ސުޕާރީ ޕެކެޓްގެ އިތުރުން 13ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާ !

rasily-single-1.jpg

ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން ސުޕާރީޕެކެޓްގެ އިތުރުން 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށް، އެކަމަށް ކަނޑައަޅާފައިވާ ތާރީހުތައް އާންމުކޮށްފިއެެވެ.

މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ޕްލާސްޓިކްގެ 13 ބާވަތެއް މަނާކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ނެރުއްވާފައިވާ ގަރާރުގައިވަނީ މި 13 ބާވަތް ރާއްޖޭގައި އުފައްދުމާއި ބާޒާރަށް ނެރުން މަނާކަން ކަނޑައަޅުއްވާފައެވެ.

ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވަނީ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ފަދަ ތަކެެެއްޗެވެ. މީގެ ތެރޭގައި އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ އަމިއްލަ ޒާތުގައި ނެތިވެފަނާވެދާ ފަދަ ޕްލާސްޓިކްވެސް އެތެރެކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.

މިގަރާރު ގައި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ ޕެކެޓާއި 250 މިލި ލިޓަރަށްވުރެ ކުދި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތައްޓާއި ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި 50 މިލިލިޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ، ސައިބޯނި އަދި ލޯޝަން ފުޅިއާއި ރާއްޖޭގައި އުފައްދާ 500 މިލިލީޓަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ރާއްޖޭގައި އުފައްދާ 500 މިލިލީޓަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އުފެއްދުމާއި ބާޒާރަށް ނެރުން، 2022 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާވާނެއެވެ.

މީގެ އިތުރުން ބާޒާރުކުރުމަށް ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅުވެސް ހިމެނެއެވެ. މީގެ ތެރޭގައި އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ އަމިއްލަ ޒާތުގައި ނެތިފަނާވެދާ ފަދަ ޕްލާސްޓިކާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅިއާއި ރާއްޖޭގައި އުފައްދާ އެއް ލިޓަރާއި އެއަށްވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ފަހުން އުފެއްދުން ވަނީ މަނާކޮށްފައެވެ.

މިތަކެތި 2023ވަނަ އަހަރުގެ މާޗު މަހުގެފަހުން ބާޒާރަށް ނެރުން ވެސް ވަނީ މަނާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top