30އިންސައްތަ ވޯޓުން ވެރިކަމަށް އާދެވޭ އިސްލާހު ހުށަހެޅުއްވުމުން ރައީސް ނަޝީދަށް ފާޑުކިޔުން

FLPudyaaQAEdlqD.jpg

ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެއްބަސްނުވެވޭނަމަ، ރިޔާސީ އިންތިޚާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އާދެވޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވެރިކަން އަބަދުމެ އޮތުމަށް ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމާ ދެކޮޅަށް ގިނަބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

އެކަމަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެމެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ވޯޓުލާ މީހުންގެ 70 ޕަސެންޓް ނޫނެކޭ ބުނާ މީހަކަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށެވެ.

ދީދީ ވިދާޅުވީ، ގާނޫނު އަސާސީގައި އޮތީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ދެމި އޮންނަންވީވެސް އެގޮތުގައި ކަމަށެވެ.

”30 ޕަސެންޓް އެއީ ރައްޔިތުންގެ މެޖޯރިޓީއެއް ނޫން 70 ޕަސެންޓް ނޫނެކޭ ބުނާ މީހެއް ނޫން ވެރިކަމުގައި ހުންނަން ވާނީ“ ދީދީ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ ނަޝީދުގެ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އުޝާމް ވިދާޅުވީ ގިނަ ރައްޔިތުންގެ ތާއީދު އޮތް ކަމަށް ބެލޭނީ އެންމެ ކުޑަމިނުން 50 ޕަސެންޓްގެ ތާއީދު ލިބިގެން ކަމަށެވެ.

”އެއްކޮޅުން މި ވިދާޅުވަނީ ގިނަ ރައްޔިތުން ބޭނުންވާ ކަމަށް ތާއަބަދު އެމްޑީޕީ ވެރިކަމުގައި އޮންނަން. ދެން މި ވިދާޅުވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދު 30 ޕަސަންޓަށް ދަށް ކުރަން ޖެހޭ ކަމަށް. ގިނަ ރައްޔިތުންގެ ތާއީދު އޮތް ކަމަށް ބެލޭނީ އެންމެ ކުޑަމިނުން 50 ޕަސަންޓުގެ ތާއީދު ލިބިގެން،“ އުޝާމް ވިދާޅުވި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ވެރިކަމުގައި އަބަދު އޮންނަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވީ “އަބަދުމެ ވެރިކަމުގައި އޮންނަނީ އެމްޑީޕީ” މިހެން ލިޔެފައި ކަމަށެވެ. އަދި އަބަދުމެ ވެރިކަމުގައި ހުންނަވާނީ ރައީސް ނަޝީދު ކަމަށް ގާނޫނު އަސާސީގައި ލިޔަންވީ ކަމަށް ވިދާޅުވެ ހީނާ ވަނީ ނަޝީދަށް ފާޑުވިދާޅުވެފައެވެ.

“އޭރުން ޑިމޮކްރަސީ އަބަދުމެ ފުރާ ފުރިހަމަވެފައި އޮންނާނެ،” ޕީޕީއެމްގެ އިސް ތަރުޖަމާންގެ މަގާމުގައިވެސް ހުންނެވި ހީނާ ވިދާޅުވިއެވެ.

ނަޝީދުގެ ހުށަހެޅުމަށް ފާޑު ކިޔަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވީ ވަކި ޕާޓީއެއް ވެރިކަމުގަ ދެމިއޮތުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ކޮށްގެން ވާނެ ކަމެއްނޫންކަމަށެވެ. އެމްޑީޕީ ފުރަތަމަވެސް ވަކާލާތުކުރީ ވޯޓުން ކަން ކަން ނިންމަން ކަމަށެވެ.އަދި ރައްޔަތު އެންމެން ބައިވެރިވެގެން އުފައްދާ ވެރިކަމެއް އޮންނަން އެގޮތަށް ގާނޫނު އަސާސީގައި ބުނެފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފިނަމަ ދެން އެމްޑީޕީ ވެރިކަމުގައި ނޯންނާނެ ކަމަށް ދާދިފަހުންވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ގާނޫނު އަސާސީއަށް މިފަދަ އިސްލާހެއް ގެންނަން އެމަނިކުފާނު ބޭނުންފުޅު ވަނީ އެމްޑީޕީ ނޫން ޕާޓީއަކަށް ވެރިކަން ލިބުމަށް ހުރަސް އެޅުމަށް ކަމަށް ބެލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top