ލާމަރުކަޒީގާނޫނު ބުނާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުން ކައުންސިލަކުން ނުބާއްވާ. ކީއްވެ؟

އޭދަފުށި ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު

އޭދަފުށި ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު

ލޯކަލް ކައުންސިލްގާނޫނުގައި ބުނާގޮތުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބަައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައިމަހު ރަށުކައުންސިލްތަކުން ބާއްވަންޖެހެއެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތްއަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލުހޯދަންޖެހެއެވެ . މިގޮތުން ރައްޔިތުންނާ ބައްދަލުކުރުމުގެ 7ދުވަސް ކުރިން އެރިޕޯޓްތަކާއި ޕްލޭނާއި ބަޖެޓްގެ މައުލޫމާތު ޢާއްމުކޮށް ހާމަކުރަންޖެހޭނެއެވެ.

ދެން ލާމަރުކަޒީ ގާނޫނުގެ 110ވަނަ މާއްދާއަށް ބަލައިލަމާ ހިނގާށެވެ. އެގާނޫނުގައި އޮންނަނީ ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ކައުންސިލްގެ އަހަރީ ރިޕޯޓްހުށަހަޅަން ޖެހޭނެއެވެ.

ފެބްރުއަރީ ފާއިތުވެގޮސް ޖުލައިމަސްވެސް ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް އޭދަފުށި ކައުންސިލުން މިފަދަ ބައްދަލުވުމެއް ބާއްވާފައި ވޭ ހެއްޔެވެ. ރައްޔިތުންނަށް ސާފުކޮށްދޭން ގާނޫނުގައި ބުނާ އެއްވެސް ކަމެއް މިވީހާތަނުގައިވެސް ސާފުކޮށްދިން ހެއްޔެވެ. ރައްޔިތުންނަށް މިއުޅެނީ ވާނުވާ ނޭގިގެންނެވެ. ކައުންސިލުންކުރަންޖެހޭ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރުމުގައި ލަސްވަނީ ކީއްވެތޯ އަހާލާއިރަށް ނުވަތް މިވެނިކަމެއް ނުވެގެން މިއުޅެނީ ކީއްވެގެންތޯ އަހާލާއިރަށް އެކަން ސަރުކާރުގެ ބޮލަށް ކަނޑާލަނީއެވެ.

ގާނޫނު ލާޒިމްކުރާ މިފަދަ އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވުމަކީ އޭދަފުށީ ކައުންސިލް އަކީ ގާނޫނުގެ އަމުރަށް އިހްތިރާމް ކުރަން ދަންނަ ބައެއްނޫންކަމަށް ބެލެވިދާނެ އަމަލެކެވެ. އެކަމަށް ގޮތެއް ނިންމުމުގެ ބަލަން ޖެހެނީ ގާނޫނުގައި ބުނާ ބައްދަލުވުންތައް ނުބޭއްވީ ކީއްވެގެންތޯއެވެ. މި ސުވާލު އުފައްދަން ޖެހެއެވެ. ރަށުކައުންސިލްގެ ޒިންމާއާއި ކައުންސިލުން ކުރާކަންތަކާ ކުރަން ރާވާފައިވާ ކަންތައް ރައްޔިތުންނަށް އެންގުން ގާނޫނު ލާޒިމްކުރާއިރު ގާނޫނަށް އަމަލު ނުކުރުމަނީ ކުޑަކަމެއްގޮތުގައި ބަލައިގެންނުވާނެއެވެ. އެއީ މައްސަލައެކެވެ. މިމައްސަލަ މައްސަލައެއްގެ ގޮތުގައިކަމާބެހޭ ފަރާތްތަކުން ނުބެލުމަކީ އަދި މާބޮޑު މައްސަލައެކެވެ.

ބައްދަލުވުން ނުބޭއްވީ ކީއްވެގެންތޯ އަހާލުމުން އޭދަފުށީ ކައުންސިލްގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ ރޯދަމަސް ކަމުން ނުބޭއްވި ދިޔައީ ކަމުގައެވެ. ދެން އައީ މިނިވަން 50 ފާހަގަކުރުމުގެ ކަންތައް ކަމުގައިވާތީ އެއީވެސް ބައްދަލުވުން ނުބޭއްވަމަށް މެދުވެރިވިކަމެއް ކަމުގައެވެ. މިކަލަ އެއްވެސް ޒިންމާދާރުކަމެއްނެތް ޖަވާބެކެވެ.

ރިޒާ އެހެންވިދާޅުވިއިރު ރޯދަމަސް އެއީ ރައްޔިތުންނާ ބައްދަލުނުކުރެވެންވީ ސަބަބެއްކަމަށް ގަބޫލު ކުރަނީ ކާކު ހެއްޔެވެ؟ ރޯދަމަހާ ގާނޫނު ލާޒިމްކުރާ މިފަދަ ބައްދަލުވުމަކާ ގުޅުވުމަކީ މިވާހަކައަށް ރައްދުދޭނެ ގޮތެއްނޭގިގެން ނުވަތަ އެހެންވެސް މިފަދަ ކަންތަކުގައި ދިފާއުވުމަށް ކައުންސިލުން ބޭނުންކުރާ އުކުޅު ކަމުގައިވާ ކޮންމެވެސް އެހެން މީހެއްގެ ބޮލާށް ކަނޑާލާ އުސޫލުގެ ބޭނުން ހިފީއެވެ. ދެން ފާހަގަ ކުރެއްވީ މިނިވަންފަންސާހުގެ ވާހަކައެވެ. އެހެންނަމަވެސް މިނިވަން 50 ފާހަގަކުރުމަށް އޭދަފުށީކައުންސިލުން އުޅުނީ ކޮންއިރަކު ކީއްވެގެންކަން އެނގޭމީހުން މަދެއްނުވާނެއެވެ. ރަށުކައުންސިލުން އެކަމާ އުޅެންފެށި ހިސާބަކީ ރަށުކައުންސިލުންވެސް އަދި ސަރުކާރުގެ އެހެން މުވައްސަސާއަކުންވެސް މިނިވަން50 ފާހަގަކުރަން ނޫޅުތީވެ އޭދަފުށީ ޕޮލިސް އިސްނަގައިގެން މިމަސައްކަތް ކުރަން ފެށި ހިސާބުންނެވެ. މިރަށުގައި ހުންނަސަރުކާރުގެ އެހެން މުވައްސަސާތަކާ ސަރުކާރު ހިއްސާވާކުންފުނިތަކާ ބައެއް އަމިއްލަ ޖަމާއަތްތައް ގުޅިގެން މިމަސައްކަތް ކުރުމަށް ޖުލައި 26އަށް ވަގުތު ކުޑަތަން ވެފައިވަނިކޮށެވެ. މިނިވަން50އަށް ތައްޔާރުވުމަށް ދުރާލައި މާކުރިންރާވައި އިންތިޒާމްކުރާކަށް ކައުންސިލަކުން ނޫޅެއެވެ. އެހެންވީމާ ހަވާއަރުވާ ވާހަކަކަހަލަ ހެއްވާ ވާހަކަތަކެއް ދައްކައިގެން ރައްޔިތުންގެ ބޮލުގައި ތެތްގޯނި ނާޅުއްވާށެވެ.
ހަގީގަތުގައި އޭދަފުށީ ކައުންސިލަކީ ރައްޔިތުންނާ ވަރަށްދުރުން ރައްޔިތުންނާ މަޝްވަރާ ކުރުމެއްނެތި ވަރަށް ގުޅުންކުޑަގޮތެއްގައި ހިންގަމުން އަންނަ ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މިހެން ވީމައެވެ. ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް މި އޭދަފުށީގެ ކޮންމެ ދާއިރާއަކަށް ބަލައިލިޔަސް ފެންނަނީ ކައުންސިލްގެ ނާގާބިލް ކަމެވެ. ޒިންމާ އަދާކުރުމުގައި ނުކުޅެދިފައިވާ ތަނެވެ. ހެއްކެއްގެ ގޮތުން ބަލާއިރު އޭދަފުށީގެ ވަށައިގެންވާ މަގުގައި ބުރެއް ޖައްސަވާލެއްވުމަށްފަހު ދެތިން މަގަކަށް ފުންކޮށް ނަޒަރު ހިންގާލާއިރުފުދޭވަރަކަށް އޮންނާނީ ހެކިލިބިފައެވެ. މި ކަމުގެޒިންމާ ނަގަންޖެހޭނީ ކައުންސިލްނޫން ކޮންފަރާތެއްހެއްޔެވެ؟ ގަވާއިދުތަކާ ގާނޫނުތައް ހިންގަން ހުވާކޮށްގެން ތިބީ ރަށުކައުންސިލަރުން ނޫންހެއްޔެވެ.

އޭދަފުށީކައުންސިލް މިހާރަށްވުރެ ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. ވަޒީފާ އަދާކުރުމުގައި އިޚްލާސްތެރިވާން ވެއްޖެއެވެ. އެހެންނޫނީ ރައްޔިތުން ނުކުމެ ނުކުރެވިހުރިކަންތައް ނުވަތަ ކުރަންޖެހިފައިވާ ކަންކަން ރަށުކައުންސިލް ލައްވާ ކުރުވަން ޖެހޭ ދުވަހެއް އަތުވެދާނެއެވެ. އެކަމަކު އެމަންޒަރަކީ ހަމަ ގައިމުވެސް ބަލާލަން ރީތި މަންޒަރަކަށްނުވާނެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު