60000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓު ނަގަން ފަށަނީ

ގުި.jpg
މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ހޮސްޕިޓަލްތައް ފިޔަވައި އެހެން ތަންތަނުން ބޭސްފަރުވާކުރާ އިރު ދައްކަން ޖެހޭ ކޯޕޭމަންޓަކީ ބޭސްފަރުވާއަށް ހަރަދުވާ ފައިސާގެ 15 ޕަސެންޓް ކަމަށް ކަނޑަައަޅައި ހެލްތު މިނިސްޓްރީން އެކަން އިއުލާނުކޮށްފި އެވެ.

މި ނިންމުމަށް 1 ޖެނުއަރީ 2027 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

މިނިސްޓްރީ އޮފް ހެލްތް ފެމެލީ އެންޑް ވެލްފެއާއިން މިއަދު ނެރުނު އާންމު އިއުލާނެއްގައި ބުނެފައިވަނީ، ކޯ-ޕޭމަންޓް ދައްކަންޖެހޭނީ އާސަންދަ ސްކީމުގައި ބައިވެރިވެފައިވާ އަމިއްލަ ކްލިނިކްތައް، ހޮސްޕިޓަލްތައް، ފާމަސީތައް، އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ހޯދާ ޙާލަތުގައެވެ. ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ އަތުން މި ފީ ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

ހަމައެހެންމެ، ސަރުކާރުގެ ތަންތަން މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވާ ޙާލަތުގައި ވެސް ކޯ-ޕޭމަންޓެއް ނުނެގޭނެ ކަމަށާއި، މިހާރު ވެސް ހިނގާ އުސޫލުގެ ދަށުން ފުރިހަމަ ޚިދުމަތް ލިބޭނެ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ފަންނީ ދާއިރާތަކުގެ މީހުން ހިފެހެއްޓުމުގެ ބޭނުމުގައި ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ އިތުރުން އިންޖިނިއަރުންނާއި ސައިންސް ދާއިރާތަކުގެ ފަންނީ މުވައްޒަފުން ވަނީ މި އުސޫލުން އިސްތިސްނާކޮށްފައެވެ.

މި ނިންމެވުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މި ބަދަލާ އެކު ދައުލަތުގެ ބަޖެޓުން އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެ ފައިސާ ރައްޔިތުންނަށް ބޭނުންތެރި އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީއަށް ޚަރަދުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top