
ދޮންފަނު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސާލިމް. ފެންފަށަލައިގެ މައްސަލާގައި ކަންބޮޑުވުން އެބައޮތްކަމަށް ވިދާޅުވި / ފޮޓޯ: އީވީ
ބ. ދޮންފަނުގެ މީރުފެންފަށަލަ ތަޢައްޔަރުވަމުންދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އީވީއަށް ދެއްވި އިންޓަވިއުއެއްގައި އެކައުންސިލްގެ ޒިންމާދާރުވެރިޔާ، ޑިރެކްޓަރ މުހައްމަދު ސާލިމް ވިދާޅުވީ ފެންފަށަލަ ތަޢައްޔަރުވަމުންދަނީ ކަންބޮޑުވާންޖެހޭހާ އަވަސް ސްޕީޑްގައިކަމަށާ، މިކަމަށް ރަށުފެންވަރުގައި އެޅޭނެ ފިޔަވަޅެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ މިކަން ހައްލުކުރެވޭނީ ބިމަށް ހިންދާ ނަޖިސްފެން ހިންދުން ހުއްޓާލައިގެންކަމަށެވެ.
“ފެން ތަޢައްޔަރުވެގެން ވަރަށް ގިނަ ގޭގޭގައި އޮކްސިޖަން ޕަންޕު ބޭނުންކޮށްގެން ފެންވަރަނީ، އިރުވައި މޫސުމަށް މިމައްސަލަ އަދި ބޮޑުވަނީ އިނގޭތޯ. ނަރުދަމާއެއް ނާޅައި، ނަޖިސްފެން ހިންދުން ހުއްޓުވާނީ ކިހިނެއްތޯ. އެކަމަކު ނަރުދަމާއެއް އަޅާނީ ކިހިނެއްތޯ” ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ ރަށުގެ ފެންފަށަލަ ހަލާކުވާން ދިމާވީ ސުނާމީ ކާރިސާގެ ތެރޭގައި ކަމަށާ، ދުވަހެއް ދުވަހަކަށް މައްސަލަ ގޯސްވަމުންދާކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކަށް މިމައްސަލަ ދަންނަވަމުން ދާކަމަށްވެސް ސާލިމް ވިދާޅުވިއެވެ.
“ސުނާމީގައި ބޮޑަށް ގެއްލުންވީ، އޭގެފަހުން މިމައްސަލަ މިދަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ބޮޑުވަމުން. އެއްސަރަހައްދަކުން ވަރަށްގިނަ ގޭގެއަށް މިމައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފަ މިއޮތީ. ދެން ދަންނަވަންޖެހޭ ހިސާބުތަކުގައި ދަންނަވަމުންމިދަނީ”
ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ދޮންފަނުގެ އިތުރުން ސުނާމީގައި ބޮޑުގެއްލުމެއް ލިބުނު ބ. ކިހާދޫގެ ފެންފަށަލައާ، މާޅޮހުގެ ފެންފަށަލަވެސް ތަޢައްޔަރުވެފައިވާތީ އެރަށްރަށުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.