ޑޮލަރުގެ މުއާމަލާތްތައް އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަށް ގެނެވޭނެ: ބީއެމްއެލް

b_JoSIrxbCuGMaPQ4Lli2mnlwWV.jpg

އަންނަ ހަފުތާގެ ނިޔަލަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް ގައުމީ ބޭންކު ބީއެމްއެލުން ލަފާކޮށްފިއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކު މެދުވެރިކޮށް ރުފިޔާ އެކައުންޓުތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ.

އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް އެވަރެޖުކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާ ކަމަށާއި އެ މަހުގެ ނިޔަލަށް މި އަހަރު 653 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 33 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، ބީއެމްއެލުން ލަފާކުރާ ގޮތުގައި މި އަހަރު ނިމެންވާއިރަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ.

އެއާއެކު ބީއެމްއެލުން ހާމަކުރި ބައެއް ތަފާސްހިސާބުތަކުގައިވާ ގޮތުން އެ ބޭންކުގެ ޑެބިޓު ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ މުއާމަލާތްތަކަށް މަހަކު 38 މިލިއަން ޑޮލަރު ވިއްކައިފައިވެއެވެ.

އަދި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ތަކަށް މަހަކު 27 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށާއި، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހީންނަށް މަހަކު 9.4 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށާއި، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް މަހަކު 7.3 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.

ނަމަވެސް ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު މިއީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވަނީ ސެޕްޓެންބަރު މަހު ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. ބީއެމްއެލުން ބުނީ އެ ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.

އެހެންވެ ބޭންކަށް ޑޮަލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، މި ފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައިވެ އެވެ.

ބީއެމްއެލް އިން ބުނީ މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް މިހާރު އެހީތެރިވެ ދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާ ނިމެންވާ އިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ. ބޭންކުން ބުނީ މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށް ދެމުންދާނެ ކަމަށެވެ.

“ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައް ކުރެވޭނެ މަގުފަހިކޮށް ދިނުމަށާއި، ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަން ދިނުމަށް.” ބީއެމްއެލުން ބުންޏެވެ.

ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ގައުމީ ބޭންކުން ވަނީ ދީފަ އެވެ.

ބީއެމްއެލުން ބުނީ މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސް ކަމެއް ކަމަށާއި، މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން ކަމަށެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންނާއި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުންދާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top