ހޯނާއި ހަރުފަ ފަދަ ސޫފިތަކަށް ހޫނު ތަންތަނުގައި މަޑޫކޮށްގައިގެން އޮތުމަކީ މާބޮޑުކަމަކަށް ނުވެއެވެ. ނަމަވެސް އަވީގެ ހޫނުން ދޮންވެފައިވާ ހިލަގަނޑެއްގެ މަތީގައި ރަތްދަކަ އަވީގައި އިންސާނުން އޮށޯވެ އޮތުން ޢާންމުވުމުން ލިބޭނީ ކުއްލި ހައިރާންކަމެކެވެ. މިއީ އަޖާއިބުކުރުވަނިވި ވާހަކައެއް ނަމަވެސް މިއީ ޗައިނާގެ ޒިއާން ސިޓީގައި މެދުޢުމުރުގެ އަންހެނުން އެމީހުންގެ ޞިއްޙަތު ދުޅަހެޔޮ ކުރުމަށްކަމަށްބުނެ ކުރާ އާދަޔާ ޚިލާފު ކަމެކެވެ. މިކަމަކީ މި އަހަރު ހޫނު މޫސުމުގައި އެމީހުންގެ މެދުގައި ޢާންމުވެފައިވާ ކަމެކެވެ. ގަދަ އަވީގެ ހޫނުން ދޮންވެފައިވާ ބޮޑެތި ހިލަގަނޑުގަނޑުގެ މަތީގައި އަންހެނުން އޮށޯވެ ތިބުން ނުވަތަ އެފަދަ ހިލަތަކުގައި ބައްދައިގެން ތިބުމަކީ އެމީހުން ދެކޭގޮތުގައި ރަނގަޅު ކަމެކެވެ.
މި މަންޒަރު ފުރަތަމަ ފެންނަން ފެށުމުން މީހުން ހީކުރީ އެއީ އެމީހުން ދައްކާ ހުނަރެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން އެގައުމުގެ ނޫސް ރިޕޯޓަރުން އެމީހުންނާ ސުވާލުކުރުމުން އެމީހުން ބުނީ އެއީ ތަފާތު ބަލިބައްޔަށްވާ ޝިފާއެއް ކަމަށެވެ. އެތަނުގައި ހޫނު ހިލައިން ފަރުވާ ހޯދަމުންދިޔަ “ލޯ” ކިޔާ މީހަކު ބުނީ އޭނާގެ ހަށިގަނޑުގެ ހުޅުހުޅަށް ވާ ތަދުތަކާއި، ނާރުތަކާއި މަސްތައް ހަރުއެރުމުގެ މައްސަލައަށް މިހާރު ލުއި ލިބެމުންދާ ކަމަށެވެ. ގިނަދުވަސްވެފައި ހުންނަ ތަދުތަކަށްވެސް ގިނަ ދުވަހު މިފަރުވާ ހޯދުމުގެ ސަބަބުން ލުއި ލިބިފައިވާ ކަމަށް އެމީހުން ބުނެއެވެ.
މިފަދަ ހޫނު އެއްޗެއްގެ މަތީގައި ގިނަ އިރު އޮތުމަކީ އަންހެނަކަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫންކަމަށް ވަރަށްގިނަ މީހުން ޤަބޫލްކުރެއެވެ. ނަމަވެސް އެޤަބޫލްކުރުން މިހާރު މިވަނީ މުޅިން ބަދަލުވެފައެވެ. ޗައިނާގެ “ޝާންޒީ ޑެއިލީ” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ބައެއް ފިރިހެނުންވެސް މި ހޫނު ހިލަތަކުގެ މަތީގައި އެގޮތަށް ތިބެ ހޫނު ހިލައިގެ މި އާދަޔާ ޚިލާފު ފަރުވާ ހޯދުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް އެ ހިލަތަކުގެ ހޫނުކަމުން ފިރިހެނުންނަށް ކެތްނުކުރެވިގެން ވަކި ހިސާބަކުން ޚިޔާލު ބަދަލުވަނީއެވެ.
ދުވަހުގެ އެންމެ ހޫނުގަދަ ގަޑީގައި އެ ހިލަތައް އެންމެބޮޑަށް ދޮންވުމުން އޭގެމަތީގައި އޮށޯވެ އޮވެގެން އެމީހުން އެހޯދާ އާދަޔާ ޚިލާފު ފަރުވާއަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށްބުނެ ޑޮކްޓަރުންވަނީ އިންޒާރު ދެއްވާފައެވެ. އެހާ ގަދަ ހޫނަކަށް ހަށިގަނޑު ހުށަހެޅުމަކީ ހޫނުވުމުގެ ސަބަބުން ހަންގަނޑު ފިހުމާއި، ހީޓް ސްޓްރޯކްޖެހުންފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި އެމީހުން އެބުނާހެން އެ ހޫނު ހިލަތަކުގައި ފަރުވާއެއް ވުމަކީ ވަރަށް ނާދިރުކަމެއްކަމަށްވެސް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ.