ހައްގު ގޮތުގައި ބާރުގެ ބޭނުންކުރުމަށް އެމްޕީ. ސަލީމް ގޮވާލައްވައިފި

big_AqlKDh86PVkfZ9LbmsFGKlG7S.jpg

ޕީޕީއެމް /ޕީއެންސީ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލު ވުން --ފޮޓޯ : ޕީޕީއެމް /ޕީއެންސީ

ބާރެއް ލިބުމަކީ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ނޫންކަމަށާ ހައްގު ގޮތުގައި އެ ބާރު ބޭނުން ކުރުމަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތް މީހުންނަށް (އެމްޑީޕީ )އަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ބާރުގެ ބޭނުން ކުރަން ޖެހޭނީ ހަމަ ގޮތުގައިކަމަށާ ބާރަކީ އަބަދު ދެމި އޮންނާނެ އެއްޗެއް ނޫންކަމަށެވެ. އަދި މާދަމާވެސް އެބާރު ނެތިގެން ހިނގައިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިންނާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުގެ ކުރިން އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަ ކަމަށެވެ. އެކަމަކު ބާރުތައް ލިބުމާއެކު ޖުޑިޝަރީ އިސްލާހު ކުރުމުގެ ބަދަލުގައި ކުރިއަށްވުރެ ބޮޑަށް އެ ނިޒާމު ހަރާބު ކޮށްލައިފި ކަމަށް އޭނާ ވިދާޅުވި އެވެ.

“ޖުޑިޝަރީ އޭރަށްވުރެ ބޮޑަށް ހަރާބު ކޮށްލައިފި، ސުޕްރީމް ކޯޓަށް ވެސް މިހާރު އައްޔަން ކުރަމުން ދަނީ އެ މީހުންގެ އެކްޓިވިސްޓުން. ބާރު އޮތީމަ ހަމަ އެ މީހުނަށް ފެންނަހާ ގޮތަކަށް ޖުޑިޝަރީއަށް، ސުޕްރީމް ކޯޓަށް މީހުން އައްޔަން ކުރަމުން ދަނީ.” ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގައި ސުޕްރީމް ކޯޓަކީ އެންމެ ފަހުގެ މަރުހަލާ ކަމުގައިވާތީވެ އެ ކޯޓަށް އައްޔަން ކުރަން ވާނީ އެ ފެންވަރު ހުރެ އިހުލާސްތެރިކަން ވެސް ހުރި ގާބިލް މީހުން ކަމަށާ ނަމަވެސް އޭގެ ބަދަލުގައި ފަހުގެ މަރުހަލާގެ ކޯޓު ބަދަލު ކުރަމުން ދަނީ އެމްޑީޕީން ބޭނުންވާ ގޮތަކަށް އަމަލު ކުރާނެ މީހުން ލައިގެން ކަމަށެވެ.

ހަމަ އެއާއެކު މަޖިލީހުގެ ތެރެއިން ފެންނަނީ ސުޕަ މެޖޯރިޓީ އޮތް ޕާޓީން އެއްވެސް މިންވަރަކަށް މައިނޯރިޓީއަށް ފުރުސަތު ނުދޭ މަންޒަރު ކަމަށެވެ. އަދި އިދިކޮޅުގައި ތިބި ހައެއްކަ މެންބަރުންނަށް އެ ގޮތަށް އިހުތިޖާޖު ނުކުރެވޭނެ ކަމަށް ބުނެ ރިޔާސަތުން އިންޒާރުތައް ދިނަސް މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top