ސަރުކާރުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
ތުޅާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓްގެ ތެރެއިން އެ ރަށު ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިން ޔުނިޓާއި އެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 8 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ސިޓީންނާއި އީ-މެއިލް މެދުވެރިކޮށް ކައުންސިލަށް ޝަކުވާ ހުށައެޅުމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ވަގުތީ ލިސްޓުގައި ވާގޮތުން، ތުޅާދޫގެ ރައްޔިތުންނަށް ދޭ 92 ހައުސިން ޔުނިޓަށް 600 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. އަދި ރަށުން ބޭރު މީހުންނަށް ދޭ 8 ހައުސިން ޔުނިޓަށް ގާތްގަނޑަކަށް 100 މީހުން ކުރިމަތިލާފައިވެ އެވެ.
ތުޅާދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ހަވާލުކުރީ ޖުލައި 10، 2019 ގައި 79.6 މިލިއަން ރުފިޔާއަށެވެ.
1،100 އަކަފޫޓުގެ މި ހައުސިން ޔުނިޓްތަކުގައި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީއަށް ހާއްސަ ބައެއް ވެސް ހުންނާނެ އެވެ.







