އިސްލާމީ ތަރުބިއްޔަތުގެ އަޞްލު 3

muslims.jpg

އިސްލާމް ދީނުގައި ތަރުބިއްޔަތަކީ ވަރަށް މުހިންމު އަދި އެހާމެ މަތިވެރި ދަރަޖަ އެއްދީފައިވާ ކަމެކެވެ. މިއީ ވަރަށް ބޮނޑު މަސްއޫލިއްޔަތެކެވެ. އަދި އެހާމެ ބުރަކަމެކެވެ. އެންމެ މަތީ ދަރަޖާގައި މިކަމުގައި މަސްއޫލިއްޔަތު އުފުލަންޖެހޭނެ ބަޔަކީ މައިންބަފައިންނާ ޓީޗަރުންނާއި، އެންމެހާ މަސްއޫލް ވެރިންނެވެ. އިންސާނަކަށް ކުރެވޭނެ އެންމެމަތިވެރި އެއްކަމަކީ އޭނާގެ ދަރީން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރުމެވެ. އެއީ ތިމާގެ ހަށިގަނޑުގެ ބަޔެކެވެ. ހިތުގެމޭވާއެވެ. ތިމާގެ ދިރިހުރުން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންތަކެވެ. ކުއްޖާގެ އެންމެ ފުރަތަމަ ތަރުބިއްޔަތުގެ ބިންގަލަކީ ކުއްޖާގެ ގެއެވެ. ކުދިން ތަރުބިއްޔަތު ކުރުމާބެހޭގޮތުން އަލް އިމާމް އަލް ޙަސަން އަލްބަޞަރީގެ އަރިހުން ސުވާލު ދެންނެވުމުން، ޖަވާބުގައި ވިދާޅުވީ، ކުއްޖާއަށް ޞާލިޙް މަންމައަކު ހޯދާށެވެ. އިސްލާމްދީނުގައި ދީންވެރި އަންހެނަކު ޙަޔާތުގެ ބައިވެރިއެއްކަމުގައި ހެދުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވަނީ އެހެންވެގެންނެވެ.

މާތްﷲރުއްސުންލެއްވި ސަޢީދުބިން އަބީވައްގާޞް ރިވާކުރެއްވި ޙަދީޘްއެއްގައި ވެއެވެ. ކީރިތިރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مِنْ سَعَادَةِ ابْنِ آدَمَ ثَلاَثَةٌ ، وَمِنْ شِقْوَةِ ابْنِ آدَمَ ثَلاَثَةٌ ، مِنْ سَعَادَةِ ابْنِ آدَمَ : الْمَرْأَةُ الصَّالِحَةُ ، وَالْمَسْكَنُ الصَّالِحُ ، وَالْمَرْكَبُ الصَّالِحُ ، وَمِنْ شِقْوَةِ ابْنِ آدَمَ : الْمَرْأَةُ السُّوءُ ، وَالْمَسْكَنُ السُّوءُ ، وَالْمَرْكَبُ السُّوءُ).
މާނައީ:އާދަމުގެދަރިޔާ ބާއްޖެވެރިވުމަށް މެދުވެރިވާ ތިންކަމެއްވެއެވެ. އަދި އަބާއްޖެވެރިވުމަށް މެދުވެރިވާވެސް ތިންކަމެއްވެއެވެ. ބާއްޖަވެރިވުމަށް މެދުވެރިވާ ކަންތަކުގެތެރޭގައި: ޞާލިޙް އަންބަކުލިބުމާއި، އުޅޭނެ ރަގަޅުތަނެއް ލިބުމާއި، ދުއްވާނެ ރަގަޅު ސަވާރީއެއް ލިބުންހިމެނެއެވެ. އާދަމުގެދަރިޔާ އަބާއްޖެވެރިކުރުވާ ކަންތައްތަކުގެ ތެރޭގައި: ނުބައި އަންހެނަކާއިޖެހުން، ދިރިއުޅެންރަގަޅުތަނެއްނުލިބުން، އަދިދުއްވާނެ ރަގަޅު ސަވާރީއެއް ނުލިބުންހިމެނެއެވެ.”

މާތްﷲރުއްސުންލެއްވި އަނަސް ބިންމާލިކްގެ ކިބައިންރިވާވެގެންވާ ޙަދީޘްއެއްގައި އައިސްފައިވަނީ ކީރިތިރަސޫލާ ޞައްލަﷲއަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مَنْ رَزَقَهُ اللهُ اِمْرَأَةً صَالِحَةً فَقَدْ أَعَانَهُ اللهُ عَلَى شَطْرِ دِيْنِهِ ، فَلْيَتَّقِ اللهَ فِيْ الشَّطْرِ الثَّانِيْ)
މާނައީ:މާތްﷲ މީހަކަށް ޞާލިޙް އަންބަކުދެއްވައިފިނަމަ އޭނާގެ ދީނުގެ ދެބައިކުޅައެއްބައި ފުރިހަމަކުރުމުގައި އެހީތެރިވެދެއްވައިފިއެވެ. ބާކީއޮތްބަޔާމެދު ތިޔަބައިމީހުން މާތްﷲއަށް ބިރުވެތިވެ، ތަގްވާވެރިވާށެވެ.

ތަރުބިއްޔަތަކީ މަސްއޫލިއްޔަތެކެވެ. މިސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި އުފުލޭނީ އެކަމަށް ޤާބިލް މީހުންނެވެ.
ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ قَالَ وَحَسِبْتُ أَنْ قَدْ قَالَ وَالرَّجُلُ رَاعٍ فِي مَالِ أَبِيهِ وَمَسْئُولٌ عَنْ رَعِيَّتِهِ وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ)މާނައީ: “ތިޔަބައިމީހުންކުރެ ކޮންމެމީހަކީވެސް މަސްއޫލުވެރިޔެކެވެ. އިމާމްމީހާ ނުވަތަ ގައުމުގެވެރިޔާއަކީ ރަޢްޔިތުންގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭގޮތުން ސުވާލުވެވޭނެއެވެ. ފިރިހެނާއަކީ އޭނާގެއަހްލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއިބެހޭގޮތުން އޭނާއާއި ސުވާލުކުރެވޭނެއެވެ. އަންހެނާއަކީ އޭނާގެފިރިމީހާގެ ގޭގެމަސްޢޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމްމީހާއަކީ އޭނާގެސައްޔިދުމީހަގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއިމެދު އޭނާއާއި ސުވާލުކުރެވޭނެއެވެ. ޙަދީޘްގެ ރާވީ ވިދާޅުވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ލަފާކުރެވެއެވެ. ކޮންމެ ފިރިހެނަކީ އޭނާގެބައްޕަގެ މުދަލުގެ ބަލަދުވެރިޔެކެވެ. އެކަމާއިމެދު އޭނާއާއި ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެމީހަކީވެސް ބެލެނިވެރިޔެކެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާއިމެދު ސުވާލުކުރެވޭނެއެވެ”

ރަގަޅު ތަރުބިއްޔަތުގެ ބޭނުމަކީ، ޞާލިޙް ރަގަޅު މީހަކު ބިނާކުރުމެވެ. ރަގަޅު އިސްލާމީ މުޖްތަމަޢް އެއް ބިނާކުރުމެވެ. ދުނިޔެއާ އާޚިރަތުގެ ހެޔޮކަން ޙާޞިލް ކުރުމަށް ޓަކައެވެ. އިސްލާމީ އުސޫލް ތަކާ ރަގަޅު އަޚްލާޤް އަށަގެންނެވުމެވެ. ދަރިންނަކީީ މާތްﷲ ދެއްވާފައިވާ ބޮޑުހަދިޔާއެކެވެ. ބޮޑުނިޢްމަތެކެވެ. އަދި ތިބާއަކީ އެކުއްޖާގެ މައިންބަފައިން ނުވަތަ އެދުރުމީހާނަމަ، ތިބާގެ އަމުރަށް ފުރިހަމައަށް ކިޔަމަންތެރިވާ މަޢުޞޫމް ކުއްޖެކެވެ. އެކުއްޖާގެ ޚަރަދުބަރަދު ބެލެހެއްޓުމަކީ ތިބާގެބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެދަރިފުޅަށް ރަގަޅު އިސްލާމީތަރްބިއްޔަތުދީީ، ހެޔޮމަގަށްއެޅުވުމަކީ ތިބާގެމަސްޢޫލިއްޔަތެކެވެ. ކުއްޖާގެ ކަންތަކަށް ފަރުވާކުޑަކޮށް ދުނިޔޭގެ ޒީނަތްތެރިކަންހޯދަން މަސައްކަތްކޮށްފިމީހާއަކީ ދެދުނިޔޭގެ ބާޖަވެރިކަން ގެއްލިހިގައިދާނެ މީހެކެވެ. ނޫންނަމަ ތިމާގެއަތުގައިވާ އެންމެއަގުބޮޑުހަދިޔާ ގެއްލިގެންދިޔައީއެވެ.

އެހެންވެ ކީރިތިރަސޫލާ- ޞައްލަﷲޢަލައިހިވަސައްލަމަ- ޙަދީޘްކުރައްވާފައިވެއެވެ. (عَلِّمُوْا أَوْلَادَكُمْ وَأَهْلِيْكُمُ الْخَيْرَ وَأَدِّبُوْهُمْ)މާނައަކީ: “ތިޔަބައިމީހުންގެ އަނބިންނާއި ދަރިންނަށް ހެޔޮކަންތައް ދަސްކޮށްދޭށެވެ. އަދި ރަގަޅު އާދަތައް ދަސްކޮށްދޭށެވެ”. ހެޔޮކަންތައްތަކުގެ ތެރޭގައި އެންމެ މަތީދަރަޖާގައިވަނީ، ނަމާދުގެ އަޅުކަމެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމާދުގެ ލޯބި ދަރިންގެ ހިތުގައި އަށަގަންނުވަން މަސައްކަތް ކުރަން ޖެހެއެވެ. ދެދުނިޔޭގެ ކާމިޔާބާ ފަލާޙް ލިބިގެން ވަނީ މިކަމުގައެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ކާބަފައިން ދައްކުވާދީފައިވަނީ ވެސް ވަރަށް މަތިވެރި މިޡާލް ތަކެވެ. ކީރިތި ޤުރުއާންގައި އެކަން ބަޔާން ކުރައްވާފައިވަނީ އަޅުގަޑުމެންނަށް ޢިބްރަތަކަށް ޓަކައެވެ. ފިލާވަޅު ދަސް ކުރުމަށް ޓަކައެވެ.
(وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا لَا نَسْأَلُكَ رِزْقًا نَحْنُ نَرْزُقُكَ وَالْعَاقِبَةُ لِلتَّقْوَى)
މާނައީ: “ކަލޭގެފާނުގެ އަނބިދަރީންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ. އަދި އެކަމުގައި ކެތްތެރިވެ ވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ފަރާތުން ރިޒްގަކަށް ތިމަންﷲ އެދިވަޑައެއްނުގަންނަވަމުއެވެ. ކަލޭގެފާނަށް ރިޒްގުދެއްވަނީ ތިމަންﷲއެވެ. އާޚިރުގައި މޮޅުރަގަޅުގޮތްވަނީ ތަގްވާވެރިވީމީހުންނަށެވެ”.
މިއާޔަތުގައިމިވަނީ ދަރިންނަށް ރިވެތި އަޚްލާގާއި ތަހްޛީބު އަދި ރަގަޅުޢާދަކާދަތައް ދަސްކޮށްދިނުމަށް ވަޞިއްޔަތްކުރައްވާފައެވެ.

ނަމާދު ފަދަ ހެޔޮޢަމަލް ކުރުމަކީ އެކަމުން ނަސޭޙަތް ދޭފަރާތަށާ، ނަސޭޙަތް ލިބޭފަރާތަށް ވަރަށް ފައިދާ ކުރަނިވި ކަންތައްތައް އެކުލެވިގެންވާކަންތައްތަކެވެ.
(يَا أَيُّهَا الَّذِينَ آَمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ)
މާނައީ ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަނަފްސުތަކާއި އަހްލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ. އެނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ. އެތަނުގައި ހިތްހަރުކަށި މަލާއިކަތުން ލައްވާފައިވެއެވެ. އެބޭކަލުންނަށް މާތްﷲ ކުރެއްވިއަމުރަކަށް ނުކިޔަމަންތެރިއެއް ނުވާނެއެވެ. އަދި އެބޭކަލުންނަށް އަމުރުވެވިގެންވާ ކޮންމެކަމެއްކުރާނެއެވެ”.

ދަރިންނަކީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ ހަދިޔާއެކެވެ. ކޮންމެ އިންސާނަކީވެސް އެމީހަކާ ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތާއި ބެހޭގޮތުން ގިޔާމަތްދުވަހުން ސުވާލުވެވޭނެމީހެކެވެ.
ޝައްކެތްނެތްގޮތުގައި ކަމަކީބުރަކަމެކެވެ. ނަމަވެސް މީހާއަތުގައި ހުރިހާކަމެއް ފުރިހަމަވެފައި ހުރިކަމުގައިވީނަމަވެސް ދަރީންނަކީ ރަގަޅު ބަސްއަހާކުދިންތަކެއްކަމުގައި ނުވެއްޖެނަމަ އެއްވެސްއުފަލެއްނެތެވެ. އެހެންކަމުން ތިމާމިދުނިޔެމަތީގައި އުފަލުގައިއުޅެ، އަދިމަރުވުމަށްފަހުގައިވެސް ތިމާއަށް ފައިދާއެއް ކުރުވަނިވިކަމެއް ދުނިޔެއަށްދޫކުރަން ބޭނުންނަމަ ދަރީންހެޔޮގޮތުގައި ތަރްބިއްޔަތު ކުރަންޖެހެއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “އާދަމްގެދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުންމެނުވީ އޭނާގެޢަމަލުތައް ހުއްޓިގެންދެއެވެ. އޭގެތެރެއިން އެއްކަމަކީ އޭނާއަށްޓަކައި ދުޢާކޮށްދޭނެ ހެޔޮލަފާ ޞާލިޙްދަރިޔެކެވެ”.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top