްހަތު ބްލޮގް