ސާބަސް ސަމްކޯ

"ޓީމް އޭދަފުށީ"ގެ ނެޓްބޯލް ޓީމް

“ޓީމް އޭދަފުށީ”ގެ ނެޓްބޯލް ޓީމް

ސަމްކޮ (ޝަމްލާ އަލީ މީނާޒް. ބ.އޭދަފުށި) އަށް ސާބަހެވެ. ކީއްވެގެން ހެއްޔެވެ. ނެޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން މިރޭ ފަށާ “ރަމަޟާން ނެޓްބޯލް ލީގު “ގައި ވާދަކުރުމަށް “ޓީމް އޭދަފުށި” ތައްޔާރުކޮށްދިނީތީއެވެ. ރަށުކައުންސިލާ ރަށުގެ ކްލަބް ޖަމްއިއްޔާތައް ލޯމަރަލައިގެން ތިއްބާ ،ފަރުދެއްގެ ގޮތުން އިސްނަގައިގެން އެކަންކުރީތީއެވެ. ރަށަށް ތިޔަ ކޮށްދެއްވީ ވަރަށްބޮޑު ކަމެކެވެ. އަންހެނަކަށް ވެހުރެ އަންހެނުންނަށް ތިޔަ ދައްކައިދިނީ އިޖްތިމާޢީ ކަންކަންކަމުގައި ހަރަކާތްތެރިވުމަކީ ވަކި ޖިންސަކަށް ޚާއްޞަވެފައިވާ ކަމެއް ނޫންކަމެވެ. އެނގޭ ހެއްޔެވެ. އޭދަފުށީގެ ކޮންމެ މީހަކު ތިޔަކަމަށް ޝުކުރު އަދާކޮށް ތައްރީފު ކުރާނެއެވެ.

އީވީގެ ފަރާތުން ޝަމްކޮގެ ތިޔަ އިސްނެގުމަށް ހޫނު މަރްޙަބާއެއް ކިޔަމެވެ. ޒުވާން ހުނަރުވެރި “ޓީމް އޭދަފުށީ”ގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންނަށްވެސް ތަހުނިޔާއެވެ.

މިފަދަ މުހިއްމު އިޖްތިމާއީ ބޮޑުކަމެއް ކުރުމަށް ސަމްކޮ އިސްނެގީ ކީއްވެތޯ އާއި “ޓީމް އޭދަފުއްޓާ ” ބެހޭ ގޮތުން އީވީީގެ ފަރާތުން ޚިޔާލު އަހާލުމުންް ބުނީ އަހަރެމެންގެ ތެރޭގައި މުޅިންހެން މަސައްކަތް ކުރެވެނީ ފުޓްބޯޅަ ކުރިއެރުވުން ކަމުގައާއި އެހެން ކުޅިވަރުތަކުގެ މަތިން ހަނދާން ނައްތާލާފައިވާ ކަމުގައެވެ. އެހެންނަމަވެސް އޭދަފުއްޓަކީ ނެޓްބޯޅައިގެ ރީތި ތާރީޚެއް އޮތް ރަށަކަށްވެފައި މި ކުޅިވަރު މާލެ ފިޔަވައި އެންމެފުރަތަމަ ރާއްޖޭގައި ތައާރަފްކުރެވިގެން ކުޅެންފެށީ އޭދަފުށީގައި ކަމަށްވާތީ އެކަން ދެމެހެއްޓުމަކީވެސް ކުރަން ޖެހޭނެ ކަމެކެވެ. އޭރުއްސުރެ މިއަދާ ހަމައަށް މިކުޅިވަރުގައި ވަނީ ބޮޑެތި ކާމިޔާބުތަކެއްވެސް ހޯދާފަ ކަމުގައެވެ. އޭގެ ހެއްކަކީ ރާއްޖޭގެ ނިސްބަތުން މިހާރުވެސް އެންމެ ގިނަ ނެޓްބޯލް ކުޅުންތެރިން އުފައްދާފައިވާނީ އޭދަފުށީގައި ކަމަށް ބުނަން ކެރިދާނެއެވެ. އަސްލު މި ޓީމް ނެރުމުގެ އަނެއް ބޭނުމަކީ އަހަރެމެންގެ ތެރޭގައި ވަރަށް ޕްރޮފެޝަނަލް ކުޅުން ތެރިންތަކެއް ތިބުމާއެކު އެކުދިންގެ އެހުނަރާ ނެޓްބޯޅައަކީ ވެސް ފުޓްބޯޅައާ އެއްވަރުގެ ސަޕޯޓެއް އޮތް ކުޅިވަރެއްކަން ދައްކައިދީގެން ޒުވާން ކުދިން މި ކުޅިވަރަށް ޝައުގުވެރި ކުރުވުމެވެ. މިކަމުގައި އެންމެ އުފާކުރީ މުބާރާތުގައި ބައިވެރިވާ ވާހަކަ ޓީމްގެ ކުޅުންތެރިންނާ ހިއްސާ ކުރުމުން ލިބުނު ބޮޑު ތާއީދު ކަމުގައިވެސް ސަމްކޮ ބުންޏެވެ. އިތުރަށް ސަމްކޮ ބުނީ މުބާރާތުގައި ބައިވެރިވަނީ ޔަގީން ކަމާ އެކުގައި ކަމަށާ މިރޭ އޮންނަ ފުރަތަމަ މެޗުން އިރާދަކުރެއްވިއްޔާ މޮޅުވުން ނޫން އެހެން ގޮތެއް ނޯންނާނެކަމުގައެވެ.

މި މުބާރާތުގައި ބައިވެރިވަނީ ހަތް ޓީމެކެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި އޭދަފުށި ހިމެނެނީ ގްރޫޕް އޭގައެވެ.

ފުރަތަމަ މެޗްގައި މިރޭ އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ އެވެންޖަރސް އެވެ. މެޗްއޮންނާނީ 11:00ގައި ޒުވާނުންގެ މަރުކަޒު ހޯލްގައެވެ.

އަހަރެމެންގެ ހެޔޮއެދުންތަކާ ހެޔޮދުޢާތަކާ އެކު މިތިބީ “ޓީމް އޭދަފުށީ” ގެ ޒުވާން ކުޅުންތެރިންނާ އެކުގައެވެ. ހިތްވަރާއެކު ކުރިއަށް ދާށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު