ދަރިވަރުންގެ އަޑަކީ މުސްތަގުބަލުގެ އަޑު ކަމަށާއި އެ ކުދިންގެ ވާހަކަތަކުން މާދަމާގެ މުޖުތަމައު ބައްޓަން ވާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހަމަ އެހެންމެ ދުލުން ނިކުންނާނީ، އަޚުލާގީ މިންގަނޑަށް ފެތޭ، އިލްމީ ބަސްތަކަށް ހެދުމަށް އަޒުމް އާކުރުމަށް، ދަރިވަރުންނަށް މިނިސްޓަރު ނަސޭހަތްދެއްވިއެވެ.
މިނިސްޓަރު މިމޭރުމުން ވާހަކަ ދައްކާފައިވަނީ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްްވުމުގެ ގޮތުން ރޭ ބޭއްވީ ޚާއްސަ ޖަލްސާގައެވެ.
މިރަސްމިއްޔާތުގައި ހީނާ ވިދާޅުވީ، މިއަދުގެ ޖީލުގެ ބައެއް ކުދިން މާދަރީ ބަސް ނުވަތަ ދިވެހި ބަހުން ވާހަކަދައްކަން ޖެހިލުންވާތީ އެކަމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށާއި ވާހަކަދެއްކުންތެރިކަމަކީ ބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި އާލާކުރަން ޖެހޭ މުހިންމު ސިފައެއް ކަމަށެވެ. މިގޮތުން، ހަޔާތުގައި ކާމިޔާބާ ހަމައަށް ވާސިލުވަނީ އެހެން މީހުންނާ މުއާމަލާތު ކުރަން ދަސްވެފައި ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ފޯނުން ވާހަކަދެއްކުން އާންމު ޒަމާނެއްގައި، މި ޖީލުގެ ބައެއް ކުދިންނަށް މީހުންނާ ސީދާ މުއާމަލާތު ކުރުމަށް އުނދަގޫވާ މަންޒަރު ފެންނަކަން ހީނާ ފާހަގަކުރެއްވިއެވެ.
ވާހަކަދެއްކުންތެރިކަން ފަދަ މުބާރާތްތައް ބާއްވަނީ ވެސް ވާހަކަދެއްކުންތެރިކަމުގެ ސިފަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށާއި އެ މުބާރާތްތަކުގެ ސަބަބުން، ދަރިވަރުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ގިނަ މީހުންގެ ކުރިމަތީގައި ބަސް ބުނަން ކެރޭކަން ހީނާ ފާހަގަކުރެއްވިއެވެ.
އެފަދަ މުބާރާތްތަކަކީ ހުރަސްތައް ގިރާކޮށް، ދިވެހި ބަހުން މުއާމަލާތު ކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ހީނާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، މުއާމަލާތު ކުރުމުގެ ހުނަރަކީ ވަޒީފާގެ މާހައުލުގައި މީހެއްގެ ކިބައިގައި ހުންނަން އެންމެ އެދޭ ހުނަރުކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، އެ ހުނަރު ހުންނަ ކުއްޖަކަށް ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު ވެސް ތަނަވަސްވާ ކަމަށެވެ. އަދި، އެދެވޭ ބޮޑެތި ކާމިޔާބީތައް ހޯދުމަށް އެ ކުދިންނަށް ފަސޭހަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.






