
އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ރޭ ރޯޔަލް އައިލެންޑް ރިސޯޓްގައި ކުރިޔަށްދަނީ. މިމުބާރާތުގައި މިއަހަރު 5 ރިސޯޓަކުން ބައިވެރިވޭ. ފޮޓޯ/ ސީސީ
ބ. އަތޮޅުގައި ހުރި ރިޒޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި މިދިޔަ އަހަރުގެ ޗެންޕިއަން ސޮނެވާފުއްޓާ، އަނަންތަރާ ބައްދަލުކުރަން ޖެހިއްޖެއެވެ.
މިގޮތަށް ހަމަޖެހުނީ ރޭ ރޯޔަލް އައިލެންޑް ރިސޯޓްގައި ބޭއްވި މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގައި ދިމާވިގޮތުންނެވެ. 5 ރިސޯޓަކުން ވާދަކުރާ މިމުބާރާތް ފަށާނީ މިމަހުގެ 10 ވާ ބުރާސްފަތިދުވަހު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
އަނަންތަރާއާ، ސޮނެވާފުށީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ދެން ވާދަކުރަނީ ދުސިތް ތާނީ މޯލްޑިވްސް (މުއްދޫ)، ކިހާދޫ މޯލްޑިވްސް (ކިހާދުއްފަރު) އަދި ރޯޔަލް އައިލެންޑް (ހޮރުބަދޫ) އިންނެވެ.
މުބާރާތް އިންތިޒާމް ކުރާ އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ) އިން ބުނީ މުބާރާތް ކުރިޔަށްދާނީ އެއް ގްރޫޕެއްގައި 5 ޓީމް ހިމެނޭގޮތަށް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ސީދާ ފައިނަލަށް ދާގޮތަށްކަމަށެވެ. އޭގެއިތުރުން ގްރޫޕްގެ 2 ވަނައާއި 3 ވަނައަށްދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅެ މޮޅުވާ ޓީމެއް އަނެއްކޮޅުން ފައިނަލަށްދާ ގޮތަށް ކަމަށެވެ.
ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން މިމުބާރާތް ސީސީން ބާއްވާ މިއީ ތިންވަނަ އަހަރެވެ. މިދިޔަ އަހަރު 6 ރިސޯޓަކުން ބައިވެރިވި މިމުބާރާތުގައި މިއަހަރު ލަނޑާ ގިރާވަރުން ބައިވެރިވެފައެއް ނުވެއެވެ.