އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމުގެ މަޝްވަރާތައް ފަށައިފި

big_hIxlB9KLL4J4J3Ik0yIsDbk1N.jpg

ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންނާ ބައްދަލުކުރުން: އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދޭން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައި -- ފޮޓޯ/ ފުލުހުން

ނަފްސާނީ އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފި އެވެ.

ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓާ އިއްޔެ ކުރެއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމާއި އެ ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

ފުލުހުން ބުނީ އެ ބައްދަލުވުމުގައި، ނަފުސާނީ ދާއިރާއިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ޅެން ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި ދިވެހިބަހުގެ މިނިސްޓްރީގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނި ކަމަށް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމަކީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި އާދަމް ނަސީރު ވަނީ، ދިވެހި ޅެމުން ނަފުސާނީ ފަރުވާދެވޭތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ޓަކައި މިދިޔަ އަހަރުގެ މެއި މަހު “ޕޮއެޓްރީ ތެރަޕީ”އަށް ދިވެހި ނަމެއްގެ ގޮތުގައި “ޅެން ފަރުވާ” ފާސްކޮށް، ދިރާސާ ހެދުމުގެ މަސައްކަތްވަނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top