ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލުމަށް ދީފައިވާ މުއްދަތު ހަމަވާން އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް އަނެއްކާވެސް މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާ ގުޅިގެން މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއްލާނެއްގައި ބުނެފައިވަގޮތުން މުއްދަތު އިތުރުކޮށްފައިވަނީ ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކަމަުގައެވެ. ކައުންސިލްތަކަށް ކުރިމަތިލުމަށް މިހާރު ދީފައިވާ ތާރީޚަކީ ފެބްރުއަރީ 28ވަނަދުވަހާ ހަމައަށެވެ.
.އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައިވާ ގޮތުން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން ޝަރުތުހަމަވާ ނަމަވެސް ކުރިން ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ ފަރާތްތަކަށް ފޯމް ހުށައެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. .
އަދި މުއްދަތު އިތުރުކުރިނަމަވެސް ކުރިން ފޯމް ހުށައަޅާފައިވާ ކެނޑިޑޭޓުން އަލުން ފޯމް ހުށައަޅަން ނުޖެހޭނެކަމަށްވެސް އިލެކްޝަންސްގެ އިއުލާނުގައި ވެއެވެ.
ފޯމް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު އަށަކުން ފެށިގެން ހަވީރު ތިނަކަށެވެ. ހުކުރު ދުވަހު ވެސް މެންދުރުފަހު ތިނަކުން ފެށިގެން ފަހެއް ޖަހަންދެން ބާޖަމާލުއްދީނުން ފޯމް ބަލައިގަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ނެގުން އޮންނާނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު އަށަކުން ހަވީރު ހަތަރަކާ ހަމައަށް ކަމަށެވެ.
ޕީޕީއެމްއިން ކޯޓަށް ހުށައެޅި މައްސަލައަކާއި ގުޅިގެން އިންތިހާބު ފަސްކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު އައި ނަމަވެސް އިންތިޚާބަށް އެއްވެސް ނުފޫޒެއް ނެތްކަމަށާ އިންތިހާބު މިިނިވަންވާނެކަމަށެވެ.