ރައްކާތެރި ގޮތުގައި އޭދަފުށީގެ ކުނި ނައްތާލެވޭނެ ދުވަހަކަށް އެދި އެދި .. !

DSCN3579.jpg

އޭދަފުށީގެ ކުނިގޮނޑު - އީވީ ފޮޓޯ

އޭދަފުށީގެ ދެކުނު ފަރާތު އަތިރިމަތީގައި ހުރެފައި އިރު އުތުރަށް ބަލާލާއިރު އެފެންނަނީ އޭދަފުށީގެ ކުނި ގޮނޑެވެ. ބިޔަވަމުން އައިސް ރަށެއްގެ ސިފަޖެހެނީއެވެ. ސާފުނުކޮށް ގިނަ ދުވަސްވާވަރަކަށް ބޮޑުވެ ބިޔަ ވަމުން ދަނީއެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ އޭދަފުށީގެ ސިއްހަތާ ވެށީގެ ސާފުތާހިރު ކަމާ ގުޅިފައިވާ ހައްލު ނުކުރެވި ގިނަ ދުވަސްވެފައި އޮތް ޖަރާސީމު ފުންޏެކެވެ. ތިން ހާހަށް ވުރެ ބޮޑު އާބާދީއަކުން ކޮންމެ ދުވަހަކު އުކާލާހައި ކުންޏެއް ޖަމާވެ އެތަކެތިި ނައްތާނުލެވޭ ނަމަ އެކުނި ގޮނޑު ވެގެންދާނީ ބަލިތައް އުފައްދާ ކާރުޚާނާ އަކަށެވެ.

ކުނިގޮނޑާއި ކައިރިވެ ބަލާލުމުން މި މަންޒަރާއި މި ވާހަކަ ކިޔައިދޭލެއް އަދި މާރީއްޗެވެ.

މެންދުރު ގަދަ ހޫނުގައި ކުޑަކުޑަ ފަރުބަދަ އެއްގެ ގޮތަށް ސިފަޖެހެމުން އަންނަ އެކުނި ގޮނޑުގައި ދެތިން ބަންގާޅީއަކު މަށަން ދައްޗަކުން އެ ބާހުންގެ ލަސް ސްޕީޑްގައި ކުނި ގޮނޑުގެ ކައިރި ފަށުގައި ފެތުރިފައިއޮތް ކުނިތައް ، ކުނި ގޮނޑުގެ މައްޗަށް އަޅަން މަސައްކަތް ކުރާތަން ފެނެއެވެ. އެއަށްވުރެ ބޮޑު ސަމާލު ކަމެއް ދެވުނީ އެތަނުގައި ކުނިވެފައިވާ ތަކެތި ހޮވާކަ ކެއުމަށް ހޯރަ އަޅައަޅާ އޮތް ކާޅުތަކަށެވެ. އެސޮރު މެންނަށް ލިބިފައިވާ ޣަނީމާ މުދާތައް ހާވައި ނޮޅައިގެން ވީދައި ކައި ހަދަނީއެވެ. މެހީގެ ބިޔަ ރަސްކަމެއް ގާއިމްވެފައިވާ އެ މައިދާނުގައި އެސޮރުމެންވެސް ކާޅު ތަކަށް ދޫކުރުމެއްނެތި ހުރިވަރެއް ދައްކަމުން ދެއެވެ. އެދިމާލުގައި ލެވިފައިވާ ކަނޑު ތޮށިގަނޑާ ހަމައަށް ދިޔަ ނަމަ އެތަނުގައި ދިރިއުޅޭ މީދަލާއި ބުޅާ ތައްވެސް ބިރެއް ނެތި މިނިވަން ކަމާއެކު ކޮޅުކޮޅަށް ދުވާތަން ފެންނާނެ އެވެ.

މިހާލުގައި ކުނި ގޮނޑު އޮތުމުން މި ކަމުގެ އުނދަގޫތައް ދިމާވަމުން ދަނީ ރަށުގެ ބޮޑު އާބާދީއަށެވެ. ކުނިގޮނޑުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް ވަކިން ބޮޑަށެވެ. އެމީހުންގެ ޝަކުވާ އަށް ނިމުމެއް ނެތެވެ. ކުނިގޮނޑު އެހެން އޮވެ ކުނި ވަމުން ދާތީ އެ ހިސާބުގަނޑުގައި ދިރިއުޅެން ދަތިވާ ވަރަށް މެހީގެ އުނދަގޫ ވަނީ ބޮޑުވެފައިކަމަށް އެމީހުން ބުނެއެވެ. އެކަމުގެ ސަބަބުން ބަލިމަޑުކަމެއް އުފެދި ފެތުރިގެން ހިގައިދާނެ ކަމުގެ ބިރުވެރިކަމާއި ކަންބޮޑުވުން ފާޅު ކުރިއެވެ. ” މިހިސާބުގަނޑުގައި މެހީގެ އުނދަގުލާހުރެ އުޅެވޭކަށް ނެތް. މި ޝަކުވާ ކުރަން ދާނެ ތަނެއްވެސް ނެތް. ދެން ލެއްވި ރަހްމަތް އެއީ ހެޔޮ ތަހުމަތް ކަމުގައި ދެކިގެން މި ނޫން ދުވަހެއްގެ އިންތިޒާރުގައި މި ތިބެނީ. މީހުންނާ ރަށް ތަރައްގީ ވާހަކަ ދައްކާ އިރު އާއްމު ސިއްހަތާ ގުޅިފައިވާ މިފަދަ ކަންކަން ހައްލު ކުރަން ތިބި މުވައްސަސާ ތައް އޮތީ ނިދާފައި.” އެހިސާބުގައި ދިރިއުޅޭ ސަރުކާރުގެ ކުންފުންޏެއްގެ އިސް މަގާމެއް އަދާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އެހެން މީހަކު ބުނީ ކައުންސިލް ޕިކަޕުން ގެންނަ ކުނި ފިޔަވައި ކުނިއުކާލަން ރަޖިސްޓްރީ ނުކުރާ މީހުން ގަވާއިދާ ޚިލާފަށް ކުނިކޮށްޓަށް ކުނި އުކާލުމަކީވެސް އެ ތަން އިތުރަށް ގޮނޑުވުމަށް ލިބޭ ބާރެއް ކަމުގައެވެ. ” ކުނިވެފައި ހުންނަ އެއްޗިއްސާ ކުނިވާ ޒާތުގެ އެއްޗެތި ގޮތެއް ފޮތެއް ބެލުމަކާ ނުލާ ގެނެސް ރޭގަނޑުވެސް ގެނެސް އަޅަނީ. ބައެއް ވިޔަފާރިވެރިން އެމީހުންގެ ފިހާރަތަކުން އުފެދޭ ކުނި މި އުކާލަނީ އައިސް އެއްވެސް ބެލުމެއްނެތި މި ގޮނޑަށް .” ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

ކުނީގެ ނިޒާމު މިކަން މިހެން ހިނގަމުން އަންނަތާ އަހަރު ތަކެއް ވާއިރު މި ކަމުގެ ހައްލަކީ ކޮބާ ހެއްޔެވެ؟ ކައުންސިލުން ތިބީ ސަރުކާރަށް ބަރޯސާ ވެގެން ނެވެ. ކުނިގޮނޑު ބަލަހައްޓަމުން ގެންދަނީ ރަށު ކައުންސިލުންނެވެ. އެހެންވީމާ ކޮންމެ މީހަކުވެސް އިނގިލި ދިއްކުރަނީ ރަށު ކައުންސިލަށެވެ.

ރަށު ކައުންސިލުން ގޭގެއިން ފައިސާ ނަގައިގެން ކުނި އުކާލުމުގެ ޚިދުމަތް ދެމުން ގެންދާތާ އަންނަ ސެޕްޓެމްބަރ މަހަށް ދެއަހަރު ވަނީއެވެ. އެކަމަކު ހާލަތު ބަދަލެއް ނުވިއެވެ. ކައުންސިލުންވެސް ކުނި އުކާލަމުން ގެންދަނީ އޭގެ ކުރިން ވެސް ކުނި އުކާލަމުން ގެންދިޔަ ގޮތަށެވެ. އެކަމަކު ރަށު ކައުންސިލުން މިކަމުގެ ތެރެއަށް ވަނީ ރައްކާތެރިކަމާއެކު ކުނި ނައްތާލާނެކަމަށް ބުނެފައެވެ. ފަނާވާ ޒާތުގެ ކުންޏާ ފަނާނުވާ ޒާތުގެ ކުނި ވަކިކޮށް އެއިން ކާދު ހަދައިގެން ވިއްކާނެ ވާހަކަ އާއި އެހެން ކުނިތައްވެސް ރައްކާތެރިކަމާއެކު ނައްތާލުމަށް ރާވާފައިވާގޮތާ އެކަން ކުރިއަށް ގެންދާނެގޮތްވެސް ނިކަން ރީތިކޮށް ރައްޔިތުންގެ ކަންފަތަށް ވައްދުވައި ދިނެވެ. ރައްޔިތުން ގަބޫލުވެސް ކުރިމެއެވެ.

އޭގެ ފަހުން މިހާރު ދެއަހަރުވެގެން ދިޔައިރު ވެސް އެކަމެއް އަދިވެސް ނުފެށެވެ. ފަނާވާ ޒާތުގެ ކުނިތައް އުކާލަނީ ކަނޑަށެވެ. އެކަމަކު ކަނޑަކީ ގޮނޑެއް ނޫނެވެ.އެކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަސަރު ކުރެއެވެ. ފަރުތަކާއި ކަނޑުތަކުގެ ރީތި ކަމަށް ބަދަލުތަކެއް އާދެއެވެ. އެކަން ނޭގެ މީހަކު ނޫޅޭނެއެވެ.

ރައްޔިތުންގެ މިހާ ކަންބޮޑުވުން ހުރި ކަމެއްގައި ރަށު ކައުންސިލަށް ކުރިއަށް ނުދެވިގެން މިއުޅެނީ ކީއްވެގެން ކަން ބަލައިލަން ޖެހެއެވެ. ކައުންސިލުން ރައްޔިތުންނަށް ސާފުކޮށްދޭންވެސް ޖެހެއެވެ.

“މީގެ ދެމަހެއްހާ ދުވަސް ކުރިން ”ވެމްކޯ” އާއި އޭދަފުށީ ކައުންސިލާ ދެމެދު މިރަށުގައި އުފެދޭ ކުނި ނައްތާލުމާ ބެހޭ އެއްބަސްވުމެއްގައި ވާނީ ސޮއި ކޮށްފަ. އޭރު ވިމްކޯއިން ބުނީ ހަފްތާ އެއްހައި ދުވަހުގެ ތެރޭގައި ކުނި މަސައްކަތް ފެށޭނަކަމަށް. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ދާނެ ކަމަށް.  ” ރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުނީގެ މައްސަލަ އަކީ ކައުންސިލުގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމަކަށްވާތީވެ މީގެ ފަސްވަރަކަށް ދުވަސް ކުރިންވެސް ވެމްކޯއާ ގުޅައިގެން މަސައްކަތް ލަސްވަނީ ކީއްވެތޯއާއި ފެށުން އަވަސްކުރެވޭތޯ ބެލި ކަމުގައެވެ.

ކުރިއަށް އޮތީވެސް ވިއްސާރަ ދުވަސްވަރަކަށް ވާތީ ތެތްފިނީގާ ހަންޑިކުޑަ ފަޅައިގެން ފެތުރިގަންނަހެން ބަލި ޖައްސާ ޖަރާސީމުތައް ރަށު ތެރެއަށް ފެތުރިގެން ދިއުމަކީ ވަރަށް އެކަށީގެން ވާ ކަމެކެވެ. މާޒީ އަށް ބަލާއިރު އެފަދަ ހާދިސާ ތަކުރާރު ވެފައި އެބަހުއްޓެވެ.

ސަރުކާރުން ވަނީ އޭދަފުށީގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުކޮށް ކުނިވާ ޒާތުގެ ތަކެތިން ކާދު ހަދަން ދަސްކޮށްދިނުމަށް ކައުންސިލަރުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ދަސްކޮށްދީފައެވެ. ބިއްލޫރި މުގުރާ މެޝިނާ ދަޅު ފިއްތާ މެޝިން ފޮނުވާފައި އެބަހުއްޓެވެ.  އެކަމަކު އެމެޝިން ތަކުގެ ބޭނުމެއް ނުކުރެއެވެ. އެެހެން ހުއްޓާ ދާދި ފަހުން އެމެޝިންތަކުގެ މައި ކޭބަލް ވަނީ ކޮންމެވެސް ބަޔަކު ނުވަތަ މީހަކު ރޭގަނޑު އެތަނަށް ވަދެ ބުރި ކޮށްލާފައެވެ. އަދިވެސް އެމެޝިންތައް ހުރީ އެހާލުގައި އެގޮތަށެވެ. އޭގެ ފަހުން މިހާރު ދެމަސްދުވަސް ވާއިރު އެކަން ރަނގަޅު ކުރަން ކައުންސިލުން މަސައްކަތް ކުރަން ޖެހޭނެއެވެ.

“ކުރިންވެސް އެއިން އެއްވެސް މެޝިނެއް ރަނގަޅަށް މަސައްކަތެއް ނުކުރޭ. ދަޅު ފިއްތާ މެޝިނާއި ބިއްލޫރި މުގުރާ މެޝިނުންވެސް ހިމުން ނުކުރެވޭ.. ” މެޝިންތަކުގެ ބޭނުން ނުކުރާ ސަބަބު ސާފު ކޮށްދެއްވަމުން ކައުންސިލަރު ވިދާޅުވިއެވެ.

އެނގޭ ކަމަކީ މިހާ ދުވަސް ވީއިރު އޭދަފުށީގެ ކުނި ނައްތާލުމުގެ ނިޒާމް ހަމައަކަށް އެޅެން ޖެހޭ ކަމެވެ. ރަށު ކައުންސިލުން މިކަމާ މަސައްކަތް ކުރަންވާ ވަރަށް މަސައްކަތް ނުކުރެވެނީއޭ ބުނާ ހިތް ނުވިޔަސް ތެެދަކީ އެއީއެވެ.

“އެއް ގޮތަކީ ފަނާވާ ޒާތުގެ ކުނިން ކާދު ހެދުން. އެހެން ކުނިތައް ދޯންޏެއް ކުއްޔަށް ހިފައިގެން ތިލަފުއްޓަށް ނުވަތަ ވަންދުއަށް ނަމަވެސް މަހަކު އެއްފަހަރު ފޮނުވުން . އެހިސާބުން ކުނިގޮޑުގެ ޝަކުވާ ނިމުނީ. އެކަމަކު މިކަން ކުރެވޭހައި ހަކަތަ ރަށު ކައުންސިލްގައި ހުރެގެން ވާނީ. ” ކުނިގޮޑުގެ ކައިރީގައި ދިރިއުޅޭ ގެއެއްގެ މީހެއްގެ ޚިޔާލަކީ މިއެވެ.

އެއީ އޭނާގެ ޚިޔާލެވެ. އެއީ ކޮންމެހެން ކައުންސިލުން ގަބޫލު ކުރަންޖެހޭ ޚިޔާލަކަށް ވާކަށް ނުޖެހެއެވެ. އެއަށްވުރެ ރަނގަޅު އެހެން ގޮތްގޮތްވެސް ހުރެދާނެއެވެ. މައްސަލައަކީ މިކަން ނުކުރެވި އަހަރުތަކަކަށް ދިގު ދެމިގެން ދާތީއެވެ.

ކުނީގެ މައްސަލަ ރަށު ކައުންސިލްގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގައި ދަންނަވައިގެން ހައްލެއް އަދި ލިބިފައިނުވާކަން ކައުންސިލަރުގެ ވާހަކަތަކުން އެނގެއެވެ. ދެން ކަން ކުރަންޖެހޭ ގޮތަކީ އެތަންތަނަށް ގޮސް މިކަމާ މެދު ވާހަކަ ދައްކައިގެން މަގެއް ހޯދުމެވެ. އެކަމަކު އެކަންވެސް އަންނަނީ ކުރަމުންނެވެ. ނަތީޖާއެއް ނުފެނުނެވެ. އެހެންވީމާ ދެން އޮތް ގޮތަކީ އެއަށްވުރެވެސް މަތީ ފަރާތްތަކުގެ އޮފީސްތަކުގެ ދޮރުގައި ޓަކި ޖެހުމެވެ. ޓަކި ޖެހެން އޮތް ގޮތަކަށް އެބޭފުޅުންނަށް އަޑު އިވޭވަރަށް ޓަކި ޖެހުމެވެ.

ފުރުސަތު ފަހިވެގެން އެބަ އާދެއެވެ. އެއީ ޔަގީން ކަމެކެވެ. ރައްޔިތުންނަށް ފަސް އަހަރުން އެއް ފަހަރު އަންނަ “ގުރުސް ފެންމަތިވާ ވަގުތު”  އެބައާދެއެވެ. އެބޭފުޅުން ވަޑައިގެން އަޅުގަނޑުމެންގެ ދޮރުގައި ޓަކި ޖައްސަވާނެއެވެ. މިއަދު ނޫނީ މާދަމާ ކަމަށްވެސް ވެދާނެއެވެ. އެވަގުތަކީ ބޭނުން ކޮންމެ ކަމެއް ފުދޭނެ ވަގުތެކޭ ބުނާތީ އިވެއެވެ. އަޅެ މިފަހަރު ރަށު ކައުންސިލުން މި ވަގުތާ ދިމާކޮށް ސީރިއަސް ކަމާއެކު މި އިޝޫ ނަންގަވައިގެން މިކަމުގެ ހައްލެއް ލިބޭތޯ ބައްލަވަމާ ހިންގަވާށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top