ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގައި އަޅައިދީފައިވާ ފުޓްސަލް ދަނޑު، މެދުސައިޒް (38މީޓަރު 20މީޓަރު، ނުވަތަ 760 އަކަމީޓަރު) ގެ ދަނޑަކަށް ބަދަލު ކުރުމަށް އޭދަފުށީ ކައުންސިލުން ނިންމުމާއެކު އެދަނޑަށް ބޭނުންވާ ޓާފް އެޅުމުގެ ހުރިހާ ކަމަކާއި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ހަވާލު ވެއްޖެ އެވެ.
އޭދަފުށީ ދާއިރާގެ ތަރައްގީއަށާއި މުޅި ޖަމާއަތަށް ނިސްބަތްވާ ކޮންމެ ކަމެއްގައި އެމްޕީ ސަލީމަކީ ވަރަށް ދީލަތިކަމާއެކު އެހީތެރިވެވަޑައިގަންނަވާ އެމްޕީއެއް ކަން ގިނަބަޔަކު ފާހަގަ ކުރެ އެވެ.
މިކަމާ ގުޅިގެން އެމްޕީ.ސަލީމް އީވީއަށް ވިދާޅުވީ ރަށުގެ އިޖްތިމާއީ ކަންތައްތަކާ ޖަމާއަތަށް ފައިދާހުރި ކޮންމެ ކަމެއްގައި ކުރިންވެސް އެހީތެރިވަމުން އަންނަ ފަދައިން ފުޓްސަލް ދަނޑަށް ބޭނުންވާ ޓާފްއެޅުމާއި ހަވާލު ވެފައިވާ ކަމަށެވެ.
“ޓާފް އަށް މިހާރު ވާނީ އޯޑަރި ދީފަ. އުއްމީދު ކުރެވެނީ ދެމަސް ނުވަތަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނޭ ކަމަށް.” ސަލީމް ވިދާޅުވިއެވެ.
އޭދަފުށީ ކައުންސިލުން ބުނީ ފުޓްސަލް ދަނޑު ބޮޑުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ދަނޑަށް އިތުރުކުރާ ބައި ހިމަނާފައިވާތީ ޕްލޭން އަދި ކޮންފާމް ނުވާތީ ކަމަށެވެ.
“ލޭންޑް ޔޫސް އޮތޯރިޓީއަށް ހުށަހަޅާފައިވާނީ. އަދި އެކަން ނުނިމޭތީ މަސައްކަތް ހަވާލު ނުކުރެވި ލަސްވަނީ.” ކައުންސެލަރު އަލީ ޝަފީގު ވިދާޅުވިއެވެ.
ދަނޑު ބޮޑުކުރާ ގޮތުގެ ޕްލޭން އޮތްގޮތާ ބެހޭގޮތުން އަލީ ވިދާޅުވީ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
“ފުރަތަމަ ކުރިއަށް ގެންދާނީ ދަނޑުގެ އެތެރެއާ ނުކުޅެ ބޭރުން ބޮޑުކުރުމުގެ ބައިތައް. އެންމެ ފަހުން ދަނޑުގެ އެތެރެއާ ކުޅޭނީ. އެކަން އެގޮތަށް ކުރަން ނިންމީ ދަނޑުގެ މަސައްކަތް ކުރިއަށް ދާއިރުވެސް ދަނޑުގައި ކުޅުން ކުރިއަށް ގެންދެވޭ ގޮތަށް ބަލައިގެން.”
އަލީ ވިދާޅުވި ގޮތުގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަކަމަށް ވިޔަސް ބޮޑު ކަމެއް ދިމާކަމަށް ނުވާނަމަ މުޅި މަސައްކަތް ނިންމަން ގިނަވެގެން ނަގާނީ ފަސް މަސްދުވަސް ކަމަށެވެ.
ރަށު ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން ގާއިމްކުރާ މި ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ އިތުރުން ކައުންސިލަށް ވެދެއްވަމުން ގެންދަވާ ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަމުގެ އިތުރުންވެސް ކައުންސިލުން ބޭނުންވާ ކޮންމެ ކަމެއްގައި އެމްޕީ.ސަލީމް ވެދެއްވާ އެހީތެރިކަމަށް އޭދަފުށީ ކައުންސިލުން ޝުކުރު އަދާކުރެ އެވެ.
ކިޔުންތެރިންގެ ޚިޔާލު