ސިޔާސީ ކަންމަތި: މަބްރޫކްގެ އެއްބާރުލުން ލިބުނުނަމަ އިންތިހާބު ކާމިޔާބުވީސް – އާއްޓޭ

DSCN7195.jpg

އަހްމަދު އާރިފް އޭދަފުށި ވޮއިސްއަށް އިންޓަވިއު ދެއްވަނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

މއ.އެވަރގްލޯރީ އަހުމަދު އާރިފް (އާއްޓޭ )އަކީ މި ދާއިރާގެ އެންމެ ސަޕްރައިޒް ކެންޑިޑޭޓެވެ. އެމްޑީޕީ އިން އިންތިޚާބަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓުންގެ ޕްރައިމަރީން ކުރި ހޯދުމުން އޭދަފުށީގެ އެމްޑީޕީ ހަމައަށް ދެފަޅި ވީތަން ފެނުނު ނަމަވެސް ސިޔާސީ މިކަހަލަ ކޮންމެ ކަމަކީ ދުވާލަކު އެތައް ގޮތަކަށް އެނބުރެމުން ދާނެ ވަހުތާނެއްކަން އޭނާ އޭރުވެސް ބުނަމުން އައެވެ. ކެމްޕޭން ކުރުމަށް ލިބުނު ހަތް މަސްދުވަސް ބޭނުން ކުރެއްވީ ރޭވުން ތެރިކަމާއެކު ހިކުމަތްތެރި އުކުޅުތަކެކެވެ. އާ ބައެއްގެ ގާތަށް އައިސް އެމީހުންނާ ރައްޓެހިވެ ރައްޓެހިކަން އެކުވެރިކަމަށް ބަދަލުވެ “އާއްޓޭ ހޮވަންވީ”ގެ އަޑުން މުޅި ދާއިރާގައި ގުގުމާލެއްވުމަށްފަހު ހަމައެކަނި ސަލީމަށް ތައްގަނޑު ޖެހި ނިމިފައި އޮތް އޭދަފުށީ ދާއިރާ އެފުއް މިފުށަށް ޖަހައިލެއްވިއެވެ.

ކުރީ ދައުރުގައި ސަލީމުއާ ވާދަ ކުރައްވަން ނުކުންނެވި މިދާއިރާއަށް ނިސްބަތްވާ ހިސާން އަށްވެސް ވީވަރަކީ އެކަމަނާގެ ނުފުޒާއި ބާރުވެރިކަން އޮވެމެ ސަލީމާ ވާދަ ކުރައްވައިގެން ރީތިގޮތަކަށް ބަލިވުމެވެ.

މަޖިލިސް އިންތިޚާބުން އާއްޓޭ ބަލިވެފައިވަނީ ސަލީމު އާ ވާދަ ކުރައްވައިގެން މުޅި ރާއްޖޭގެ ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ސިއްސައިގެން ދާވަރުގެ ނަތީޖާ އަކުން ނޫނެވެ. މި ނަތިޖާއާމެދު އާއްޓޭ ދެކެނީ ކިހިނެއް ހެއްޔެވެ. އީވީ އާ އާއްޓޭ އާ ދެމެދު ދެކެވުނު ވާހަކަތައް މިއޮތީއެވެ.

މަޖިލީހުގެ އޭދަފުށީ ދާއިރާއަކީ މިވީހާތަނަށް ބަލާއިރު އެމްޑީޕީއާ އަށް ވަރަށް ނާކާމިޔާބު ދާއިރާއެއްގެ ގޮތުގައި ބެލެވެނީ. އެކަމަކު މިފަހަރު ވާދަވެރި އިންތިހާބަކުން އާއްޓޭ ވަނީ ތަފާތު ކުޑަކޮށްފަ. މިއީ ހީކުރިވަރުގެ ނަތީޖާ އެއްތޯ؟

އިންތިހާބަށް ނުކުތްއިރު އުއްމީދެއް ނުކުރަން. ނަމަވެސް އޭދަފުއްޓަށް އައިސް ކުރެވުނު މަސައްކަތުގެ ނަތިޖާ ވަރަށް ކާމިޔާބު. ހިތާދޫއާއި މާޅޮހުންވެސް. މާލޭ ކޮޅުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ނަމަ އަދި މާރަނގަޅުވާނެ.

މި ފަހަރުގެ ތަޖްރިބާއަށް ބަލާފައި ދެން އަންނަ މަޖިލިސް އިންތިހާއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރިތޯ؟

ވިސްނާލަން ޖެހޭނީ. އިންތިހާބަކީ ފަސް އަހަރުން އެއްފަހަރު އަންނަ އެއްޗެއް. ދެން ބައި އިލެކްޝަނަކީވެސް އޮންނަ އެއްޗެއް. އެމަރުހަލާއެއް އައުމުން އެކަމަށް ގޮތެއް ނިންމާނީ.

އިންތިހާބަށް ފަހުވެސް ދާއިރާގެ ބައެއް ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ތަން ފެންނަމުން ދަނީ. އާއްމު ގޮތެއްގަ ވަރަށް ނުފެންނަ ކަމެއް އެއީ އިންތިހާބުގަ ބަލިވާ ކެންޑިޑޭޓުންގެ ފަރާތުން. ކޮންކަހަލަ ވިސްނުމެއްގަ ކުރިއަށް ގެންްދާ ކަމެއްތޯ އެއީ؟

2013 އިން ފެށިގެންވެސް މި ދާއިރާއާ ގުޅުން އޮވޭ. ދެން މިފަހަރު ހާއްސަކޮށް އޭދަފުށި ހުޅަނގު ކޮޅުގެ ބައެއް އިސް ރަށްވެހިން ފުދޭވަރަކަށް ތާއީދު ކުރި އަޅުގަނޑަށް. އެގުޅުން އެގޮތުގައި ހުޅަނގު ކޮޅުގެ ރައްޔިތުންނާ އަދި އެހެން ދިމާލުގައިވެސް އެބައޮތް. ހިތާދޫއާއި މާޅޮހުގައި ވެސް ރައްޓެހިންތަކެއް އުފެދިފަ އޮތީމާ އެގުޅުން މެއިންޓެއިންކޮށް ކުރިއަށް ގެންދަން ބޭނުންވޭ. އެއްސަބަބަކީ މި ދާއިރާގައި އަދިވެސް އެބައޮތް ތަސައްވަރެއް. ހިތާދޫގައި އައުޓް ޑޯ ޖިމެއް އެޅުމުގެ މަސައްކަތާ އޭދަފުށީގެ ހުޅަނގުކޮޅުގައި އައުޓްޑޯ ޖިމްއަކާއި، ކުޑަކުދިންގެ ޕާކެއްގެ މަސައްކަތްވެސް ކުރިއަށް އޮތީ. އޭރު ބުނެފަ އޮތް އަތޮޅު ހޮސްޕިޓަލުގެ ޓްރޮލީވެސް އަދި ސްކޫލަށް ދޭން ބުނި ބައެއް ތަކެތި ވެސް މިހާރު ހުރީއައިސްފަ. މިހެން ހުރި ކަންތައްތައް ނިންމާލެވޭތޯ މިއުޅެނީ. މިިއީ ރިވެތި ގޮތަކީ. އެގޮތުން ކުރިއަށް މިދަނީ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ފަހަރުގައި ވާދަ ކުރައްވަން ނިންމެވިކަމަށްވިޔަސް ސަމާލު ކަން ދެއްވާނީ ކޮން ކަމަކަށްތޯ؟ ކެމްޕޭން ކުރިއަށް ގެންދެވުމުގެ ގޮތުން ތަފާތު ގޮތަކަށް ވިސްނުން ގެންގުޅެފާނަންތޯ ؟

ކެންޕޭން ކުރިޔަށްގެންދާއިރު އެންމެ މުހިއްމުކޮށް މިފާހަގަ ކުރަނީ ޕާޓީއަށް ތާއީދު ކުރާ ބަޔަކު، މިސާލަކަށް އިތުރު ކެންޑިޑޭޓެއް އަޔަސް އެބަޔަކަށް އެއްވެސް ނެގޯޝީއޭޓެއް ނުކުރުން އެއީ އަމިއްލަ ތަޖުރިބާ. އަނެއްކަމަކީ ކެމްޕޭނެއް ކުރިއަށް ގެންދާއިރު މަސްތުވާތަކެތީގެ އަމަލުގައި ޖެހިފައި ތިބި ބަޔަކު އެއީ މުޅިން އެކަހެރިކޮށް ދޫކޮށްލަން ޖެހޭ ބައެއް. އެމީހުންނާ އިންތިހާބެއްގެ ވަގުތުގައި ވާހަކަ އެއް ނުދެއްކޭނެ. އެހެންނޫން. އެމީހުން އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކާ ކުރަން ޖެހޭ ކަމެއް ވިއްޔާ ކުރަން އަބަދުވެސް ތައްޔާރަށް ހުންނާނީ.

މި ފަހަރު އިންތިހާބުގެ ޕްރައިމަރީގައި އާއްޓޭއާ ވާދަކުރީ މި ދާއިރާގައި އެމްޑީޕީއިން މިހާތަނަށް ދުށް އެންމެ ކާމިޔާބު ކެންޑިޑޭޓް މަބްރޫކް. އެއީ އަތޮޅު ކައުންސިލުގަ. އަތޮޅު ކައުންސިލުގެ ދެ ދައުރު އޭނާ މިހާރު އެ ފުރިހަމަ ކުރަނީ. އާއްޓޭ ޕްރައިމަރީ ކާމިޔާބު ކުރުމުން ބޮޑެތި މައްސަލަ ތަކެއް މިދާއިރާގައި އުފެދުނު ތަން ފެނިގެން ދިޔަ. މިހާރު މަބުރޫކުއާ އާއްޓޭގެ ގުޅުން ރަނގަޅުތޯ ؟

ޕްރައިމަރީން ބަލިވީއްސުރެ ގުޅުން ރަނގަޅު ކަމަކަށް ނުބުނެވޭނެ. ސަބަބަކީ އެއްވެސް ވަރެއްގެ އެހީތެރިކަމެއް އޭނާގެ ފަރާތަކުން ނުލިބުނު. މިއީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ސިފައެއް. ހަގީގަތުގައި އަޅުގަނޑަކީ ދާއިރާއަށް ބީރައްޓެއްސެއް. ސަލީމަކި މިރަށަށް އުފަން ދަރިއެއް. ސަލީމުގެ އާއިލާވެސް އޮންނާނެ. ސަލީމުގެ ފިރިހެން ދަރިއަކު އިނދެގެން އުޅެނި މާޅޮހުގެ ކަނބަލަކާ. އޭނާގެ އާއިލާވެސް އޮންނާނެ. މި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު 143 ވޯޓުގެ ތަފާތުން ސަލީމު މޮޅުވީމާ އަޅުގަނޑު މި ބުނާ ވާހަކަ އަކީ ކޮބައިތޯއޭ އޭނާގެ އާއިލާއާއި ދަރިފުޅުގެ އާއިލާ. ވީމާ 143 ވޯޓުގެ ތަފާތެއް އައުމުގެ ސަބަބަކަށް އެވީ ހަގީގަތުގައި އެމްޑީޕީއަށް އޮތް ތާއީދަކާ އަޅުގަނޑު އަމިއްލަ ގޮތުންވެސް ކުރިމަސައްކަތުގެ ތާއީދު. އަދި އަޅުގަނޑުގެ އެހީތެރިން ކުރި މަސައްކަތުގެ ތާއީދުގެ ސަބަބުން. އޭގެ ތެރެއަށް މަބްރޫކުއާ އޭނާގެ އާއިލާ އިހުލާސްތެރިކަމާއެކު އައިނަމަ އަދި އޭދަފުށިގަ ތިއްބެވި އެމްޑީޕީގެ ބައެއް ހަރު ބޭފުޅުންގެ އެކުވެރިކަމާ އެއްބާރުލުން ފެނުނު ނަމަ ނަތިޖާ ވަރަށް ބޮޑަށް ބަދަލު ކުރެވޭނެ ހަގީގަތުގައި . އަޅުގަނޑުމެންގެ މަސައްކަތް ވަރަށް ކާމިޔާބު. މަބުރޫކު އެކަންޏެއް ނޫން. އޭދަފުށިގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ގެ އެކުވެރިކަން ނެތިގެން ދިޔަތަން ފެނުނީ. އެއީ ވަރަށް ހިތާމަ ހުރި ކަމެއް. އެއީ މި ވަގުތަށް ތިޔަ ސުވާލަށް ދެވެން އޮތް ޖަވާބަކީ.

އިންތިޚާބު އާއްޓޭއަށް ގެއްލުނީ މަބުރޫކުގެ ސަބަބުން ކަމަށްތޯ ތިޔަ ވިދާޅުވެވެނީ؟

ސީދާ އެހެން ނުބުނާނަން. އެކަމަކު މަބްރޫކުގެ އެއްބާރުލުން ލިބުނުނަމަ ނަތިޖާ ބަދަލުކޮށްލެވޭނެ ފުރުސަތެއް އެއީ. ވަރަށް ތަފާތު އަޑުތައް އިވެމުން ދިޔަ. އެކަމަކު އެއަޑުތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އަޅުގަނޑު މަސައްކަތް ކުރީ ހުރިހާ ރައްޔިތުންނާ ބައްދަލު ކޮށް ދައްކަންހުރި ވާހަކައެއް ދެއްކޭތޯ. ޑޯޓު ޑޯ ހެދުމާ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން ފިޔަވައި އަޅުގަނޑު ކުރި ކަމެއްނެތް.

އިތުރަށް ވިދާޅުވާނީ ކީކޭތޯ؟

ބުނެވޭނީ މިދާއިރާ އެމްޑީޕީއަށް ނުލިބުނީ އެކުވެރިކަމާ އެއްބާރުލުން ނެތިގެންކަމަށް. އެމްޑީޕީ އޭދަފުށީ ފެންނަން ޖެހޭނީ ހާއްސަކޮށް ވަރަށް ބޮޑަށް ހަރަކާތްތެރިވެ އެކުވެރިބައެއްގެ ގޮތުގަ. އެހެންނޫންނަމަ  ކުރިއަށް އޮތްތަނުގައިވެސް ކާމިޔާބުވާނެހެން ހިއެއް ނުވޭ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު