
އޭދަފުއްޓަށް ގެނައި ހިލަތައް ބާޖުން ބޭލުމުގެ މަސައްކަތް މިއަދު ހިނގަމުންދަނީ. މިބާޖުން 4300 ޓަނުގެ ހިލަ ބާލާނެކަމަށް ބުނޭ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް
އޭއޭދަފުށިން ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް އޭދަފުއްޓަށް ގެނައި ހިލަބާޖުން އޭދަފުއްޓަށް ހިލަބާލަން ފަށައިފިއެވެ.
އެކިކަހަލަ ސަބަބުތަކާހުރެ ހިލަބޭލުން ލަސްވެގެންދިއުމަށްފަހު ރޭ ބާޖުން ހިލަބާލަންފެށުނީ އޭދަފުށި ސްޓޭޖް ސަރަހައްދުން ކަނޑަށް ވެލިބެޑެއްއަޅައި، އެތަނަށް ބާޖު ގާތްކޮށްގެންނެވެ. މިސަރަހައްދަށް ބާޖުގާތް ކުރެވޭތޯ މީގެ 3 ދުވަސްކުރިން ކޮންޓްރެކްޓަރާ، ކައުންސިލް އިދާރާއިން މަސައްކަތް ކުރިނަމަވެސް އެކިކަހަލަ ދަތިތަކާހުރެ އެކަން ވާގޮތްވީ އިއްޔެ ހަވީރު ކުރެވުނު މަސައްކަތުންނެވެ.
ހިލަބޭލުމުގެ މަސައްކަތް ރޭ 10 ޖެހިއިރު ފެށިއިރު މިއަދު ހެންދުނުވެސް އެމަސައްކަތް މެދުނުކެނޑި ކުރިޔަށް އެބަދެއެވެ. ފުރަތަމަ ޝިޕްމަންޓްގެ ގޮތުގައި އައި މިހިލަބާޖްގައި 4300 ޓަނުގެ ހިލަ އެބަހުރިކަމަށް ކައުންސިލް އިދާރާއިން ކުރިން ބުނެފައިވެއެވެ. ކައުންސިލް އިދާރާއިން ބުނީ ބާޖުން ހިލަބާލާ ނިންމުމަށް ދެތިންދުވަހެއް ހޭދަވާނޭކަމަށެވެ.
އޭދަފުށީގެ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ބޮސްކާލިސް އިންޓަނޭޝަނަލްއާ ހަވާލުކޮށްފައިވާއިރު، އެމަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް އޭދަފުށި ކައުންސިލުން ދަނީ ވަމުންނެވެ. މައުލޫމާތު ލިބޭގޮތުން ކޮންނަބޯޓް މިހާރު ދ. މީދޫގައި ހިއްކަމުންދާ ސަރަހައްދު ނިންމާ ލަސްނުވެ އޭދަފުއްޓަށް ދަތުރުކުރާނެއެވެ.