އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލުތަކަށް ލިބުން ލަސްވާތީ ކަންބޮޑުވުން

b_ViB4wv56sDDvDhKzmN130aIjY.jpeg

މާލޭ އުތުރުފަރާތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތައް

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް ޖަމާކޮށްދޭނެ ކަމަށް ބުނިތާ ދެ މަސް ފާއިތުވެގެން ދިޔައިރު ވެސް، އެކަން ކޮށްދީފައި ނުވާތީ ބައެއް އަތޮޅު ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަތޮޅު ފިހާރަތަކުގެ ކުލީގެ ހުރިހާ ފައިސާއެއް އަތޮޅު ކައުންސިލްތަކަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވީ ފާއިތުވި މޭ މަހުގެ 18ވަނަ ދުވަހު އއ. އުކުޅަހުގައި ކައުންސިލްތަކާ އެކު ކުރިއަށް ގެންދިޔަ ވިއަވަތި ކޮންފަރެންސްގަ އެވެ.

އަތޮޅު ފިހާރަތަކަކީ، އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ގާއިމުކޮށްފައިވާ އިންވެސްޓްމަންޓު ތަކެކެވެ. އެ ފިހާރަތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވި އަތޮޅު ކައުންސިލުތަކަށް ލިބެމުންދަނީ އެ ތަންތަނުން ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަ އެވެ.

އަތޮޅު ފިހާރަތަކުގެ ކުލި، އަތޮޅު ކައުންސިލްތަކަށް އެއްކޮށް ޖަމާކޮށްދެއްވާނެ ކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ މެއި މަހު އުކުޅަހުގައި ކުރިއަށް ދިޔަ ވިއަވަތި ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަމީރު ވަނީ ހަފްތާއެއް ތެރޭގައި އެ ފައިސާ ޖަމާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

“ކައުންސިލްތަކަށް ލިބޭ އާމްދަނީއަކުން ދެކޮޅެއް ނުޖެހޭ، އަތޮޅު ކައުންސިލެއް ވިމާ ރަށްރަށުގެ ކައުންސިލަށް އެހީތެރިކަން މާލީ ގޮތުން ވެސް އަދި ފަންނީ ގޮތުން ވެސް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ގާނޫނީ ޒިންމާއެއް، އެކަމަކު އަޅުގަނޑުމެންނަށް ވެސް ނެތް އެއްޗަކުން އެހީތެރިކަމެއް ފޯރުކޮށް ނުދެވޭ، އެކަމަކު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތުގައި،” ފައިސާ ލިބުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކޮށް ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ”އަދަދު“ ނޫހަށް ވިދާޅުވި އެވެ.

މިނޫން އެހެން ބައެއް އަތޮޅު ކައުންސިލު ތަކުންވެސް ފައިސާ ލިބުނު ލަސްވާތީ ކަންބޮޑުވުން ފާޅުކުރެއެވެ.

އަތޮޅު ރައްޔިތުން އިސްވެ، ބާޒާރު މަތީގައި އަތޮޅު ފިހާރަތައް ގާއިމުކުރީ 1960 ވަނަ އަހަރުގެ ތެރޭގައި ކަން ތާރީހީ ބައެއް ލިޔުންތަކުން ފެނެ އެވެ. ނަމަވެސް، އޭގެ ފަހުން އެ ފިހާރަތަކުގެ މިލްކުވެރިކަން ސަރުކާރުގެ ދަށަށް ގެނެސްފައިވާއިރު، އެތަންތަނުން ލިބޭ އާމްދަނީގެ ހިއްސާއެއް ކައުންސިލުތަކަށް ގަވައިދުން ދީފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ސަރުކާރުން ގެންދަނީ ބޮޑެތި ބާރުތަކެއް ދިނުމާއެކު ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް، ސަރުކާރުން ގެންދަނީ ކައުންސިލްތަކަށް ދޫކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top